އަހަންނަކީ ޖިންސީ ޝިކާރައަކަށްވެފައި ހުރި އުމުރުން ނަވާރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. އާއިލާގެ އެއްވެސް މެމްބަރަކާ މިވާހަކަ ހިއްސާކުރެވިފައި ނުވާއިރު އެކަމަށް ހިތްވަރެއް ވެސް ނުލިބެއެވެ. އޭރު އަޅުގަނޑު ވަރަށް ކުޑައެވެ. އުމުރުން އެންމެ ނުވަ އަހަރެވެ. އަހަންނަކީ މީހަކު ތަކުރާރުކޮށް ރޭޕްކުރަމުން އައި އަދި ޖިންސީޝިކާރައަކަށްވެ ހުރި ކުއްޖެއްކަމަށް މައިންބަފައިން ކައިރީގައި ބުނަން ނޭނގޭ ހާ ކުޑަ ކުއްޖެކެއެވެ.
އަހަރެމެން އުޅެމުންދާ ވިލެޖްގެ އެކަކު އަނެކަކު ދަންނަހާ ގާތެވެ. ހިސާބުގަނޑު އެންމެންނަކީ ވެސް ގާތްތިމާގެ މީހުންނެވެ. އަހަރެން ރޭޕްކުރަމުން ދިޔައީ ތިމާގެ މީހެކެވެ. އޭނާ ދިޔައީ ކޮލެޖްގައި ކިޔަވަމުންނެވެ. އަހަރެންނަށް އޭރު އުމުރުން އަދި ދިހަ އަހަރު ނުފުރެއެވެ. އަހަރެން އޭނައަށް މުޚާތަބްކުރަމުން ދިޔައީ ބޭބެގެ ކިޔައިގެންނެވެ. ނަމަވެސް އަހަރެން އެގެއަށް ދާ ކޮންމެފަހަރަކު ބޭބެ ތަކުރާރުކޮށް އަހަރެން ރޭޕްކުރެއެވެ.
އަހަރެން އުޅެމުންދާ ވިލެޖްގައި ހުންނަ ބޭބޭގެ ގެއަށް މަންމަ އަހަރެން ފޮނުވަނީ ހެނދުނު ސައިތައްޔާރު ކުރުމަށް ބޭނުންކުރާ ކިރުބަލައެވެ. އެގޮތަށް އެދާ ކޮންމެ ދުވަހަކީ ބޭބެ އަހަރެން ރޭޕްކުރާދުވަހަކަށް ވަނީ ވެފައެވެ. އަހަންނަށް އޭރު އެނގޭހާވެސް އެއްޗަކީ މިހިނގާކަންތައް ތަކަކީ ރަނގަޅުކަންތައް ތަކެއްނޫންކަމަށެވެ. ނަމަވެސް މިކަންތައްތަކަކީ ކިހާވަރެއްގެ ކަމެއް ކަން އަހަރެންގެ ޅަސިކުނޑިއަށް ނުވިސްނެއެވެ.
ފަހުންފަހުން އައިސް އަހަރެން އެގެއަށް ކިރު ބަލާދާން ދެކޮޅުހަދަންފެށީމެވެ. މަންމަ އެކަމާ ކީއްވެގެންތޯ ނުދާން އުޅެނީ ބުނެ ސުވާލު ކުރެއެވެ. ނަމަވެސް އަހަންނަކަށް އެވާހަކަތައް ކިޔައިދޭނެ ހިތްވަރެއް ނުލިބެއެވެ. އެންމެ ފަހުން މަންމަ އަމިއްލައަށް އެގެއަށް ކިރު ބަލާދާންފެށިއެވެ.
ޖިންސީ އަނިޔާއިން އަހަރެން އެންމެފަހުން ސަލާމަތްވީ އެހެން ސިޓީއަކަށް ބަދަލުވީ ހިސާބުންނެވެ. އަހަރެންގެ އުމުރުން ބާރައަހަރު ފުރުނީއެވެ. އެއްދުވަހަކު އެބޭބެ އަހަރެމެންގެ ގެއަށް ޒިޔާރަތްކުރިއެވެ. ބޭބެ ހުރީ މިހާރު ކައިވެނި ވެސްކޮށްގެންނެވެ. އަހަރެން ދުވެފައި ގޮސްވަނީ ކޮޓަރިއަށެވެ. ނަމަވެސް މަންމަ އައިސް ގެއަށް މީހުން ޒިޔާރަތް ކުރުމުން ދިޔުމަކީ ހަޑިކަމެއްކަމަށް ބުނެ އަހަރެންނަށް ނަސޭހަތްދިނެވެ. އެވަގުތު އެވާހަކަތައް ކިޔައިދޭން ހިތްވަރެއް ލިބޭނެކަމަށް އުންމީދު ކުރިނަމަވެސް އަނެއްކާވެސް ހިތްވަރު ބަލިވިއެވެ.
މިދިޔައަހަރު އަހަރެން ކޮލެޖަށް ދާންފެށީމެވެ. ކޮލެޖަށްވަނުމުން އަހަންނަށް އެނގުނީ ޖިންސީ ޝިކާރައަކަށްވެ އެވާހަކަތައް ހިއްސާކުރަން ނުކެރޭމީހުންނަށް ހާއްސަ ވޮލެންޓިއަރ ޓީމެއް އޮންނަކަމެވެ. އެހާހިސާބުން އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ވާހަކަތައް އެ ގުރޫޕާ ހިއްސާކުރާށެވެ. އަހަރެން ގެ ވާހަކަތައް އެމީހުންނާ ހިއްސާކުރުމުން އެނގުނީ ޖިންސީ ޝިކާރައަކަށްވެ ފައި ހީވެސް ނުކުރާހާ ގިނަ ބަޔަކު މިދުނިޔޭގައި އެބަ ތިބިކަމެވެ.
މިހާރު އަހަންނަށް ފެނިގެން އެއްވެސް އަންހެނަކަށް އެއްވެސް ވަރަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާއެއް ދޭމަންޒަރު ފެންނައިރަށް ޖެހިލުމެއްނެތި އެކަންތައް ހުއްޓުވަން ފަސްނުޖެހި ނިކުންނަމެވެ. ނަމަވެސް އެންމެ ބޮޑު ހިތާމައަކީ މިފަދަ މަންޒަރުތަށް ލޮލަށް ފެނުނުނަމަވެސް ނުފެންނަކަމަށްހަދާ އާންމު ރައްޔިތުން އެކަން ހުއްޓުވަން ނޫޅުމާއި އަޅާނުލާދާ މަންޒަރު ފެންނާތީއެވެ. މިކަހަލަ ކަންކަން ހުއްޓޭނީ އެއްބަޔަކު ކުޅިބަލަން ނުތިބެ ހުއްޓުވައިގެން ކަން ޔަގީނެވެ. .
އަހަރެންގެ ޅަދުވަސްވަރު ބިރުވެރިކަމާއި ހިތާމައާއި އަނިޔާއިން ނިމިގެން ދިޔައިރު، އަދި އެވާހަކަތައް ވޮލެންޓިއަރ ގްރޫޕްއާ ހިއްސާކުރިނަމަވެސް މައިންބަފައިންނަކަށް މިކަންތައްނޭނގޭނެއެވެ. ނަމަވެސް ވަރަށް އަވަހަށް އަހަރެންގެ ނަމާއި އެއްކޮށް މިވާހަކަތައް މުޅިދުނިޔެއާއި ހިއްސާކުރާނަމަވެ. އަހަރެންގެ ބޭނުމަކީ މިފަދަ އަނިޔާލިބެމުންދާ އަންހެންވެރީންނަށް ހިތްވަރު ދިނުމުގައި ކެރި ހުރި ނަމޫނާ އަންހެނަކަށްވުމެވެ.
އިންޑިއާގައި ކުޑަކުދީން ރޭޕްކުރުމުގެ ހާދިސާތައް އިންތިހާއަށް މައްޗަށްޖެހިފައި ވާކަމަށް އެންސީއާރުބީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެއެވެ.
ނޭޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯ އިން ބުނި ގޮތުގައި 2015 ވަނަ އަހަރު 10854 ކުދިން ރޭޕްކުރި އިރު 2016 ވަނަ އަހަރު މިއަދަދު ވަނީ 19765 އަށް އަރާފައެވެ. އަދި މިދިޔަ އަހަރު ވަނީ ކުޑަކުދީންގެ ރޭޕްކޭސް ގެ އަދަދު ޖުމްލަ 19،920 އަށް އަރާފައެވެ.
NCRB އިން ބުނެފައި ވާގޮތުގައި ކުޑަކުދީންގެ ރޭޕްގެ މައްސަލަތައް އެންމެ ގިނައިން އައިސްފައި ވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝް، މަހަރާޝްތްރާ، އުއްޓަރ ޕްރަދޭޝް، އޮޑިޝާ އަދި ޓެމިލްނާޑޫއިންނެވެ.
މަތީގައި މިގެނެސްދެވުނު ހާދިސާއަކީ އިންޑިއާގެ އަވަށެއްކަމަށްވާ ހަރްޔަނާގައި ހިނގާދިޔަ ހާދިސާއެކެވެ.