English Edition
Dhivehi Edition

މިހާރު އަޅުގަނޑުމެންގެ ވަލިއްޔުލް އަމުރަކީ ޤާނޫނޫ އަސާސީ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ފަރާތްތަކުން ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ”ވަލިއްޔުލް އަމްރު”އަކީ ވެރީންގެ ޒިންމާތަކާއި ވާޖިބުތައް ކަނޑައެޅިފައި ނެތް ޒަމާނެއްގައި ހުންނަ އިސްވެރިޔާއަށް ކިޔާ ނަމެއް ކަމަށާއި، މިއަދުގެ ވަލިއްޔުލް އަމްރަކީ ގާނޫނު އަސާސީ ކަމަށެވެ. އަދި ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އޮންނާނީ ގާނޫނު އަސާސީގައި ލިމިޓުކޮށްފައި ކަމަށް މައުމޫން ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ވެސް އަމަލުކުރައްވަން ޖެހޭނީ ގާނޫނު އަސާސީއިން ލިބިދީފައިވާ އިމުގެ ތެރެއިން ކަމަށެވެ. ގާނޫނު އަސާސީގެ މާއްދާއަކާ ހަވާލާ ދެއްވައި، މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަވަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތުގެ މަތިން ކަމަށާއި އޭގެ ބޭރުން ވެރިކަން ނުހިންގޭނެ ކަމަށެވެ. އަދި އޭގެ ބޭރުން ކުރާ އެއްވެސް ކަމަކީ ސައްހަ ކަމަކަށް ނުވާނެކަމަށް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ “ވަލިއްޔުލް އަމްރު” އަކީ “ކަމާ ބެހޭ މީހާ”އޭ ބުނުމަށް ކުރީގައި ބޭނުންކުރި ބަހެއް ކަމަށެވެ. ގާނޫނު އަސާސީތަކާއި އެކިއެކި މީހުންގެ ޒިންމާތަކާއި ވާޖިބުތައް އަދި ބާރުތައް ކަނޑައެޅިފައި ނެތް ދުވަސްވަރު ހުންނަ އެންމެ އިސްވެރިއަކަށް ކިޔާނީ “ވަލިއްޔުލް އަމުރު” ކަމަށް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ މިއަދު ވަލިއްޔުލް އަމްރެއް ނުހުންނާނެ ކަމަށާއި، މިއަދު ވަލިއްޔުލް އަމުރަކަށް ވާންޖެހޭނީ ގާނޫނު އަސާސީކަމަށެވެ.