English Edition
Dhivehi Edition

މައުމޫން ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގުމާ ހަވާލުވެފައިވާ ކޯލިޝަންގެ ތެރޭގައި ކަމަށާއި ދެމިތިބޭނީ ސަރުކާރަށް ތާއީދުކުރުންމަތީގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ތާއީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“މާއްދާ 4” ގެ ނަމުގައި ކެމްޕެއިން އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ހުރިހާ ކަމެއްވެސް މިހާރު ވަނީ އިސްލާހުކުރަން ޖެހިފައި ކަމަށެވެ. އަދި އެމްއާރުއެމް މިއަދު ނިކުމެ އޮތީ އެކަންކަން އިސްލާހު ކުރަން ކަމަށާއި އެޖަމާއަތުގެ ނަމުންވެސް އެކަން އެނގޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމްއާރުއެމް އޮންނާނީ ސަރުކާރާ އެކުގައިކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ގައުމަށް ހަމަޖެހުން އަންނާނީވެސް ސަރުކާރާ އެކު ތިބެގެން ކަަމަށާއި އެހެންކަމުން އެންމެން ތިބެން ޖެހޭނީ އެއްގޮތެއްގައި ކަމަށެވެ.

މައުމޫން ވިދާޅުވީ ފާއިތުވެގެން ދިޔަ ފަސް އަހަރު ރާއްޖެ ވަނީ ވަރަށް ހަލަބޮލިވެ ހަމަނުޖެހުން ބޮޑު ގައުމަކަށް ވެފައި ކަަމަށެވެ. އަދި ރައްޔިތުންނަށް ތަފާތު ގެއްލުންތައް ލިބިފައިވާ ކަމަށާއި ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެ، މާޔޫސްވާ ތަން މިދިޔަ ފަސް އަހަރު ފެނިގެން ގޮސްފައިވާއިރު، އެމަންޒަރުތަކަކީ ދެން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރުތަކެއް ނޫން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

“މާއްދާ-4” ކެމްޕޭން ޝިއާރެއްގެ ގޮތުގައި ބޭނުން ކޮށްގެން އެމްއާރްއެމުން ކެމްޕޭން ކުރިއަށް ގެންދަން ނިންމާފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ މާއްދާ ހަތަރަކަކީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ ކަމަށެވެ. އެމާއްދާގައި އޮތީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އެއީ ޑިމޮކްރަސީގެ ހަގީގީ މާނަ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްޓިކް ނިޒާމްގައި އުނި ކަންތައްތަކެއް އެބަހުރި ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި އުނި ކަންތައްތައް ފާހަގަކުރެވުނު ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.