English Edition
Dhivehi Edition

އޭޝިއާ ބައްރުގެ ކޯސްޓަލް ރޯވިންގް މުބާރާތް 2021 ވަނަ އަހަރު އައްޑޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދަނީ، މިހާރު ތައިލޭންޑުގައި ކުރިއަށްދާ އޭޝިއަން ރޯވިން ފެޑެރޭޝަންގެ ޖޮއިންޓް ކޮމެޓީ ބައްދަލުވުމުގައި ބައިވެރި ވުމުންނެވެ. މިބައްދަލުމުގެ ތެރެއިން އެއެސޯސިއޭޝަނުން ވަނީ އޭޝިއަން ރޯވިންގް ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެފައެވެ. އޭޝިއާގެ 3 ގައުމަކާއި ވާދަކޮށް އެއެސޯސިއޭޝަނުން ވަނީ 2021 ވަނަ އަހަރު ކޯސްޓަލް ރޯވިންގް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހުށަހެޅި ބިޑް ކާމިޔާބު ކޮށްފައެވެ.

https://twitter.com/Rowmaldives/status/1207239893362937856

ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބް މިކަމާއި ގުޅޭ ގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިމުބާރާތް ބާއްވާނީ އައްޑޫގައި ކަމަށެވެ. އަދި މިމުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ މިފަދަ ކުޅިވަރު އެންމެ ބޮޑު މުބާރާތަށް ކަން އޭނާ ފާހަގަ ކުރިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ސެޕްޓަމްބަރު ނުވަތަ އޮކްޓޫބަރު މަހު ބާއްވާ މިމުބާރާތުގައި 500 އެއްހާ އެތުލީޓުން 36 ގައަމަކުން ބައިވެރިވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި މިއީ އައްޑޫގައި ބޭއްވިގެންދާ ބައިނަލް އަޤްވާމީ އެންމެ ބޮޑު މުބާރާތް ކަން ހަބީބް ފާހަގަ ކުރިއެވެ.

ރޯވިންގް އެސޯސިއޭޝަނަކީ މާލެއިން ބޭރުގައި ހިންގާ ހަމައެކަނި ޤައުމީ ކުޅިވަރު އެސޯސިއޭޝަނެވެ. މިއެސޯސިއޭޝަނުން މިހާތަނަށް ބައިނަލްއަޤްވާމީ އެކި ފެންވަރުގެ މުބާރާތްތަކުގައި ރާއްޖެ ތަމްސީލް ކޮށްފައި ވާއިރު މެޑަލް ވެސް ވަނީ ހޯދާފައެވެ. ރޯވިން އެސޯސިއޭޝަނުން ވިދާޅުވީ، ރާއްޖޭ ފަރާތުން މިމުބާރާތަށް ބިޑް ހުށަހެޅުމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަޙްލޫފް ވަރަށް ބޮޑަށް ތަރުހީބު ދެއްވި ކަމަށެވެ. އަދި މިކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީން ކަން ވަޒީރު އަރުވާފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ.