English Edition
Dhivehi Edition

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލަޔޮނަލް މެސީ އިންޓަނޭޝަނަލް ފުޓްބޯޅައިން ރެޓަޔަރކޮށް ގައުމީ ޓީމަށް ކުޅުން ދެވަނަ ފަހަރަށް ހުއްޓާލާނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް 2022 ވަނަ އަހަރު ގެ ވޯލްޑް ކަޕާއި ހަމައަށް ގައުމީ ޓީމަށް ކުޅޭނެ ކަމަށް މެސީ ބުނެފިއެވެ.

އާޖެންޓީނާގެ މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން މިއަހަރު ވޯލްޑް ކަޕްގައި ނާކާމިޔާބީ އާއި ކުރި މަތިލާން ޖެހުނު ނަމަވެސް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާނުލައި 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް އާއި ހަމައަށް ޓީމްގައި މަޑު ކުރާނެވެ.

މީގެ ކުރިން ކޮންފަޑަރޭޝަން ކަޕްގެ ފައިނަލްގައި ޗިލީ އާއި ކުޅެ ލިބުނު ނާކާމިޔާބީގެ ސަބަބުނޖެހިގެން އައި ދުވަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އަލުން ގައުމީ ޓީމަށް ކުޅެން ފަށާފައިވަނީ އެގައުމުގެ މަޝްޙޫރު ގިނަ ތަރިންނާއި ސީނިއާ ގައުމީ ޓީމްގެ މިހާރުގެ ގިނަ ކުޅުންތެރިންގެ އެދުމުގެ މަތިންނެވެ.

ގައުމީ ޓީމާއި އަލުން ގުޅުމަށް ފަހު އެގޮތުން މިދިޔަ ޖުލައި މަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މެސީ ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕަކީ އޭނާ އެންމެ ފޯމްގައި ހުރެ ގައުމީ ޓީމަށް ކުޅޭ މުބާރާތް ކަމަށާއި އެހެން ކަމުން ގައުމީ ޓީމާއި އެކު އެ މުބާރާތް ކާމިޔާބުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް ޓީމާއެކު ކާމިޔާބީއާ ހިސާބަށް ނުދެވިއްޖަނަމަ އެންމެ ބުއްދިވެރި ގޮތަކީ ހުއްޓާލުން ކަމަށް މެސީ ބުނެފައިވެއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ އާއި އެކު މިފަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާއަށް އެންމެ އެކަށީގެން ވާ ކުޅުމެއް ދެއްކި ފައިނުވާއިރު އާޖެންޓީނާ ވަނީ ނޮކް އައުޓް ސްޓޭޖުން ފްރާންސް އަތުން 4-3 ގެ ނަތީޖާއަކުން ބަލިވެ މުބާރާތުން ކަޓާފައެވެ.

މިދިޔަ ޖޫން މަހު ފެށި ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޕޯވާޑްގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި ނަމަވެސް އޭނާގެ ފަރާތުން ގައުމީ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މުބާރާތުގައި އޭނާއަށް ކާމުޔާބުކުރެވިފައިވަނީ އެންމެ ދެ ގޯލްއެވެ.