ފީފާ ވޯލްޑް ކަޕްގައި މެކްސިކޯ އާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މެކްސިކޯ ގަދަ 16 ޓީމްގެ ތެރެއަށް ޖެހިލައިފިއެވެ.
ރަޝިޔާގައި މިހާރު ކުރިއަށް ދާ މިމުބާރާތުގެ ގުރޫޕް އެފްގައި ގައުމީ ޓީމަށް ހާވިއޭ ހަނާންޑޭޒް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑުން ދެކުނު ކޮރެޔާގެ މައްޗަށް މެކްސިކޯ ކުރި ހޯދާފައިވަނީ 2-1 ލަނޑުންނެވެ.
މިމޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު މެކްސިކޯ ގްރޫޕް އެފްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު ދެވަނާގައި އޮތް ޖަރުމަނާއި ތިން ވަނާގައި އޮތް ސްވިޑެން ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ކޮރެޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިގުރޫޕުން ދެވަނަ ބުރަށް ދާ އަނެއް ޓީމް ކަށަވަރުވާނީ އަންނަ ބުދަ ދުވަހު ސްވިޑަން އާއި މެކްސިކޯ އަދި ކޮރެއާ އާއި ޖަރުމަން ބައްދަލު ކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތުންނެވެ.
މެކްސިކޯ އާއި ކޮރެއާ ބައްދަލު ކުރި މިމެޗުގައި ކޮރެއާގެ ފަރާތުން ރީތި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ 23 ވަނަ މިނެޓުގައި ކޮރެއާގެ ޔަންގް ހިއުން-ސޫ ގެ އަތުގައި ބޯޅަ ޖެހުމުން މެކްސިކޯއަށް ލިބުނު ޕެނަލްޓީ އަކުން މެކްސިކޯއަށް ލީޑު ނަގައިދިނީ ކާލޯސް ވޭލާ އެވެ.
މި ލަނޑާއި އެކު ކޮރެއާ އިން ކުރިއަށް ޖެހި ކައުންޓާގައި މެކްސިކޯގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް ހެނާންޑޭޒް ވަނީ މެޗުގެ 66 ވަނަ މިނެތުގައި މެކްސިކޯގެ ލީޑު ފުޅާކޮށްދީފައެވެ.މިއީ ގައުމީ ޓީމަށް ހެނާންޑޭޒް 104 މެޗުން އޭނާ ޖެހި 50 ވަނަ ލަނޑެއެވެ.
ކޮރެއާގެ ހަމައެކަނި ގޯލް އިތުރު ވަގުތުގެ ތެރޭގައި ޖެހީ ސަން ހެއުން-މިން އެވެ.