English Edition
Dhivehi Edition

އައްޑޫސިޓީގެ ހުޅުދޫގައި ގާއިމުކޮށްފައިވާ ފެންޕްލާންޓުން ހުޅުމީދޫއަށް ފެން ލިބޭނެ ގޮތް ވެގެން ދިއުން އެއީ މުތީއު ދެކެމުން އައި ހުވަފެނެކެވެ. 25 އަހަރުވަންދެން ކޮކާކޯލާ ފެންޕްލާންޓުގައި ފެން ޕްލާންޓް މެނޭޖަރެއްގެ ގޮތުގައި ކުރެވުނު މަސައްކަތާއެކު މުތީއުގެ އުއްމީދަކަށް ވެގެންދިޔައީ އުފަން އަމިއްލަ ވަޒަނަށް މި ޚިދުމަތް ކޮށްދިނުމެވެ. އައްޑޫސިޓީގައި ވަކިން އޮންނަ ހުޅުމީދޫއަށް ދޭތެރެ ދޭތެރެއިން ބޯފެން ލިބުމުގައި ލިބެމުން އަންނަ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. އެ އަޒުމުގައި ފެށި މަސައްކަތް ﷲ ގެ އިރާދަފުޅާއެކު މިއަދު މިވަނީ ކާމިޔާބުވެފައެވެ. “މިޔާހު ބޮޓްލިން ޕްލާންޓުން” މިއަދު ހުޅުމީދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ޚިދުމަތް މިވަނީ ފޯރިއާއެކު ފަށާފައެވެ.

ސ. ހުޅުދޫ ނެސްޓްމީޑް، ޢަބްދުﷲ މުތީޢު އަކީ ހުޅުމީދޫ އެންމެން ދަންނަ ޚާއްޞަ ނަމެކެވެ. އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު ގަމުގައި ހުރި ޕަވަރޕްލާންޓުގައި އަދާކުރަން ލިބުނު އާދައިގެ ވަޒީފާއަކީ މުތީއު މިދާއިރާއަށް ލޯބި ޖެހުނު އަސްލެވެ. ގަމުން އިނގިރޭސިން ފޭބުމުން ވަޒީފާގެ ބޭނުމުގައި މުތީއު މާލެ ގޮސް ލިބުނު ފުރުސަތުގައި ކޮކާކޯލާގައި މަސައްކަތް ފެށިއެވެ. ކޮކާކޯލާގައި ގެ އިތުރުން ޔުނިވަރސަލް ގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މުތީއު ވަނީ މަސައްކަތް ކޮށްފައެވެ. މި ދުވަސްތަކުގައި ލިބުނު ގިނަ ތަޖުރިބާ ތަކަކަށް ފަހު އަމިއްލަ ރަށަށް މުތީއު ބަދަލުވީ ރަށުގައި މި މަސައްކަތް ކުރުމުގެ މަގްޞަދުގައެވެ. ގިނަ ދުވަސްތަކެއް ވަންދެން އަމިއްލަ ވަޒަނާ ދުރުގައި އުޅެވުނު ނަމަވެސް ދެން ބާކީއޮތްތަނުގައި އެ ފަސްގަނޑަށް ޚިދުމަތް ކުރުމަށް ބޭނުންވެގެންނެވެ.

“ހުޅުމީދޫ އަކީ މިފަދަ މަސައްކަތެއް ކުރަން ވަރަށް އުނދަގޫ ތަނެއް. ކާމިޔާބު ކަމާއެކު މަސައްކަތް ކުރުމުގައި ވަރަށް ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހުނު. މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ރާއްޖެއިން ބޭރުން ގެނެސް ފުރަތަމަ ބާލަން ޖެހެނީ މާލެއަށް. ޗައިނާއިން މާލެއަށް މުދާ ގެނެވޭ ވަރަށް ވުރެ މާލެއިން އައްޑޫއަށް މުދާ ގެންނަން ކުރަން ޖެހޭ ޚަރަދު މާބޮޑު. ގިނަ ދަތިތަކަކަށް ފަހު މި ކަން ކާމިޔާބު މިވީ” “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން މުތީއު ކިޔައިދިނެވެ.

ހުޅުމީދޫ މީހުންނަށް ދާއިމީ ގޮތެއްގައި ފެން ހޯދުމުގައި އަބަދުވެސް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ގިނަ އަދަދަކަށް ފެން ބޭނުންވެއްޖެ ނަމަ ރަށުގައި ހުންނަ ފިހާރަތަކުން ފެން ހޯދުން އެހާ ފަސޭހައެއް ނޫނެވެ. މޫސުން ގޯސްވެ ދަތުރުފަތުރުގެ މަޑު ޖެހުމެއް އައިސްފިނަމަ މި މައްސަލަ މާ ބޮޑުވެގެން ދެއެވެ. ނަމަވެސް “މިޔާހް” ފެން ޕްލާންޓުގެ ޚިދުމަތް ހުޅުމީދޫއަށް ދެވެން ފެށުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށް މުތީއުވެސް އަދި ރަށުގެ ރައްޔިތުން ވެސް ގަބޫލުކުރެއެވެ.

ދުވާލަކަށް 80 ޓަނުގެ ފެން މިހާރުވެސް އުފައްދާ “މިޔާހް” ފެން ޕްލާންޓުން އެންމެ ފުރަތަމަ އުފައްދަން ފެށީ ބޮޑެތި ފުޅިތަކެވެ. ކުދިކުދި ފުޅިތައް އުފެއްދުމަކީ ތިމާވެއްޓާ އެހާ ރަޙްމަތްތެރި ނޫން ކަމެއް ކަމުގައި ދެކިގެން އުކާލެވޭ ޕްލާސްޓިކް ކުނި މަދުކުރުމުގެ ނިޔަތުގައި އެ ފެކްޓްރީން ބޮޑެތިފުޅި އުފައްދަން ފެށިނަމަވެސް ގިނަ ބަޔަކު ކުދިފުޅިބޭނުން ވާކަމަށް މުތީއު ބުންޏެވެ.

“ހަމަ އެކަނި ބޮޑެތި ފުޅި އުފަންދަން ކުރި ޚިޔާލު ދޫކޮށްލަން މި ޖެހެނީ. ވިޔަފާރިއެއް ވެއްޖެއްޔާ ޑިމާންޑަށް ވެސް ބަލަން އެބަ ޖެހޭ. އެހެން ވީމާ ވަރަށް އަވަހަށް އެ ސެޓަޕްވެސް ގާއިމުކޮށް ކުދިފުޅިވެސް އުފައްދަން ފަށަން ތައްޔާރުވަނީ” މުތީއު ބުންޏެވެ.

ބިމުގެ އަޑިން ނަގާ ފެން ބޭނުންކޮށްގެން 5 ލީޓަރާއި 18.9 ލީޓަރ ގެ ފެން މިޔާހް އިން މިވަގުތު ވިއްކަމުން ދާއިރު ޑިސްޕެންސަރ އާއެކީގައި ޕްރޮމޯޝަނުގައި އަގުހެޔޮކޮށް ލިބެއެވެ. ހުޅުމީދޫގެ ގިނަ ގޭގޭގައި ޑިސްޕެންސަރ އިންސްޓޯލްކޮށް މިޔާހް ފެން ބޭނުންކުރަމުންދާއިރު ފެން ހުސްވުމުން ރީފިލް ވެސް ކޮށްދޭނެ ކަމަށް މިޔާހް އިން ބުނެއެވެ. ޚިދުމަތް ބޭނުންވާ ފަރާތްތަކުން 6894044 އަށް ގުޅާލުމުން ހުރިހާ ކަމެއް ހަމަޖެހިގެން ދާނެއެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ރަސްމީކޮށް ފެންޕްލާންޓުން މިޔާހް ފެން ވިއްކަން ފަށާފައިވާއިރު މިއަށްވުރެ މީރު އަދި ތާޒާ ފެނެއް އައްޑޫން ލިބޭނެ ހެން ހީނުވާކަމަށް މުތީއު ބުންޏެވެ.