English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓުކަން ލިބިލެއްވި ރޭ ތުރުކުރައްވައިގެން ހުންނެވީ އަނބިކަނބަލުން ހަދިޔާ ކުރެއްވި ވަރަށް ޚާއްސަ ގަމީސްކޮޅެއްކަމަށާއި އެ ގަމީހުގެ ކުލައާއި ސިޔާސީ ޕާޓީ އަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ނިއުސް ޓޯކް ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ޕީޕީއެމް ކައުންސިލުން ފާސްކުރި ޚަބަރު ލިބިލެއްވުމާއެކު އެ އުފާވެރިކަން ހިއްސާ ކުރައްވާނެ މީހަކު ކައިރީގައި ނެތްކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ބެއްލެވީ ބައްޕާފުޅަށާއި އަނބިކަނބަލުން އާފިޔާއަށް ގުޅުއްވާ އެކަން ޚިއްސާ ކުރެއްވުމަށްކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި އެރޭ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވަން ޕީޕީއެމް އޮފީހަށް ވަޑައިގަންނަވަން ޖެހުމާއެކު ބޭނުންފުޅުވީ ކައިވެނި ކުރެއްވި ރޭ އަނބިކަނބަލުން އާފިޔާ ހަދިޔާއެއްގެ ގޮތުގައި ދެއްވި ގަމީސް ތުރުކުރައްވައިގެން އެބައްދަލުވުމަށް ވަޑައިގަންނަވަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެއީ އަޅުގަނޑު ވަރަށް ޚާއްސަ ހަފްލާތަކަށް ދާއިރު ލާ ގަމީހެއް. ހިތަށް އެރީ އެ އުފާވެރި ހަފްލާއަށް އެ ގަމީސް ލައިފިނަމަ އަޅުގަނޑުގެ އަންހެނުންވެސް ވަރަށް އުފާވާނެޔޭ” ޝަހީމް ވިދާޅުވިއެވެ.

ގަމީހުގައި ހުރި ރީނދޫ ކުލަޔާ ގުޅޭގޮތުން ޕްރޮގުރާމްގެ ހޮސްޓް ޣައްސާން ސުވާލު ކުރުމުން ޑރ. ޝަހީމް ވިދާޅުވީ އެކުލައަކީ އަބަދުވެސް ހިތުގައި އޮންނަ ކުލައެއްކަމަށާއި އެހެންނަމަވެސް އެކުލަޔާ ސިޔާސީ އެއްވެސް ކަމަކާ ގުޅުމެއް ނެތްކަމަށެވެ.