English Edition
Dhivehi Edition

ބޭރުން އަންނަ ކޮންމެ ހަމަލާއަކުން ސަލާމަތްވުމުގެ ޤާބިލުކަން ޗައިނާގެ އަސްކަރިއްޔާއަށް ލިބިފައިވާކަމަށް އެޤައުމުގެ ރައީސް ވިދާޅުވެއްޖެއެވެ. އެޤައުމުގެ އަސްކަރީ ބާރުވެރިކަން ދައްކާލުމަށްޓަކައި ހޯމަ ދުވަހު ބޭއްވި މިލިޓަރީ ޕެރޭޑްގައި ވާހަކަ ދައްކަމުން ރައީސް ޒީ ޖިންޕިންގ ވިދާޅުވީ ޗައިނާގެ އަސްކަރީއާއަކީ ދުނިޔޭގެ ފެންވަރުގެ ވަރުގަދަ އަސްކަރީއާއެއްކަމަށާއި، އެންމެ މަތީފަންތީގެ ޤާބިލްކަން ލިބިފައިވާކަމަށެވެ. މިއަސްކަރީ ޕެރޭޑަކީ ޕީޕަލްސް ލިބެރޭޓް އާރމީ އަށް 90 އަހަރު ފުރުމުގެ ގޮތުން ބޭއްވި ޕެރޭޑެކެވެ. އަދި މި ހަރަކާތުގައި 12000 ސިފައިންގެ އިތުރުން 700 އަސްކަރީ އުޅަނދު ބައިވެރިކޮށްފައި ވެއެވެ. މިފަހަރުގެ މިއަސްކަރީ ޕެރޭޑްގައި ޗައިނާއަށް މިހާރު ލިބިފައިވާ އަސްކަރީ ވާރުވެރިން ވަރަށް ރަނގަޅަށް ދައްކުވައި ދީފައިވެއެވެ. އެގޮތުން އެންމެ ފަހުގެ އަސްކަރީ އާލާތްތަކުގެ އިތުރުން ނިއުކްލިއަރ ޓްރިޕްޑް އިންޓަރ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލް ފަދަ ތަކެތި ދައްކާލައިފައިވެއެވެ. ޗައިނާގެ އަސްކަރީއްޔާއަކީ އެޤައުމަށް ދިމާވެދާނެ ނުރަކަލަކުން ދިފާޢުވުމަށް ތައްޔާރުކޮށްފައިވާ އަސްކަރީއާއެއްކަމަށް ޗައިނާ އިން ބުނަމުން ދިޔަނަމަވެސް، ޗައިނާގެ އިރުމައްޗާއި ދެކުނަށް އަސްކަރީއްޔާގެ ބާރު ގަދަކުރަމުންދާތީ އަވެއްޓެރި އެހެން ޤައުމުތަކުން ނުރުހުން ފާޅުކުރަމުން ދެއެވެ. އަދި ޕެސިފިކް ކަނޑުގައި ޗައިނާ ބާރުގަދަ ވެދާނެތީ އެމެރިކާއިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އިތުރަށް އަވެއްޓެރި ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މީގެ ދުވަސްތަކެއް ކުރިން ޒުހުރިހޭ ޓްރެއިނިންގ ބޭސްގައި ތަޤްރީރު ކުރައްވަމުން ‘ދުނިޔޭގައި މިހާރު ސަލާމަތެއް ނެތްކަމަށާއި، ސަލާމަތްތެރިކަން ހޯދުމަށް އަމިއްލަ ބާރުވެރިކަން އިތުރުކުރަން ޖެހޭކަމަށް’ ޗައިނާގެ ރައީސް ވިދާލުވުމުންނެވެ. މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި މިވަގުތު ޗައިނާގައި އޮތް އަސްކަރީ ފައުޖުތަކާއި މެދު ހިތްހަމަ ޖެހޭކަމަށާއި، ޗައިނާ ދިފާޢު ކުރުމުގެ ޤާބިލްކަމާއި ހުނަރު އެފައުޖުތަކުގައި ހުރުމުން ހިންހަމަ ޖެހޭކަމަށް ބުނެފައިވެއެވެ. ނޯތް ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށްވާ އެމެރިކާއިން ޗައިނާގެ އެހީތެރިކަމަށް އެދިފައިވީނަމަވެސް މިއަދާއި ހަމައަށް ޗައިނާއިން އެދެވޭ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގަދަ ބާރު ތަކާއި ޗައިނާ އާއި ދެމެދު އެކަށީގެންވާ ރަނަގަޅު ގުޅުމެއް އޮތްކަމަށް ނުބެލެވެއެވެ.  

ޓެގު