English Edition
Dhivehi Edition
ފޮޓޯ: އަވަސް

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރު ކޯލިޝަންގެ މެންބަރުން ވަނީ ޑރ. ދީދީއަށް ތައުރީފް ކުރައްވައި އެއީ އެ މަގާމަށް އެންމެ ގާބިލް ބޭފުޅާ ކަމަށް ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ހުކުމްކޮށް ހައިކޯޓުން ތާއިދުކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެވެ.

އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމުގެ އިޖުރާއަތުތައް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގެ 147 ވަނަ މާއްދާގަ އެވެ. އެ މާއްދާގައިވާ ގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އައުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

ދިރާސާކުރުމަށް ރައީސް މަޖިލީހަށް ފޮނުވާ ނަމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމުމުން ހަތް ދުވަހުގެ ތެރޭގައި ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު އައްޔަންކުރަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި ތިއްބަވަން ޖެހެނީ އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ.