ޕާޓީގެ ލީޑަރެއްގެ އަންހެނުންނަށް ވުމަކީ ރަނިންގ މޭޓްގެ މަޤާމަަށް ކުރިމަތި ނުލެވޭނެ ސަބަބެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރާއި އިދިކޮޅުގެ ކޯލިޝަންގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓަކީ ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވެފައިވާއިރު އިބޫއާއި އެކު ނެރޭ ރަނިންގް މޭޓަކީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއް ކަމަށް އެ ކޯލިޝަނުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި އެކި ފަރާތްތަކުން އިއްތިފާގުވާ އެއް ފަރާތަކީ ގާސިމް އިބްރާހިމްގެ ހަނގު އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގައި ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ، ޕާޓީގެ ލީޑަރެއްގެ އަންހެނުންނަށް ވުމަކީ ރަނިންމޭޓަކަށް ނުވެވޭނެ ސަބަބެއް ނޫން ކަމަށެވެ.
މީގެ އިތުރުން ގާސިމްގެ އަނބިކަބަލުން ރަނިން މޭޓްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ އެކަމަށް ހުރިހާ ފަރާތްތަކުން އިޙްތިރާމް ކުރަން ޖެހޭ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ. ސަމީރު ވަނީ ޖުމްހޫރީ ޕާޓީއަކީ އަމިއްލަ އަށް ކަންކަން ނިންމޭވަރުގެ ޕާޓީއެއް ކަމަށެވެ. އަދި އެކަން ޖުމްހޫރީ ޕާާޓީއާއި އެކު އެއް ސަފެއްގައި މަސައްކަތް ކުރާ ޕާޓީތަކުން ދަންނަން ޖެހޭ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
“ޑިމޮކްރަސީގެ ރީތި އުސޫލަކީ ޕާޓީއަކުން ނިންމާ ނިންމުމަކަށް އިޙްތިރާމް ކުރުން، އަދި ގާސިމްގެ އަނބިކަނބަލުން މިފަދަ މަގާމަކަށް އައުމުން މަހްރޫމްވެގެން ނުވާނެ” ސަމީރު ވިދާޅުވިއެވެ.
ސަމީރު ވަނީ އެ ޕާޓީއިން ޖުލައި މަހުގެ 10 ވަނަ ދުވަހު ރަނިން މޭޓް އިއުލާން ކުރާނެކަންވެސް ހާމަ ކުރައްވާފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ގޮތަށް ސަމީރު އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މައްޗަށް ބާރު ފޯރުވާ ގޮތަށް، ނޫނީ ވަކި ފަރާތެއް ބޭނުންވާ ގޮތަށް ކަންކުރަން ޖުމްހޫރީ ޕާޓީއިން ޖެހޭނެ ކަމަށް ޤަބޫލް ކުރާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ.