English Edition
Dhivehi Edition

މާލެ އިން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުން އައި މުދާއުފުލާ ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މާލެއިން ފުރައިގެން އައްޑޫ ސިޓީއަށް ދަތުރު ކުރި 110 ފޫޓްގެ މުދާ އުފުލާ ދޯންޏެއް މ.އަތޮޅު ތުވަރުގެ ދެކުނު ފަރާތު ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ފަތިހު 04:00 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

“ލިޓަސް ކެރިއަރ” ނަމަކަށް ކިޔާ މި ދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބުމާއެކު އެދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ މ. އަތޮޅުގައި ބޭނުންކުރާ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ފޮނުވާފައެވެ.

ހަތަރު ކޮންޓެއިނާ އަރުވައިގެން ދަތުރުކުރި މި ދޯނިން 6 ދިވެހީންނާއި ހަތަރު ބިދޭސީންނާއެކު ޖުމްލަ 10 މީހުން ދަތުރުކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ދޯނީގެ ވެރިފަރާތުން އެސަރަހަދަށް ފޮނުވި ދެ އުޅަނދެއްގެ އެހީގައި ދިޔަވަރު ބޮޑުވުމުން އެ ދޯނި ކަފުޖެހުމަށްޓަކައި މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.