English Edition
Dhivehi Edition

އައްޑޫ ސިޓީ އަކީ ގިނަ ބަޔަކު ފަހުރުވެރިވާ ފަދަ ތާރީހެއް ލިބިފައިވާ އެހާމެ ޤާބިލް ޖީލްތަކެއް އުޅެފައިވާ ތަނެކެވެ. ނަމަވެސް މިއަދު އައްޑޫގެ ކޮންމެ ދަރިއަކުވެސް ހިތާމަކުރަން ޖެހިފައިވަނީ މިސިޓީގެ ހާލަތާއި މެދުގައެވެ.

ސިލްސިލާ މާރާމާރީތަކާއި، ގޭންގުކުއްތަކާއި، ވައްކަމާއި ފޭރުމުގެ އިތުރުން މަސްތުވާތަކެތީގެ ހަބަކަށް މި ސިޓީ ވެފައިވާއިރު މިއީ ހިތާމަކުރަން ޖެހިފައި އޮތްކަމެކެވެ. ތަޢުލީމީ އެތައް އިލްމުވެރިންނެއް އުފެދިފައިވާ، އަދި އެތައް މުއްސަނދި މަހުޖަނުންތަކެއް އުފަންވެފައިވާ މިސިޓީގެ ތާރީހަކީ މުއްސަނދި ތާރީހެކެވެ. އައްޑޫ ސިޓީގެ ދަރިންނަކީ ގިނަ ބަޔަކު މިއަދުވެސް ފަޙުރުވެރިވާ ބައެކެވެ. ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި އައްޑޫއަށް ނިސްބަތްވާ މީހުންގެ ވާހަކަ ނުދެކެވޭ ތަނެއްނެތެވެ. އަދި އައްޑޫގެ ދަރިންނަށް އިޙްތިރާމް ނުކުރާ ސަރަހައްދެއް ނެތެވެ.

ނަމަވެސް މިއަދުގެ މާހައުލު ބަދަލުވާން ފަށައިފިއެވެ. ފަޚުރުވެރި އައްޑޫގެ ލަގަބު ލިބުނު ދަރިންނަށް ކުރަމުން ދިޔަ އިޙްތިރާމާއި ޤަދަރު ކުޑަވާން ފަށައިފިއެވެ. އަމާން އައްޑޫ އަކީ ބިރުވެރި ތަނެއްގެ ގޮތުގައި ގިނަ މީހުން ސިފަކުރަން ފަށައިފިއެވެ. އައްޑޫގެ ރީތިކަމާއި ތަފާތުކަން ބަލާލަން ބޭނުންވެފައި ތިބި އެތައްބަޔެއްގެ އެހުވަފެން ބިލާހަކަށް ވެއްޖެއެވެ. ސުވާލަކީ ކީއްވެގެން ހެއްޔެވެ؟ މިއައްޑޫ ސިޓީގެ ނަމާއި މިސިޓީގެ މާހައުލު ކިލަނބު މިވަނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ޒިންމާ ނަގައި އަންނަން އޮތް ޖީލުތަކަށް އައްޑޫ ސީޓީގެ ރީތި ނަން ގެންގޮސްދެވޭނީ ކިހިނެއް ހެއްޔެވެ؟

މިއައްޑޫ ސިޓީ އަކީ ކުށުގެ ‘އައްޑަނަ’ އެކޭ ބުނާ މީހުން މަދެއް ނޫނެވެ. ބޮޑެތި ކުށްތައް ކުރާ މީހުން ތަމްރީން ކުރާ މަރުކަޒެކޭ ވެސް ބުނެވިދާނެއެވެ. އަދި އެފަދަ ކުށްތަކަށް ހިތްވަރު ދޭ ފަދަ މާހައުލެއް އޮތްތަނެކޭވެސް ބުނެވިދާނެއެވެ. ނަމަވެސް ހިތާމައަކީ މިދަރަޖައަށް މިސިޓީގެ ނަމާއި އަބުރު ފޮނުވާލީ ހަމަ އައްޑޫގެ ދަރިންކަމަށް ވުމެވެ. ކުށުގެ ވެއްޓަށް ބެލި ނަމަވެސް ނުވަތަ ސިޔާސީ މޭރަމަކުން ބެލި ނަމަވެސް އައްޑޫގެ ހާލަތު އޮތީ ނާޒުކު ހިސާބުގައެވެ.

ގޭންގްގެ ގޮތުގައި ރަޖިސްޓަރީ ވެފައިނެތް ނަމަވެސް އައްޑޫ ސިޓީގައި ގޭންގް ހަރަކާތްތައް ވަރަށް ފުޅާ ދާއިރާގައި ހިނގަމުންދެއެވެ. ޒުވާނުން ގެ ފިކުރާއި ކުޅެ ދީނީ ގޮތުން އެމީހުން ބަލިކޮށް ކުށުގެވެށީގައި އެޒުވާނުން ދެމެހެއްޓުމަށް ބަޔަކު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދެއެވެ. މާލީގޮތުންނާއި މާއްދީ ގޮތުން ގޭންގްތަކަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ. އަދި ރާއްޖެއިން ބޭރުން އެފަރާތްތައް ތަމްރީންކުރުންވެސް މެވެ. ހިތާމައަކީ އައްޑޫގައި ހެދިފައިވާ ގޭންގް ގުރޫފްތަކަށް އެހީވަނީ އެކި ފަންތީގައި ތިބި އައްޑޫއަށް ނިސްބަތްވާ ދަރިން ކަމަށް ވުމެވެ. އެމީހެއްގެ އަމިއްލަ ބޭނުމެއްގައި ނުވަތަ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށެވެ. މީގެ ސަބަބުން ހަލާކުވެގެން ދަނީ އައްޑޫ ގެ ދަރިންގެ މުސްތަޤްބަލެވެ. ޖަލުގެ ތޭރިތަކުގެ ފުރަގަހަށް ދާން ޖެހެނީ އައްޑޫގެ ޒުވާނުންނެވެ. ގެއްލިގެން ދަނީ އައްޑޫގެ ރައްޔިތުންގެ ހައްޤުތަކެވެ.

މިކަން މިގޮތަށް ވެގެން ދާއިރު މިކަމުގެ ޒިންމާ ނަގަން ކެރޭނެ މީހަކު ނެތެވެ. މިކަން ހުއްޓުވުމަށް އެންމެ އެކަށޭނެ ފިޔަވަޅުތައް އެޅެމުން ދާތަނެއް ނުފެނެއެވެ. ގްރޫޕްތަކަށް ނިސްބަތްބާ މީހުންގެ ސިލްސިލާ މާރާމާރީ ކޮންމެ ރެއަކުހެން ހިންގަމުން ދާއިރު އަމަން ބަލަހައްޓާ ފަރާތްތަކަށް އެކަން ނުހުއްޓޭތަން ފެނިގެން ދެއެވެ. އެކަން ކުރާ މީހުންނަށް ޙައްޤު އަދަބު ދިނުމާއި އެމީހުން ހިފާ ހައްޔަރު ކުރެވޭ މަންޒަރު ފެންނަނީ މަދުންނެވެ. މިކަމުގެ ސަބަބުން ނިކަމެތި ރައްޔިތު މީހާ ބިރުން ގޭގައި ހުރުން ނޫން ގޮތެއް ނެތެވެ. ފެންނަ މަންޒަރު ކަމާބެހޭ ފަރާތާއި ހިއްސާކުރާ ހިސާބުން އެމީހަކަށް ހިމާޔަތެއް ނެތްކަމަށް ޤަބޫލް ކުރެވެނީއެވެ. މިހެން މިކަން އޮތްއިރު މިފަދަ ކުށްތަށް ހުއްޓުވުމަށް އައްޑޫގައި ހުރި މުވައްސަސާތަކާއި، ފަނޑިޔާރު ގެތަކުގައި އިސްކޮށްތިބީ މިއައްޑޫ ސިޓީގެ ތައުލީމީ ދަރިން ކަން ފާހަގަކުރަމެވެ. އެހެންނަމަވެސް އެދަރިން އަމިއްލަ ވަތަނާއި، ފަސްގަނޑަށްޓަކައި އެކަށީގެންވާ މަސައްކަތެއް ނުކުރަނީތޯ ނުވަތަ އެފުރުސަތު އެފަރާތަށް ނެތީތޯ ގިނަ ރައްޔިތުން ހިތާހިތާ ސުވާލު ކުރެއެވެ.

އައްޑޫގެ ކުށުގެ ވެށި ކިލަނބުވެ، އެކަކު އަނެކަކަށް ހަތަރު ކަޅި ހަމަކޮށްލަން ނުކެރޭ ހިސާބަށް ގޮސްފައިވާކަމަށް ގިނަ ބަޔަކު ސިފަކުރާއިރު މިއީ އައްޑޫގެ ކޮންމެ ދަރިޔަކުވެސް ގިސްލަ ގިސްލާފައި ރޯން ޖެހޭ ފަދަ ކަމެކެވެ. މިސިޓީގެ މާހައުލު އަނބުރާ އިޔާދަކުރުމަކަށް އެހެންތަނަކުން ބަޔަކު ނައަންނާނެވެ. ދެން އޮތް ޖީލްތަކަށް މި ސިޓީ އަމާން ސިޓީއެއްގެ ގޮތުން ގެނެސް ދޭން ތިބީ އައްޑޫގެ ދަރިންނެވެ. އެމީހަކަށް ކުރެވުނު ވަރަކުން މަސައްކަތް ކޮށްގެން ނޫންގޮތަކަށް އަނބުރާ ކުރިން އޮތް ދަރަޖައަށް އައްޑޫ ސިޓީ ގެންދިޔުމަކީ ވަރަށް ބުރަކަމެކެވެ.

މިސިޓީގެ މުސްތަޤްބަލް އޮތީ މިއަދުގެ ޒުވާނުންގެ އަތްމަތީގައެވެ. އަދި މިސިޓީ ކުށުގެ ވެއްޓަކަށް ބަދަލުވެގެން ދާއިރު އެކަން ނުހުއްޓުވައި ތިބެއްޖެނަމަ އައްޑޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ދެރަވެ ލަދުގަންނަން ޖެހޭނެއެވެ.