English Edition
Dhivehi Edition

ވަޒީފާއެއް ހޯދުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭނީ ވަޒީފާއެއް ހޯދުމަށް އުޅުނީމެވެ. އަދި ވަޒީފާއެއް ލިބުނު ކަމުގައި ވިޔަސް އެމީހަކު ހިތްހަމަޖެހޭ ކަހަލަ ނުވަތަ ވަޒީފާ ދޭ ފަރާތުން އެދޭ ފަދަ މީހަކަށް ވެވޭނީ ވަރަށް މަސައްކަތުންނެވެ.

ނިއުޔޯކްގެ ޕްރޮފެސަރެއްކަމަށްވާ ރޮބަޓް ހާފް ވަނީ ވަޒީފާއަށް ކުރިމަތިލާ ކުދިންނަށް އިތުރު މަގުތަކެއް ފަހިކޮށްދީފައެވެ. އެގޮތުން ސީވީ ތައްޔާރުކުރުމާއި، ކުރިމަތިލާ އެހެން ކުދިންނަށް ވުރެ އަވަހަށް އެވަޒީފާއަކަށް ހޮވުމަށް މަގުފަހިވާ ގޮތްތައް ހޯދައިދީފައި ވެއެވެ. އޭނާގެ ހޯދުންތަކުގެ ސަބަބުން ވަޒީފާ ހޯދާ ބައެއް ފަރާތްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބި އަވަހަށް ވަޒީފާ ލިބިފައިވާ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

އެގޮތުން ތަޢުލީމު އުނގެނެމުން ދާއިރު ދަރިވަރުން އަދާކުރާ ވޮލަންޓަރީ މަސައްކަތްތަކުގެ ވާހަކަތައް ސީވީގައި ހިމެނުމަކީ އިތުރު މާކްސް ލިބިގެންދާކަމެއްކަމަށް ވެއެވެ. އެއީ އެހެން ވަޒީފާއެއް އަދާކޮށްގެން އިތުރު ތަޖުރިބާ ލިބިފައިވުމާއި އެއްފަދަ ކަމެކެވެ.

މިކަމާއި ގުޅިގެން ކެއިތު ޖޯންސްޓޯން ގެ ‘ޕީކް ސޭލްސް ރެކްރޫޓިންގ’ ފޮތުގައި ބުނެފައިވާގޮތުން އަދުގެ ކުންފުނި ތަކުން ހަމަ އެކަނި ބަލަނީ ހުނަރުން ފުރިގެންވާ މީހަކު ވަޒީފާއަށް އައްޔަން ކުރުމަކަށް ނޫންކަމަށެވެ. އެހެނެއްކަމަކު އެމީހަކު ކުރާ މަސައްކަތަކުން ކުންފުންޏަށް ފައިދާ ކުރަނީ ކިހާވަރަކަށް ކަން އެނގޭ މީހުންނަށް އިސްކަން ދެއެވެ.

މަދަރުސީ ދައުރުގައި ހޯދައިފައިވާ ނަތީޖާއަށް ބަލައިގެން ވަޒީފާ ދިނުމަކީ މަދު ބަޔަކު ކުރާކަމެކެވެ. ނަމަވެސް އިންޓަވިއުގައި ތައުލީމީ ނަތީޖާގެ އިތުރުން އެމީހަކު އަދާކޮށްފައިވާ އެހެން ވަޒީފާތަކާއި ނުވަތަ އެހެނިހެން ދަރުމަވެރި މަސައްކަތްތަކާއި، ހޯދައިފައިވާ ކާމިޔާބީތަކުގެ އަޑު އެހުމަށް އިންޓަވިއު ކުރާ ފަރާތްތައް މާބޮޑަށް ޝައުޤުވެރިވާކަމަށް ވެއެވެ. އެހެންކަމުން ސީވީ އަކީ މިއަދު ވަޒީފާގެ ބާޒާރުގައި ބާރުގަދަ އެއްޗަކަށް ހެދުމަށްޓަކައި މިދެންނެވި ކަންކަން ހިމަނަން ޖެހެއެވެ.

މަތީ ސަނަދުތައް ހިފައިގެން ދާ ދަރިވަރުގެ ކިބައިގައި އިތުރު މަސައްކަތަކުގެ ތަޖުރިބާ ހުރިކަން އެނގޭނަމަ އެމީހަކަށް ވަޒީފާ ލިބުމަށް މަގުފަހިވެއެވެ. ސަބަބަކީ އެމީހަކީ ހަވާލުކުރެވޭ ވަޒީފާގެ އިތުރުން ކުންފުންޏަށް ފައިދާ ހުރި ގޮތަކަށް މަސައްކަތް ކުރާނެ ފަރާތެއްކަމަށް ބެލެވޭނެތީ އެވެ. އެހެންކަމުން ތައުލީމީ ދައުރު ތެރޭގައި ދަރުމަވެރި މަސައްކަތްތަކެއް ކުރުމަކީ މުސްތަޤްބަލަށް އޮތް ކުރިއެރުމެއްކަން ދަންނާށެވެ.