ހަފްތާގެ ތެރެއިން ކިތައް ދުވަހުގެ ފެށުމަކަށް ކޮފީތައްޓެއް ހިޔާރު ކުރަން ހެއްޔެވެ؟
ޒުވާނުންގެ މެދުގައި މިހާރު އެންމެ އާއްމު އެއްޗަކީ ކޮފީއެވެ. ދެމީހަކު ވާހަކައެއް ދައްކާލަން ވިޔަސް ކޮފީއެވެ. ދުވަސްތަކެއް ވަންދެން ނުފެނި ތިބެފައި ފެނުނަސް ކޮފީއެވެ. ކޮފީ މޭޒަށް ނާރާނަމަ އެއީ އެކާވީސް ވަނަ ޤަރުނުގެ މީހަކަށް އޮންނަނީ ނުވެފައެވެ.
ކޮފީ ބުއިމަށް ވަކި ގަޑިތަކެއް އޮވޭތޯ އަހާލަން ޖެއެވެ. ހެނދުނުގެ ފެށުމަކަށް ކޮފީތައްޓެއް ބޭނުންވެފައި ތިބެނީ ކިތައްމީހުންތޯ އަހާލެވިއްޖެނަމަ ގިނަ މީހުންގެ ރުހުން ލިބެއެވެ. އަދި ކޮންމެ ކަމެއްގެ ފަހަތަށް ކޮފީ ގެނައުމަކީ ގިނަ މީހުންގެ އާދައަކަށް ވަނީ ވެފައެވެ. އަދި އެއީ އެންމެ އިސްކަންދޭ އެއްކަމަކަށް ވެސް ވެފައިވެއެވެ.
ހުސް ބަނޑާހުރެ ނުވަތަ ހެނދުނުގެ ފުރަތަމަ ކަމަކަށް ކޮފީތައްޓެއް ބުއިމަކީ އޭގެ ގެއްލުމާއި މެދު ވިސްނާލަން ޖެހޭ ކަމެކެވެ. ސަބަބަކީ ސިއްޙީ ގޮތުން އެތައް ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނަމުން ދިޔުމެވެ. އެގޮތުން ނޭޝަނަލް ސެންޓަރ ފޯ ބަޔޯޓެކްނޮލޮޖީ އިންފޮމޭޝަން އިން ހޯދި ހޯދުން ތަކުން ބުނާ ގޮތުންނަމަ ކޮފީގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި އެތިކޮޅުތައް އުފެދުމަށް މަގުފަހިވެގެން ދާކަމަށެވެ. އަދި މިކަން އެންމެ ބޮޑަށް ވެގެން ދަނީ ހާބަނޑާ ހުރެ ކޮފީ ބުއިމުގެ ސަބަބުންނެވެ. އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކޮފީގެ ސަބަބުން ބަނޑުގައި ހުންނަ އެސިޑްގެ މިންވަރު އިތުރުވެ، ހަޖަމްވުމަށް ހުރަސް އެޅިގެންދާކަމަށެވެ. އަދި ގުޮހޮރާއި ބަނޑުގެ ޓިޝޫތައް އަނދައިގެން ދިޔުމަކީވެސް ވެދާނެކަމެއް ކަމަށެވެ. މިކަން އާއްމުކޮށް ވެގެންދާނީ ނާޒުކު ހަން ހުންނަ ފަރާތްތަކަށެވެ.
މިހޯދުންތަކާއި ގުޅިގެން މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ.އެޑަމް ސިމޮން ބުނެފައިވާ ގޮތުގައި ދުވަހުގެ ފެށުމަށް ކޮފީ ބުއިމަކީ ގެއްލުން ހުރި ކަމެއްކަމަށެވެ. އެގޮތުން އޭގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވުމަށް މަގުފަހިވެ، ބޭރަށް ހިނގުމުގެ އަލާމާތްތަކާއި ކުރިމަތި ވެދާނެކަމަށެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ވިންދު އަވަސްވެ ހިތުގެ މަސައްކަތްތައް ބުރަވެގެން ދާނެކަމަށެވެ. މީގެ ސަބަބުން ލޭ ޕްރެޝަރ އަށް އަސަރުކުރާނެކަމަށެވެ.
ހޯދުންތަކަށް ބަލާއިރު ދުވަހުގެ ފެށުމަކަށް ކޮފީ ބުއިމުގެ ސަބަބުން މީހާއަށް ނުތަނަވަސް ކަން އައުމަކީ ވަރަށް ގާތްގަމެކެވެ. ސަބަބަކީ ހެނދުނު 8 އާއި 9 އާއި ދެމެދު ހަށިގަނޑު އިން ހޯމޯންސްތަކެއް އުފައްދާނެކަމަށާއި، އެއީ ހަށިގަނޑު ރަނގަޅަށް ހޭލެއްވުމަށްކަމަށެވެ. އެހެންކަމުން ކޮފީ ގެ ސަބަބުން އެހޯމޯންތަކަށް އަސަރުކޮށް ޤުދުރަތީ ނިޒާމަށް ގެއްލުންވެގެން ދާކަމަށެވެ. މީގެ ސަބަބުން ދުރުމުސްތަޤްބަލް ގައި ކޮފީއާއި ނުލައި ހަށިގަނޑު ހޭނުލާ ގޮތް ވެގެން ދާނެއެވެ.
ކޮފީ އަކީ ޒުވާނުންގެ މެދުގައި މަޤްބޫލް އެއްޗަކަށް ވީނަމަވެސް އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެއެވެ. ކޮފީގެ ސަބަބުން ހަށިގަނޑަށް ގެއްލުން ވެގެން ދާނަމަ އެކަމާއި ވިސްނާލަން ޖެހެއެވެ.