English Edition
Dhivehi Edition
ސްކޫލެއްގެ ދަރިވަރުންތަކެއް މުނާސަބަތެއް ފާހަގަކުރުމުގެ ގޮތުން ނެށުމުގެ އައިޓަމެއް ހުށައަޅައިދެނީ

ފޭދޫސްކޫލްގެ 45ވަނަ އަހަރީ ދުވަހާއި އެ ސްކޫލުގެ ސަގާފީ އީދު ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

‘ސަގާފީ އީދު’ ހަރަކާތަކީ ފޭދޫސްކޫލްގައި ކޮންމެ އަހަރަކުވެސް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. އެގޮތުން ހަފްތާއަކަށް ކުރިއަށް ގެންދާ މި ޢީދުގެ ތެރޭގައި ކޮންމެއަހަރަކުވެސް ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ތަފާތު ސަގާފީ ކުޅިވަރު ކުޅުމާއި ނެށުމާއި ތާރީޚީ ހާދިސާތަކަޢި ދިވެހިންގެ އާދަކާދަ އާއި ފުލޯކު ވާހަކަތަކުގެ މައްޗަށް ތަމްސީލުކުޅުމާއި، ބަންޖާއި ޅެމާއި ރައިވަރު ކިޔުންފަދަ ދިވެހި އަދަބީ ތަފާތު ހަރަކާތްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ދެވެއެވެ.

މިއީ ދަރިވަރުންގެ ހިތުގައި ދިވެހިބަހާއި ސަގާފަތަށް ލޯބިޖައްސައި ދިވެހި ތާރީޚީ ހާދިސާތަކުން އިބްރަތް ހާޞިލުކޮށްދިނުމުގެ ގޮތުން އެ ސްކޫލްގެ ދިވެހި ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ވަރަށް މުހިއްމު ހަރަކާތެކެވެ . މިހަރަކާތަކީ ސްކޫލްގެ ބެލެނިވެރިންވެސް ވަރަށްބޮޑަށް އެއްބާރުލުން ދީގެން ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. އެގޮތުން ސަގާފީ އީދުގެ ތެރޭގައި ބެލެނިވެރިންގެ މެދުގައި ވާދަވެރިކަމާއެކު ބާއްވާ ސަގާފީ ސުފުރާ ތައްޔާރުކުރުމަށާއި ދަރިވަރުންނަށް ސަގާފީ ހެދުމާއި ބޭނުންވާ އެހެނިހެން ސާމާނު ހޯދައި ދިނުމުގައި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެއެވެ.

ސަގާފީ ސުފުރާއަށް ކޮންމެ އަހަރަކުވެސް ފަނޑިޔާރުން ގެނެސްގެން ސުފުރާތައް އިންސާފުކޮށް އެ ސުފުރާއަކުން ފެންނަ ހާއްސަކަމެއް ފާހަގަކޮށް ހަނދާނީ ލިޔުން ދިނުން އޮވެއެވެ. މި ރަސްމިއްޔާތުގައި މިއަހަރުގެ ސުފުރާތަކަށްވެސް ހަނދާނީ ލިޔުން ދެވުނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައިވެސް ދަރިވަރުންގެ ތަފާތު ހަރާކާތްތައް ފެނިގެންދިއައެވެ. އަދި ހަރަކާތްތަކުގައި ބައިވެރިވި ކޮންމެ ދަރިވަރަކީވެސް ދިވެހިންގެ ސަގާފަތާއި ގުޅޭ ރިވެތި ހެދުމެއްގައި ހުރި ކުއްޖެއްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.

ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާއި އިދާރީ މުވައްޒަފުން ބައިވެރިވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއެވެ. ރަސްމިއްޔާތުގައި އިބްރާހިމްދީދީ ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ސަގާފަތާއި އާދަކާދައާއި ރިވެތި އަޚްލާޤް ހިފެހެއްޓުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ސްކޫލުގައި 45 ވަނަ އަހަރީދުވަސް ފާހަގަ ކުރި ކަމުގައި ވިޔަސް ފޭދޫސްކޫލަކީ ދިގު މާޒީއެއް އޮތް ސްކޫލެއްކަމަށާއި އަހަރީ ދުވަހުގައި ބަލަންވީ ސްކޫލަށް ފާއިތުވި 45އަހަރުގައި އައި ބަދަލުތަކާއި ކުރިއެރުންތަކަށް ކަމުގައިވެސް އިބްރާހިމްދީދީ ވިދާޅުވިއެވެ

ރަސްމިއްޔާތުގައި ބައިވެރިވި އެންމެހާފަރާތްތަކަށް ޝުކުރު ދަންނަވަމުން ސްކޫލްގެ ޕްރިންސިޕަލް ޢަލީ މުސްތަފާ ވިދާޅުވީ ޖުލައި 5 ވަނަ ދުވަހަކީ ސްކޫލްގެ އަހަރީ ދުވަސް ނޫން ކަމަށާއި ފޭދޫސްކޫލްގެ އަހަރީ ދުވަހަކީ ޖޫން 11 ވަނަ ދުވަސް ކަމަށެވެ. އަދި އަހަރީ ދުވަސް ރޯދަމަހާ ދިމާވުމުން އެދުވަސް ފާހަގަ ކުރުން ފަސްކުރީ ކަމަށެވެ.