English Edition
Dhivehi Edition
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ސްކްރީނިން ސަރަހައްދުގައި ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ވާހަކަދެއްކި ބިދޭސީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އެއާޕޯޓުގެ ސަލާމަތީ އޮފިޝަލުން ވަގުތުން ފިޔަވަޅު އަޅައި އޭނާ ހައްޔަރުކޮށްފައި ވަނީ، ސެކިއުރިޓީ ކްލިއަރެންސް ހަދަމުން ދިޔަ ވަގުތު އުފެދުނު ބިރުވެރިކަމާ ގުޅިގެންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ މިސްރު ރައްޔިތެއް ކަމަށްވާ ޕީޓާ ސަމާން މަރުޒޫކް ސަމާން ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާ މި ވާހަކަ ދައްކާފައި ވަނީ، އޭނާއާ އެކު ފުރަން ގޮސް އުޅުނު އޭނާގެ ދައްތަގެ ދަބަސް ޑިޕާޗާ ސްކްރީނިން ޕޮއިންޓުން ޗެކްކުރަމުން ދިޔަ ވަގުތުގައެވެ.

އޭނާގެ ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެން، އެއާޕޯޓު ސެކިއުރިޓީން ވަނީ ވަގުތުން އެ ދަބަސް ވަކިން ނަގައި ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ފާސްކޮށްފައެވެ. ނަމަވެސް، އެ ދަބަސް ފުރިހަމައަށް ބަލައި ޗެކްކުރި އިރު، ގޮވާތަކެއްޗާ ގުޅުން ހުރި ނުވަތަ ނުރައްކާތެރި އެއްވެސް މާއްދާއެއް ފެނިފައެއް ނުވެއެވެ.

ހައްޔަރުކުރުމަށް ފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބުނެފައި ވަނީ އެއީ ހަމައެކަނި ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށެވެ. އެހެންނަމަވެސް، ވައިގެ ބަނދަރެއް ފަދަ ހައްސާސީ ތަނެއްގައި މިފަދަ ވާހަކަތައް ދެއްކުމަކީ ސަލާމަތީ ގޮތުން ނުރައްކަލެއް ކަމަށް ބަލައި، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

އެއާޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދަތުރުވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ އަމަލުތަކާއި ސަމާސާތަކަށް އެއްވެސް ޖާގައެއް ނުދެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އަންގައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.