English Edition
Dhivehi Edition

ފަލިޖަހާފައި އައްޑޫސިޓީން ފުވައްމުލަކަށް ދިއުމަށް ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އައްޑޫގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ކުރި ޗެލެންޖް، ޕްރިންސިޕަލުން ގަބޫލުކުރައްވަން ފައްޓަވައިފިއެވެ.

އައްޑޫސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ޚާއްޞަކޮށްގެން ކުރި މި ޗެލެންޖް އެންމެ ފުރަތަމަ ގަބޫލު ކުރެއްވެވި ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ އާސިޔަތު މުޙައްމަދު ދީދީ އާއި އެމްއެންޔޫގެ ހިތަދޫ ކެމްޕަސް މެނޭޖަރ އާމިނަތު ޒާހިރާ ކަމަށް ރޯވިން އެސޯސިއޭޝަނުން ބުނެއެވެ.

ރޯވިން އެސޯސިއޭޝަނުގެ ނައިބް ރައީސް ހަސަން ޖާވީދު ވިދާޅުވީ އަންހެން ބޭފުޅުން މިކަމުގައި އިސްނެންގެވީތީ ވަރަށް ބޮޑަށް އުފާކުރާ ކަމަށާއި އެއީ ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށެވެ.

“އަންހެން ބޭފުޅުންގެ އިތުރުން ފިރިހެން ޕްރިންސިޕަލުން ވެސް މިހާރު ގެންދަވަނީ ޗެލެންޖް އެކްސެޕްޓް ކުރައްވަމުން. ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާއާއި ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ޑރ އަދީލް ނަސީރު ވެސް ޗެލެންޖަށް ތައްޔާރުކަމަށް ވިދާޅުވެއްޖެ. އައްޑޫގެ ގިނަ ސްކޫލްތަކުގެ ބައިވެރިވުން ލިބިގެންދާނެ ކަމަށް މިބަލަނީ” ޖާވީދު ވިދާޅުވިއެވެ.

މި ޗެލެންޖުގައި އައްޑޫސިޓީން ފަށައިގެން ފުވައްމުލަކާ ހަމައަށް ޕްރިންސިޕަލުން ފަލި ޖަހާފައި ދާން ޖެހެއެވެ.

މި އިވެންޓާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ޖާވީދު ވިދާޅުވީ ޗެލެންޖްގައި ބައިވެރިވާ ބޭފުޅުންނަށް އެއް މަސް ދުވަހުގެ ޚާއްޞަ ޓްރެއިނިން ދެވޭނެ ކަމަށާއި މިކަމުގައި ބައިނަލް އަގުވާމީ ޓްރެއިނިން ހަދާފައިވާ ކޯޗުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މި ކޯޗުންގެ އެހީތެރިކަމާއެކު މި އިވެންޓުގައި ބައިވެރިވާ ޕްރިންސިޕަލުންނަށް ޚާއްޞަ ތަމްރީން ތަކެއް ދެވިގެންދާނެކަމަށް ޖާވީދު ވިދާޅުވިއެވެ.

“މިއީ ރޯވިން ޕްރޮމޯޓްކޮށް މިކަމުގައި ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެއްސި އިވެންޓެއް.” ކަމަށް ޖާވީދު ވިދާޅުވިއެވެ.

އިވެންޓްގައި ބައިވެރިވެލެއްވެވި ޕްރިންސިޕަލުންގެ ތެރެއިން ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ އާސިޔަތު ވިދާޅުވީ ކުރީގައި ފަލިޖަހަން ދަސްވެފައި ނެތަސް މިކަމުގައި ބައިވެރިވާން ނިންމާ ޗެލެންޖާ ކުރިމަތިލީ ސާބިތުކަމާއެކުގައި ކަމަށެވެ.

“ދުވަހަކުވެސް ފަލި ނުޖަހަން. އެކަމަކު އައްޑޫގައި ރޯވިން ކުރިއެރުވުމަށް އެސޯސިއޭޝަނުން އިސްނަންގަވައިގެން ކުރައްވާ ކަމަކަށް ވުމުން ސަޕޯޓް ދޭން ބޭނުންވީ. އިވެންޓް ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވޭނީ ކޮންމެވެސް ބަޔަކު ބައިވެރިވީމާ ކަމަށް ގަބޫލު ކުރެވޭތީ. ޓްރެއިނިން ހަދާ ނިމިގެން އިވެންޓް ބާއްވާ ގޮތަށް މި އޮތީ އެހެންވީމާ ހަމަ ތައްޔާރު” އާސިޔަތު ވިދާޅުވިއެވެ.

ހިތަދޫ ކެމްޕަސްގެ މެނޭޖަރ ޒާހިރާ ވިދާޅުވީ އިވެންޓްގެ ވާހަކަ އަޑުއިވުމުން ބައިވެރިވާން ވަރަށް ބޭނުންވި ކަމަށެވެ. އަދި މި ޗެލެޖެންޖް އެކްސެޕްޓްކޮށް މީގައި ބައިވެރިވުމަށް އެދޭކަމަށް ހަބީބް އަށް ދެންނެވިކަމަށެވެ.

“ފިރިހެން ބޭފުޅުންނެކޭ އެއްފަދައިން އަންހެން ޕްރިންސިޕަލުންނަށް ވެސް ވާނެ. އަޅުގަނޑުމެން ހަމަ ފުރިހަމައަށް ތައްޔާރު” ޒާހިރާ ވިދާޅުވިއެވެ.

މިއީ އައްޑޫގައި މިފަދަ ހަރަކާތެއް ހިންގާ ފުރަތަމަ ފަހަރު ކަމަށް ވުމާއެކު ރޯވިން އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކަށް އައްޑޫގެ ސްކޫލްތަކުންނާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި އައްޑޫސިޓީ ކައުންސިލުން ދެއްވަވާ އެއްބާރުލުމަށް އެސޯސިއޭޝަނުން ޝުކުރު ދަންނަވައެވެ.

1 ކޮމެންޓް
Aishath
ޖުލައި 1, 2018
Saabahey kanbalunney.