English Edition
Dhivehi Edition

ޙަޔާތުގައި އަންނާނެ އެންމެ މުހިއްމު އެއް ދުވަހަކީ ކައިވެނީގެ ހަފްލާ އޮންނަ ދުވަހެވެ. އެކަމަށްޓަކައި ދުރާލާ ތައްޔާރުވުމަކީ އެހަފްލާއަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމެކެވެ.

އެގޮތުން ކައިވެނީގެ ހަފްލާއަށް ތައްޔާރުވުމުގައި ވަރަށް ގިނަ ކަންތައްތަކަކަށް ވިސްނަން ޖެހެއެވެ. އެންމެ ފަހު ވަގުތު ގިނަ ކަންތައްތަކާއި ވިސްނުމަށް މަޑުކޮށްފިނަމަ އެންމެ ފަހު ވަގުތު މާޔޫސް ވުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން ކަމުގެ ތަޖުރިބާކާރުންގެ ބަހާއި އެކު މިކަމަށްޓަކައި ދުރާލާ ތައްޔާރުވުމުގައި ކުރެވިދާނެ ބައެއް ކަންތައްތައް ވެއެވެ.

ކައިވެނި ޕާޓީ އަކީ ބޮޑު ހަރަދެއް ހިނގާނެކަމެކެވެ. ޕާޓީ އަށް ތައްޔާރުވުމުގައި އާއި، ނިމިގެން ވެސް ކުރަންޖެހޭ ޙަރަދު ބޮޑެވެ. އެހެންކަމުން ޕާޓީއަށް ހޭދަ ކުރާނެ ވަރަކާއި، އަތުގައި ހުރި ފައިސާއާއި މެދު ވިސްނާލަން ޖެހެއެވެ. އަދި ބޭކާރު ޙަރަދު ކުރުން މަދުކުރަން ކޮންމެހެން ވެސް ޖެހޭނެއެވެ.

ދުރާލާ ތައްޔާރުވުމުގެ ގޮތުން ޕާޓީގައްޔާއި ޕާޓީއަށް ފަހުގައި ކުރާނެ ކަންކަމުގެ ތާވަލެއް އެކުލަވާލުން ބުއްދިވެރިއެވެ. އަދި އެކަންކަމަށް ހިނގާނެ ޚަރަދާއި، ކުރަންޖެހޭނެ ކަންތައްތައް ލިސްޓްކޮށް އެކި މީހުންނަށް ކަންކަން ބަހާލުމަކީ ބޮލުގެ ރިހުން ކުޑަކޮށްދީ ވީހާވެސް އޮމާންކަމާއިއެކު އެކަން ނިމިގެންދިޔުމަށް އޮތް މަގެކެވެ.

ފޮޓޯ އަކީ މިފަދަ ހަފްލާއެއް ނިމިގެންދާއިރު ތާރީޚްގެ ތެރެއަށް ވަދެގެންދާނެ އެންމެ މުހިއްމު އެއްޗެވެ. އެގޮތުން ޕާޓީތެރޭގެ ފޮޓޯ އާއި، ވެޑިންގ ޕޮޓޯ ނެގުމަކީ ގިނަ ބަޔަކު ޚަރަދުކޮށްގެން ކުރާ ކަމެކެވެ. އެހެންކަމުން މިކަމަށްވެސް ދުރާލާ ތައްޔާރުވާން ޖެހެއެވެ. ކޮންމެ މީހަކީ ޕޮޓޯ ޝޫޓަށް މޮޑަލް ކުރުމަށް ކުޅަދާނެ މީހަކަށް ނުވެދާނެއެވެ. އެހެންކަމުން ދުރާލާ އެކަމަށް ޕްރެކްޓިސްކޮށް ތައްޔާރުވާން ޖެހެއެވެ. ނޫންނަމަ ފޮޓޯ ނަގާ ދުވަހު އެކަމަށް ހޭދަވާ ވަގުތު އިތުރުވެ، ވަރުބަލިކަން އިޙްސާސްކުރެވުމުގެ ސަބަބުން ފޮޓޯތައް އެންމެ ރީތި ނުވެދާނެއެވެ.

ކައިވެނީގެ ހަފްލާއަށް ދާ އެންމެން ވެސް އެންމެ ބޮޑަށް އަޅައިގަންނާނެ އެކައްޗަކީ އަތް ތިލައެވެ. ސަބަބަކީ ކޮންމެ މީހަކުވެސް ސަލާން ކޮށްލަން ބޭނުންވާނެތީ އާއި، މަރުޙަބާ ކިޔުމުގެ ގޮތުން އަތުގައި ހިފާލަން ބޭނުންވާނެތީއެވެ. އެހެންކަމުން އަތްތިލައާއި، ނިޔަފަތިތައް ރީތިކޮށް ދުރާލާ ސާފުކުރުން ވަރަށް މުހިއްމެވެ. އަދި އެދުވަހުގައި އެކަމަށް ޙާއްސަ ސަމާލު ކަމެއް ދޭން ޖެހޭނެއެވެ. މީގެ އިތުރުން ފޭޝަލް ހެދުމަކީވެސް އޮންނަ ކަމެކެވެ. ނަމަވެސް ގިނަ ބަޔަކަށް މިކަމުގެ އެންމެ ރަނގަޅުގޮތް އެނގިފައި ނެތީކަމަށް ވެދާނެއެވެ. ކައިވެނި ޕާޓީއަށް އެރޭގައި ފޭޝަލް ހެދުމުގެ ބަދަލުގައި ދުވަސް ކުރިއަށްލާ، ސެލޫން އިން އެކަން ކުރުން ބުއްދިވެރިއެވެ. އޭގެ ސަބަބުން ގުދުރަތީ ރިތިކަމެއް މޫނު މައްޗަށް ވެރިވެގެން ދާނެކަމަށް މިކަމުގެ ތަޖުރިބާކާރުން ބުނެއެވެ.

ހަށިގަނޑަށް ބަލައިގެން ކެއުން ބުއިމަށް ބަދަލުތައް ގެންނަން ޖެހެނީވެސް ވަގުތު އޮއްވައެވެ. ރަނގަޅު ކާނާ ކެއުމާއި، ހަށިގަނޑަށް ގެއްލުން ހުރި ކާނާއިން ދުރުވެ ހުރުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. އަދި ހަމަ އެހެންމެ ހަށިގަނޑަށް އަރާމް ލިބޭގޮތަށް ދުވަސްތައް ހޭދަ ކުރުން ވެސް ވަރަށް މުހިއްމެވެ. އޭގެ ސަބަބުން ހަށިގަނޑު އެދުވަހަކަށް ތައްޔާރުވުމަށް އިތުރު ހިތްވަރެއް ލިބިގެން ދެއެވެ.

ކައިވެންނަށް ތައްޔާރުވުމުގައި މިނޫނަސް ވަރަށް ގިނަ ކަންތައްތައް ދުރާލާ ކުރަންޖެހެއެވެ. އޭގެ ސަބަބުން އެކައިވެނީގެ ހަފްލާއަކީ އުފާވެރި ހަފްލާއަކަށް ބަދަލުވެ، ޒަވާޖީ ހަޔާތްވެސް ރަނގަޅު ބިންގަލެއްގެ މަތީގައި އެޅިގެން ދިޔަކަމުގެ އިޙްސާސް ކުރެވިގެން ދާނެއެވެ.