English Edition
Dhivehi Edition
08 ސެޕްޓެންބަރު 2017ގައި ޖޭޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

ކޮވިޑް-19ގެ ސަބަބުން މަރުވާ ސްރީ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމުގައި ކުރީގެ ރައީސް، މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައި ވަނީ ކޮވިޑްގެ ސަބަބުން މަރުވާ ލަންކާ މުސްލިމުން ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމުގައެވެ.

“އަދި އެކަން ކޮށްދީފިނަމަ އެކަން ވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާޢީދަކަށް”، މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރޭ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުރިހާ ޤައުމެއްގެވެސް އަދި ހުރިހާ ދީނެއްގެވެސް ރައްޔިތުންނަށް ރާއްޖެއިން މަރުޙަބާ ކިޔާނެ ކަމަށާއި އެހެންނަމަވެސް ކޮވިޑް-19ގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލުމަށް ގެނައުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

މައުމޫން މިހެން ވިދާޅުވި ނަމަވެސް، ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ވަނީ އެކަމަށް ތާޢީދުކުރައްވައިފައެވެ.