English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަދު ދުޢާ ކުރެއްވުނީތީ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މަޢާފަށް އެދިވަޑައިގެންފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ޝަހީމް ވިދާޅުވީ އެ މައްސަލާގައި ދެ ބޭފުޅުންގެ “ހިތްސާފު” ކަމަށާއި އެކަމާ ގުޅިގެން ހިތަށް ދަތިތަކެއް ކުރިމަތިވާ މީހުންގެ ކިބައިން ވެސް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

“އެ ބޭފުޅުންގެ ހިތްޕުޅަށް ދަތިކަމެއްގެ ގޮތުގައި އެކަން ވާނަމަ، އެ ބޭފުޅުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން. އެކަމަކު އަޅުގަނޑަށް ކުރިމަތިވި ހާދިސާ އާއި ހިތްދަތިކަމާއި ހިތާމަތައް، އާއިލާއަށް ދިމާވި ކަންތައްތައް، އެއީ ކޮންމެ މީހަކަށް ވެސް ކުރިމަތިވެއްޖެ ކަމުގައިވާނަމަ، އެ މީހެއްގެ ހިތަށް ވެސް އެއީ ‘އާތިފިއްޔަތު’ އިސްވެގަންނާނެ. އެފަދަ ބޭފުޅަކު ވާނަމަ، އެ ބޭފުޅެއްގެ އަރިހުން މައާފަށް އެދެން. އެކަމާ ގުޅުން ހުރި ފަރާތްތަކާ ވެސް އަޅުގަނޑު ވާނީ ވާހަކަ ދައްކާފައި،” ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޑރ. ޝަހީމް ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބަދުދުޢާ ކުރެވިފައިވާތީ، އެކަމާ ރައީސް ނަޝީދުގެ ކިބައިން މަޢާފަށް އެދި، ދެ ފަރާތުންވެސް ހިތް ހަލާސް ކޮށްފައިވާކަމަށެވެ. އަދި މިކަންތައްތައް، މީގެ އެތައް އަހަރެއް ކުރިން ނިމިފައިވާކަމަށްވެސް، އޭނާ ވިދާޅުވިއެވެ.

“2012 ވަނަ އަހަރު އަޅުގަނޑު ވަޒީރުކަމުގައި ހުއްޓާ ރައީސް މުޙައްމަދު ނަޝީދު، ކޮންމެވެސް ކަމެއްގައި އެމަނިކުފާނު ދުބާއީގައި ހުންނަވާފައި އަޅުގަނޑަށް ގުޅުއްވީ. އޭރު އަދި އެމަނިކުފާނުގެ މައްޗަށް ޙުކުމެއް ނާދޭ، ޝަރީއަތް ކުރުމުގެ ކުރިން އެއީ. އެންމެ ފުރަތަމަ ކޯލް އެއީ އެތައް ދުވަހެއް ފަހުން ކަމަކާ ގުޅިގެން އަޅުގަނޑުގެ އޮފީހުން ނޫނީ އަޅުގަނޑާ ގުޅިގެން ނިންމަން ޖެހޭ ކަމެއްގައި އަޅުގަނޑާ ގުޅުއްވީ. އަޅުގަނޑުވާނެ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި އެމަނިކުފާނާ. އެކަމުގައި އަޅުގަނޑުގެ ފަރާތުންވެސް ހިތް ސާފު ކުރެވިފައި ވަނީ އަދި އެމަނިކުފާނުގެ ފަރާތުންވެސް ހިތް ސާފު ކުރެއްވިކަމަށް އޭރު ވިދާޅުވީ.” ޑރ. ޝަހީމް މިރޭ ވިދާޅުވިއެވެ.

ނަޝީދަށް ބަދު ދުއާ ކުރެއްވި މައްސަލަ އަލުން ދައްކަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެ ވާހަކަތައް ދެން އަލުން ތަކުރާރު ނުކުރެއްވުމަށް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.