ޝަރުޢީ ދާއިރާގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅުންހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޢުތަޞިމް އަދުނާންއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވީ “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ” ޤާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ޚިލާފަށް ޝަރުޢީ ދާއިރާއިން ނިންމަވާފައިވާ ނިންމުންތައް ބާތިލްކޮށް ދެއްވުމަށާއި، “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ” ޤާނޫނު ޝަރުޢީ ދާއިރާއިން ފުރިހަމައަށް ތަންފީޒުކޮށް ދެއްވަމުން ގެންދެވުމަށް ދެންނެވުމަށެވެ.
“މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ” ޤާނޫނުގައި ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަވަންޖެހޭނެ ކަމާށާއި ކޮންމެ އިދާރާއަކުން ވެސް މަޢުލޫމާތު ހޯދުމަށް ރައްޔިތުންނަށް ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ” ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަހަރީ ރިޕޯޓް ދައުލަތުގެ ކޮންމެ އިދާރާއަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަންޖެހެއެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިންމަވާފައި ވަނީ، ޝަރުޢީ ދާއިރާގައި ހިމެނޭ ދައުލަތުގެ ވަކިވަކި އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ކޮންމެ އިދާރާއަކަށް އިންފޮމޭޝަން އޮފިސަރަކާއި މުރާޖަޢާ ކޮމިޓީއެއް އައްޔަންކުރެއްވުމުގެ ބަދަލުގައި، ޝަރުޢީ ދާއިރާއިން ކަނޑައަޅާނީ އެންމެ އިންފޮމޭޝަން އޮފިސަރެއް ކަމަށާއި އަދި އެންމެ މުރާޖަޢާ ކޮމިޓީއެއް ކަމަށެވެ. އެގޮތުން އިންފޮމޭޝަން އޮފިސަރެއްގެ ގޮތުގައި އަދި މުރާޖަޢާ ކޮމިޓީގައި ހިމަނާނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ތެރެއިން ބޭފުޅުން ކަމަށް ވެސް ސުޕްރީމް ކޯޓުން އޭރު ވަނީ ނިންމަވައިފަ އެވެ.
“މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ” ޤާނޫނަށް 2014 ވަނަ އަހަރު އަމަލަކުރަން ފަށާފައިވާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ އެންމެ އަހަރީ ރިޕޯޓެކެވެ. އެއީ 2014 ވަނަ އަހަރު ޖުވެނައިލް ކޯޓުންނެވެ. އެ ރިޕޯޓު ފިޔަވައި، ޝަރުޢީ ދާއިރާގެ އެހެން އެއްވެސް އިދާރާއަކުން، މިހާތަނަށް އަހަރީ ރިޕޯޓު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައެއް ނުވެއެވެ.
ޝަރުޢީ ދާއިރާގެ ކަންކަން ވީހާ ވެސް ދެ ފުށް ފެންނަ ގޮތަށް ހެދުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ރައްޔިތުންނަށް ލިބިދިނުމަށް ބާރު އަޅުއްވާ ކަމަށް، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް އަދުނާނު ވިދާޅުވުމުން، އެކަމަށް އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވެވިއެވެ.
ޝަރުޢީ ދާއިރާއާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުކޮށް، ތަސައްވަރު ރަނގަޅު ކުރެވޭނީ އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު ވިދާޅުވި ގޮތުގައި “މަޢުލޫމާތު ހާމަކުރާ މިންވަރު އިތުރުކޮށްގެން” ނެވެ.
“ވަރަށް ބޮޑަށް މިއަދު ހިތްހަމަޖެހިގެން ހިނގެއްޖެ، ޝަރުޢީ ދާއިރާގެ ހާމަކަން ބޮޑު ކުރެއްވުމުގެ ވިސްނުންފުޅު މިހާރުގެ އުއްތަމަ ފަނޑިޔާރު ގެންގުޅުއްވާތީ. އެކަމުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތައް އިތުރަށް ކަށަވަރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ،” އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، އެ މަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބައިވެރިވެވަޑައިގަތީ، އިންފޮމޭޝަން ކޮމިޝަނަރުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަޙްމަދުއާއި ޑިރެކްޓަރ ޖެނެރަލް ޙަސަން ޝާކިރުއާއި ޑިރެކްޓަރ ލީގަލް އެފެއާޒް އަލްއުސްތާޛާ ފާޠިމަތު ސައުސަންގެ އިތުރުން އެސިސްޓަންޓް ބިޔުރޯ އޮފިސަރ ނަފްޙާ ނަޢީމްއެވެ.