English Edition
Dhivehi Edition

އައްޑޫސިޓީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ “އިންޓަރ ސްކޫލް/ޔުނިވަރސިޓީ ކޯސްޓަލް ރޯވިން ބީޗު ސްޕްރިންޓް” ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރޯވިން އެސޯސިއޭޝަނުން ބުނެފިއެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ ރާއްޖެއިން ބޭރުގެ ގައުމުތަކަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި މުބާރާތުގައި ރާއްޖެއިން 130 އެތުލީޓުން ބައިވެރިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން 23 އެތުލީޓުން ބައިވެރިވާއިރު ރާއްޖެއިން ބޭރުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، އިނގިރޭސިވިލާތް، ޕާކިސްތާން ޗައިނާ ހިމެނޭ ކަމަށެވެ.

ހަބީބު ވިދާޅުވީ މި ނޫން އެހެން ބައެއް ގައުމުތަކުން ވެސް މުބާރާތުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރިނަމަވެސް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ގެނައުމަށް ދަތިތަކެއް ދިމާވުމުގެ ސަބަބުން އެގައުމުތަަކަށް ބައިވެރިވެވޭ ގޮތެއް ނުވީކަމަށެވެ.

ނޮވެމްބަރު މަހުގެ 11 އިން 14 އަށް ކުރިއަށް ދާ މި މުބާރާތުގެ ސަބަބުން ބޭރުގެ ގައުމުތަކަށް އައްޑޫ ތައާރަފްވެ އިތުރަށް މަޝްހޫރުވެގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިއީ އައްޑޫގެ ފަތުރުވެރިކަން ދުނިޔެއަށް ފުޅާކުރުމަށް ލިބިގެންދާނޭ ފުރުސަތެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

މި މުބާރާތް އައްޑޫ ސިޓީގައި ކުރިއަށް ދާއިރު އައްޑޫސިޓީކައުންސިލާއި، އުރީދޫ މޯލްޑިވްސްއާއި، ސޮނޭވާއި، އެސްޓީއޯއާއި، އެމްއެމްޕީއާރުސީއާއި ސަނީ އެންޓަރޕްރައިސަސްއާއި، ސިގްނޭޗަރއާއި މޯލްޑިވިއަންއާއި އެމްޑަބްލިޔުއެސްސީ ފަދަ ފަރާތްތަކުގެ އެހީތެރިކަން މުބާރާތަށް ލިބެމުން އަންނަ ކަމަށް ވެސް ރޯވިން އެސޯސިއޭޝަނުން ބުނެއެވެ.