ކުރިއަށް އޮޮތް 15 ދުވަސް ތެރޭގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް 7 މެންބަރަކު ޕީޕީއެމާ ގުޅިވަޑައިގެން ޕާޓީއަށް ސޮއިކުރައްވަވާ ރަސްމިއްޔާތު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ފަލާޙް މި ގޮތަށް ވިދާޅުވެފައިވާއިރު އެއީ ކޮން މެމްބަރުންނެއް ކަމަށް އަދި އެ މެންބަރުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ނިންމީ ކީއްވެ ކަމެއް ހާމައެއް ނުކުރައްވަވައެވެ.
އައްޑޫ ސިޓީގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އިސްނަންގަވައިގެން މިދިޔަ ހަފްތާގައި ބޭއްވި ރެލީއެއްގައި ވެސް ފަލާޙް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ. ރެލީގައި ވާހަކަ ދައްކަވަމުން ފަލާޙް ވިދާޅުވެފައިވަނީ މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނީ އިދިކޮޅުން ގެންނަ ހަ މެމްބަރުންނާ އެކުގައި ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅުން ހަ މެމްބަރަކު ޕީޕީއެމް އާއި ގުޅިގެންދާ މަންޒަރު ފެނިގެންދާނެކަމުގައެވެ
ފަލާހު މިހެން ވިދާޅުވިއިރު، ޕީޕީއެމް އިން ވަކިކޮށްފައިވާތީ 12 މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމެއް ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމް އިން ވަނީ ބުނެފައެވެ. ނަމަވެސް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.
އަބަދުވެސް އިދިކޮޅު މެމްބަރުންނަށް މަޖިލީހުގެ މެޖޯރިޓީ އޮންނާނީ ޖަލްސާރައް ނޯންނައިރު ކަމަށާއި އަދި މަޖިލީހުގެ ދައުރު ފެއްޓުމާ އެކު މެޖޯރިޓީ އޮންނާނީ ޕީޕީއެމްއަށްކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ކޯލިޝަންގައި މިހާރު ތިއްބެވީ 42 މެމްބަރުންނެވެ. އެއީ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމަނައިގެންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި 43 މެމްބަރުން ތިއްބަވައެވެ. ނަމަވެސް އޭގެ ތެރެއިން 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.