ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކަށް ވަދެވޭނީ އަދި 08 މަސް ދުވަސް ފަހުން ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިއަދު އެ މިިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އަދި ފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަށް މަސް ދުވަސް ބޭނުންވާކަމަށް ކޮންޓެކްޓަރު، ސަރުކާރަށް އަންގާފައިވާ ކަމަށެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި މިހާރު ކުރަން ހުރީ ކޮން މަސައްކަތްތަކެއް ކަމެއް މިނިސްޓަރު އަސްލަމް އޮޅުންފިލުވައިދެއްވާފައިނުވާއިރު އަސްލަމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ހަތަރު މަސް ދުވަސް އެއްކޮށް ގެއްލިގެން ހިނގައްޖެކަމަށެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރުން ލަސްވުމާއި ގުޅިގެން މިއަދު މަޖިލީހަށްވެސް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސަރުކާރުންވެސް މުށި ޖަހާ ފިނިޝިން ނިންމާ، ފްލެޓްތައް ހަވާލު ކުރަން ނިންމިކަމަށެވެ. އެހެން ނަމަވެސް ފަހުން ސަރުކާރުން ނިންމާފައި ވަނީ ކުރިން ވެސް ނިންމާފައި އޮތް ގޮތައް އެކަންކަން ނުކޮށް ފްލެޓްތައް ހަވާލު ކުރަންކަމުގައި އަސްލަމް ވިދާޅުވިއެވެ.
ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން މިހާރު ހަދާ ނިމިފައި ވަނީ 6720 ފްލެޓް އެވެ.