މިއަހަރު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 477 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލްކްޝަން ކޮމިޝަނުން މައުލޫމާތު ދެއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 477 ވޯޓް ފޮށި ބަހައްޓަން ނިންމައިފައިވާ ކަމަށާއި އެގޮތުން ބޭރު ގައުމުތަކައި 12 ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޖުމްލަ 54 ވޯޓް ފޮއްޓާއި، މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންނަށް ބަހައްޓާ 74 ފޮއްޓާއި، އަތޮޅު ތެރޭގެ ރަށްތަކުގައި ބަހައްޓާ 302 ފޮއްޓާއި، ރިސޯޓްތަކުގައި 24 ފޮއްޓާއި، ބޭރު ގައުމުތަކުގައި 12 ފޮއްޓާއި، ސިނާއީ ރަށްތަކުގައި ހަތް ފޮއްޓާއި އަދި ޖަލުތަކުގައި ހަތަރު ފޮށި ބަހައްޓާނެކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވޯޓް ފޮށީގެ އަދަދު މުޅިން ޔަގީންކުރެވޭނީ ރީރަޖިސްޓްރީގެ މަސައްކަތްތައް ނިންމާލުމުން ކަމަށާއި ކޮންމެ ވޯޓް ފޮއްޓެއް ކައިރީގައި ބުކްލެޓެއް އޮންނާނެ ކަމަށެވެ. މި ބުކްލެޓްގައި ކޮންމެ ވޯޓް ފޮއްޓަކަށް ވޯޓްލާ މީހުންނާއި، އެމީހުން ނިސްބަތްވާ ސަރަހައްދާއި ޗާޓް އިނގޭ ގޮތަށް ހުންނާނެ ކަމަށް ވިދާޅުވަމުން ޝަރީފު ވިދާޅުވީ އެކަމުންވެސް ވޯޓު ލުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
އަދި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކަށް ބުކްލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ވޯޓް ފޮށި ކައިރީގައި މިއަހަރު އިލެކްޝަންސް އޮފިޝަލުންގެ ގޮތުގައި ގާތްގަނޑަކަށް 10 އޮފިޝަލުން ތިބެން ހަމަޖެހިފައިވާއިރު މި ކަން މިގޮތަށް ނިންމީ ވީހާވެސް އަވަހަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުރައްވާ ކަމެއްގެ ގޮތުގައި ކަމަށްވެސް އީސީން ވަނީ މައުލޫމާތު ދެއްވާފައެވެ. ވޯޓް ފޮށި ކައިރީގައި ތިބޭ އޮފިޝަލުންގެ ޖުމްލަ އަދަދު މިއަހަރު 4000 އޮފިޝަލުންނަށް އަރާނެ ކަމަށްވެސއީސީން ވަނީ ހާމަކޮށްފަ އެވެ.
ޝަރީފް ވިދާޅުވީ ވޯޓް ފޮށި ކައިރީގައި ތިބޭ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހޯދުމަށް މާދަމާ އިއުލާންކުރާނެ ކަމަށާ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބޭފުޅަކަށް އިލެކްޝަންގެ އޮފިޝަލެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.
ގާނޫނުގައިވާގޮތުގެ މަތިން ވޯޓު ނަގާ، ވޯޓު ގުނާ އަދި ވޯޓުގެ ނަތީޖާ އިއުލާން ކުރާނީވެސް ވޯޓުލާ މަރުކަޒުގައި ކަމަށްވެސް އިލެކްޝަންސް އިން ވަނީ ބުނެފައެވެ.