English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވާ ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރާއްޖޭގެ ބައެއް އިލްމްވެރިން ތާއީދުކުރައްވައިފިއެވެ.

އެގާރަ ޢިލްމުވެރިއަކު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ސައީދުއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާކަން ހާމަކުރައްވާ އިލްމުވެރިން ވަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވޯޓް ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚު އަސަދުﷲ ޝާފިއީ ވިދާޅުވީ އިލްމްވެރިން ހިމެނޭ ގޮތަށް ރައީސް ޔާމީނަށް ތާއީދުކުރަން ނިންމީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ދީނީ އިލްމީ ރޮނގުން ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ޑރ. ޝަހީމް ހަމަޖެއްސެވުމުން ކަމަށެވެ. އެއީ އިލްމްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެއިތުރުން ޑރ. ޝަހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ އިލްމުވެރިން ވިދާޅުވެފައިވަނީ ޑރ. ޝަހީމަކީ އެމަގާމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްމުވެރިން ވިދާޅުވެފައިވަނީ ޑރ. ޝަހީމް ގައުމުގެ ނައިބު ރައީސް ކަމުގެ މަގާމަށް ވަޑައިގެންފިނަމަ އެކަމުގެ ހެޔޮ އަސަރު އިލްމްވެރިންނަށް ކުރާނެ ކަމަށާއި އަދި ގައުމުގެ ކަންކަން ނިންމުމުގައި ދީނީ އިލްމްވެރިންގެ ބައިވެރިވުން ހިމެނިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ދީނީ ވަހުދަތު ރައްކާތެރި ކުރުމަށްޓަކާ ވެސް ރައީސް ޔާމީނަށާއި، ޑރ. ޝަހީމަށް ވޯޓް ދިނުމަށް އިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން އިސްލާމީ ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ދިވެހިން ވިސްނާ ފިކުރު ކުރަންޖެހޭނެ ކަމަށާއި، ރާއްޖޭގައި އޮތް އިސްލާމް ދީން ހިމާޔަތް ކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

އަދި އިލްމުވެރިން ފާހަގަ ކުރެއްވި ގޮތުގައި ދީނުގެ މަސްލަހަތާއި، ވަތަނުގެ މަސްލަހަތަކީ ފަރުދީ ކަންތައްތަކަށްވުރެ، އިސްކަން ދޭންޖެހޭނެ ކަމެކެވެ. އެހެންކަމުން މުޅި ގައުމުގެ މަސްލަހަތަށް ވިސްނެވުމަށްފަހު، ހުރިހާ އިލުމުވެރިންގެ މަޝްވަރާގެ މަތިން ޑރ. ޝަހީމަށް ތާއީދުކުރަން އިލުމުވެރިންގެ އާއިލާއިން ނިންމެވީކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.