އައްޑޫ ސިޓީ ފޭދޫ ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް 18.5 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިއަދު އެކަމަށްޓަކައި އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސުނޮކް ޓްރޭޑް ކޮމަބައިން ޕްރައިވެޓް ލިމިޓެޑާއި އެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޠާރިޤް އިބްރާހިމްއެވެ. ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެކައުންޓެންޓް ޕްރަބާތް ރުވަންޕްރައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ ، މި މަޝްރޫއުގެ މަޤްސަދަކީ ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ފޭދޫގައި ސްޓޮމް ވޯޓަރ މެނެޖްމަންޓް ނެޓްވޯކެއް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ..
މިނިސްޓަރ ތޯރިގް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ރައްޔިތުންނަށް ކުރިމަތިވަމުންދާ މި ބޮޑު މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ބަޖެޓުންނާއި ބޭރުގެ ހިލޭއާއި ލޯނު އެހީގެ ހޯދައިގެން ވެސް މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
“މޫސުމަށް އަންނަ ބަދަލުގެ ތެރެއިން ރާއްޖޭގެ މޫސުމަށްވެސް ބަދަލުތަކެއް އައިސް ވާރޭ ވެހޭ ގަޑިތައް އިތުރުވެ، ބައެއް ރަށްރަށުގައި ކުއްލިއަކަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވޭ. މިކަމަށް ހައްލު ހޯދައިދިނުމަށް ރާއްޖޭގެ އެކިކަންކޮޅުގައި ފެން ހިންދުމުގެ ނިޒާމްތައް ބެހެއްޓުމަށް މަސައްކަތްކުރަމުންމިދަނީ. “މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ އައްޑޫ ސިޓީގެ ފޭދުގެ ފެންބޮޑުވުމުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި، ފާއިތުވެ ދިޔަ ތިރީހަކަށް އަހަރު ތެރޭވެސް ފޭދޫ ރައްޔިތުން އުޅުނީ އެ ދަތި އުނދަގުލުގެ ތެރޭގައި ކަމަށެވެ. އެގޮތުން މި މައްސަލަ ހައްލުކޮށްދިނުމަށް ކުރީގެ ސަރުކާރުތަކުގައިވެސް ރައްޔިތުން އެދުނުނަމަވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަން އިބްރާހީމް ދީދީ ފާހަގަކުރެއްވިއެވެ. އިބްރާހީމް ދީދީ ވިދާޅުވީ މި ސަރުކާރުން މިހާރުވެސް ފޭދުގައި މުހިންމު ދެ މަޝްރޫއެއްގެ މަސައްކަތް ހިގަމުންދާކަމަށެވެ.
ސ. ފޭދޫގެ ފޭދޫގެ ފެން ހިންދުމުގެ ނިޒާމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ނެޓްވޯކެއް ޤާއިމްކުރުމަށް ހަަމަޖެހިފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓުން ޖުމްލަ 18.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.