English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވި ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހިތަދޫ ސްކޫލުގެ ދަރިވަރު މަރިޔަމް ޒަހުވާ އާދިލް ހޯދައިފިއެވެ.

ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް ފަރިތަކަންމަތީ ތަރުތީލުކޮށް ޤުރުއާން ކިޔަވަން އެނގޭ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްސަދުގައި ކައުންސިލުން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނޫރާނީ ސްކޫލުގައެވެ..

އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ޝަރަފްވެރި ކޮށްދެއްވެވި މި ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާ ހަނދާނީ ލިޔުން ވަނީ ދީފައެވެ..

ސިޓީ ފެންވަރުގައި ކައުންސިލުން ކުރިއަށް ގެންދިޔަ މިމުބާރާތުގެ މުޅި މުބާރާތުން ދެވަނައަށް ހޮވުނީ ފޭދޫ ސްކޫލުގެ ދަރިވަރު އައިޝަތު އަމާނީ އިޖްތިހާދުއެވެ. އަދި މުބާރާތުން ތިންވަނައަށް ހޮވުނު ދަރިވަރަކީ ޝަމުސުއްދީން ސްކޫލުގެ ދަރިވަރު އައިޝަތު މަންހާ ޖަލީލްއެވެ.

މިމުބާރާތުގައި އެގާރަ ސްކޫލަކުން ބައިވެރިވެފައިވާއިރު، އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ހުޅޫދޫ ސްކޫލެވެ.

އައްޑޫ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު އެއްފަހަރުއެވެ. މިފަހަރުގެ މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އަޙްމަދު ތައުފީޤު، އަލްހާފިޒު އިބްރާހިމް ޒުހައިރު އަދި އަލްހާފިޒު މުޙައްމަދު ވަހީދުއެވެ.