އަމިއްލަ ގައުމުގައި މިހާރު ކުރިއަތް ދާ ފީފާ ވޯލްޑް ކަޕްގައި ދުނިޔޭގެ ފުޓްބޯޅާއިގެ ގަދަ ބާރުގެ ގޮތުގައި ބެލެވުނު ސްޕެއިން ބަލިކޮށް ރަޝިޔާ ކުއާޓާގެ ޖާގައެއް ހޯދާއިފިއެވެ.
ރަޝިޔާއިން ސްޕެއިން ބަލިކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެ ނަތީޖާ ނެރުމަށް ކުޅުނު ހިތުރު ވަގުތުގެ ދެ ހާފް ކުޅެ ނިމުނު އިރު ދެ ޓީމް އެއް ވަރުވެފައި އޮތުމުން ޕެނަލްޓީގައި 4-2 ލަނޑުން ސްޕެއިން ބަލިކޮށްގެންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސްޕެއިންގެ އިނިއެސްޓާއާއި ޖެރާޑް ޕީކޭއާއި ސާޖިއޯ ރާމޯސް ޕެނަލްޓީތައް ކާމިޔާބުކޮށްދިން އިރު ކޮކޭއާއި އަސްޕާސް ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ. ރަޝިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޔޮޑޯރް ސްމޮލޯފްއާއި އިގްނަޝެވިޗްއާއި އެލެކްސެންޑާ ގޮލޮވިން އަދި ޑެނިސް ޗެރިޝޭފްއެވެ
ރޭގެ މެޗުގައި ސްޕޭންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ރަޝިޔާއިން ވަނީ އަމިއްލަ ދަނޑުގައި ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެން މަސައްކަތް ކޮށްފައެވެ. ދެ ޓީމްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ ސްޕެއިނުންނެވެ. މި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި އިސްކޯ ނަގައިދިން ހިލޭ ޖެހުން ރަޝިއާގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސާޖީ އިގްނަޝެވިޗް ފައިގައި ޖެހިފައި ބައިކޮޅަށެވެ.
ރަޝިޔާ އަތުން ބައިކޮޅަށް ވަން ގޯލާއި އެކު ސްޕޭއިންގެ ފަރާތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އިތުރު ގޯލެއް ކާމިޔާބުކުރަން މަސައްކަތް ކުރި ނަމަވެސް ރަޝިޔާއިން ވަނީ ކައުންޓާގައި ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ރަޝިއާއިން ނަތީޖާ ހަމަހަމަކުރީ ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖެރާޑް ޕީކޭ ބޯޅައިގައި އަތްލުމުން ރަޝިއާއަށް ލިބުނު ޕެނަލްޓީއެއްގައި އާޓެމް ޒޫބާ ކާމިޔާބުކުރި ލަނޑުންނެވެ.
މި މެޗުން މޮޅުވެ ރަޝިޔާ ގަދަ 8 އިން ޖާގަ ކަށަވަރުކޮށްފައިވާއިރު މިހާތަނަށް ގަދަ 8 ގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ފްރާންސް އާއި އުރުގުއޭއެވެ.