English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ ،މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދުމުގެ ހުއްދައަށް އެދި އަންނަ ހަފްތާގައި ހުށައަޅަން ނިންމައިފިއެވެ.

އެމްއާރްއެމްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާ، ރައީސް މައުމޫން އެކަން ހާމަކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރައީސް މައުމޫން އެމްއެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައި މިވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕީއެމް އަނބުރާ އެމަނިކުފާނަށް ލިބިދާނެ ކަމުގެ އުއްމީދު ކުޑަވެފައި ވަނިކޮށެވެ. ރައީސް މައުމޫނަށް އަނބުރާ ޕީޕީއެމް ލިބިދާނެ ކަމުގެ އުއްމީދު ކުޑަވީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ކުއްލި ކޮންގްރެސްގެ ނިންމުންތައް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ބުދަދުވަހު ހުކުމްކުރުމާ ގުޅިގެންނެވެ.

ރައީސް މައުމޫން އިސްވެ ހުންނަވައިގެން މީގެކުރިން ވަނީ ޑީއާރްޕީއާއި ޕީޕީއެމް އުފައްދަވާފަ އެވެ. ރައީސް މައުމޫނަށް ޑީއާރުޕީވެސް ގެއްލުނީ، ޕާޓީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީން އަލީއާއި މެދު ޚިޔާލު ތަފާތުވުން ބޮޑުވުމާއި ގުޅިގެންނެވެ. ރައީސް މައުމޫނާއެކު ގިނަ މަޖިލީސް މެންބަރުންނާއި، ޕާޓީ އެތައްހާސް މެންބަރުންނެއް ވަނީ ރައީސް މައުމޫން އޭގެ ފަހުން އުފެއްދެވި ޕީޕީއެމަށް ބަދަލުވެފައެވެ.