English Edition
Dhivehi Edition

ހޮސްޕިޓަލުގެ ހަމަ ހިމޭން ކޮޓަރިއެއްގައި ހުރި އެނދެއްގައި އޮށޯވެގެން އޮތް އިރު އަހަރެންގެ ވަށައިގެން އޮތީ މަރުފަދަ ހަމަ ހިމޭންކަމެކެވެ. ދަންވަރުގެ ވަގުތުކަމުން މީހެއްގެ ހިލަން ވަނީ ވެސް ހަމަ ކިރިޔާއެވެ. ބަލިމީހުން ތިބި ވޯޑަށް ޚާއްޞަކޮށްފައި ތިބި ނަރުސް ކުދިންގެ ބުޓޫގެ ހިމަދިގު ކަށީގެ ޓިކްޓޮކް އަޑުވެސް އިވެނީ ހާލަކުން ފަހަރަކުއެވެ. އަހަރެން އޮތީ އާދައިގެ ވޯޑެއްގައި ނަމަވެސް އެތަނުގައި ބަލިމީހުން މަދެވެ. އެންމެން ހެން ތިބީ ނިދާމަރުވެފައެވެ. ނުވަތަ ބޭހުގެ އެހީގައި ނިންދަވާފައެވެ. ނުނިދި ތެޅިތެޅި އޮތީ އަހަރެން އެކަންޏެވެ. އަހަރެންގެ ހަށިގަނޑުގައި އަޅާ ވޭނަށް ވުރެ މޭގެ ރިހުން ގަދައެވެ. ހިތުގެ ގިލަން ބޮޑެވެ. އަރުތެރެ ފުރި ބާރުވެ ދެލޯ ފުސްވެ ހިތްދަތިވެ ކަށީގެ ދާނެއްގައި އަހަރެން އޮތީމެވެ. މަތީގައި އެނބުރެމުން ދިޔަ ފަންކާގެ އަޑުވެސް އަހަންނަށް އިވެމުން ދިޔައީ މީހެއްގެ މަލާމާތުގެ ހިނިގަނޑެއްގެ އަޑުފަދައިންނެވެ. އެ ފަންކާވެސް އަހަރެންގެ ހާލަތަށް މަލާމާތްކޮށް ހެނީކަންނޭނގެއެވެ.

ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ހުދުފޮތިން ނިވާކޮށްފައިވާ އަހަރެންގެ މޭމަތީގައި އަތް ހާކާލީމެވެ. އެއާއެކު އަހަންނަށް ގިސްލެވެން ފެށިއެވެ. ކޮންޓްރޯލް ކޮއްގެން ހުއްޓާވެސް މަޑުމަޑު ގިސްލުމެއްގެ އަޑު ކަރުތެރެއިން ބޭރުވެގެން ދިޔައެވެ. ފުރިބަންޑުން ވަމުން ދިޔަ ޖަޒްބާތުތައް ކޮންޓްރޯލް ކުރަމުން އަހަރެންގެ ހަށިގަނޑުން އުނިވެފައިވާ ނިސްވާނީ ގުނަވަން ހުރިތަނުގައި އަހަރެންގެ އަތް ހާކާލީމެވެ. އަދި މަޑުމަޑުން ހަމަޖެހިލަމުން ދެލޯ މަރާލީމެވެ.

އަހަރެންގެ ޚިޔާލީ ސްކްރީނަށް އަރައި ފައިބާން ފެށީ ހަޔާތުގެ އުފާވެރި ދުވަސްތަކެވެ. ޒުވާންކަމުގެ އެންމެ ޖޯޝާއި ފޯރިގަދަ މަޖާ ދުވަސްތަކެވެ. އަހަންނާއި ޒަވާން އާއި ދިމާވެ އުފާވެރި ޙަޔާތެއް ފެށިގެން ދިޔަ ގޮތެވެ. އެއާއެކު ހިކި ހިނިތުން ވުމެއް އަހަރެންގެ ތުންފަތުގައި ކުޅެލިއެވެ.

އަމީނިއްޔާގައި ކިޔަވަމުން ދިޔަ އިރު އަހަންނަކީ ސްކޫލުގައި ނަން މަޝްހޫރު ހީރޯއަކީމެވެ. ކިޔެވުމުގެ ރޮނގަކުން ނޫނެވެ. ނަމަވެސް ރީތިކަމާއި ފަރިކަމާއި ޖެހިލުން ކުޑަކަމުންނެވެ. އަދި ހަމަ ކުޅިވަރަށް ވެސް އަހަރެން އެހާ މޮޅީއެވެ. އެހެންކަމުން ކޮންމެ ކުއްޖަކުވެސް އަހަންނަކީ އެކުއްޖެއްގެ ރަޙްމަތްތެރިއެއް ކަމުގައި ވުމަށް އެދެއެވެ. އަހަންނަކީ އަނގަގަދަ އަދި ރައްޓެހިން ގިނަ މީހަކީމެވެ. ވައިސޫރިއެއްހެން މުޅި ސްކޫލުގައި އަހަރެން އެނބުރެމެވެ. ބައެއްފަހަރު އަހަރެން އުޅޭ ގޮތުން މުދައްރިސުން ވެސް އަހަންނާހެދި އުނދަގޫވެގެން އުޅެއެވެ. ނަމަވެސް އެންމެންވެސް އަހަރެން ދެކެ ލޯބިވެއެވެ. ސްކޫލުގައި ޖެހޭ ކޮންމެ ކަމެއްގައި އަހަރެންގެ ބޭނުން ބޮޑުވީމައެވެ. އަހަރެންގެ ފުށުން ލިބޭ އެހީ ގިނަވީމައެވެ.

ސްކޫލުގެ ފިރިހެން ކުދިންވެސް ތިބެނީ އަހަރެންގެ އިޝާރާތަކަށް ބަލަބަލާކަން އަހަންނަށް އެނގެއެވެ. ސޯޝަލް މީޑިއާގައި އަހަންނަށް އަންނަ ދައުވަތުތަކުން އެކަން ވަރަށް ރަނގަޅަށް އެނގި ހާމަވެއެވެ. އަހަންނަކީ ވަރަށް ފޭސްބުކް ވެސް މީހަކީމެވެ. ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ސްޓޭޓަސް އަޕްޑޭޓް ނުކޮށް އަހަންނަށް ކާއެއްޗެއްވެސް ކެވޭ ކަމަކަށް ނުވެއެވެ. އަހަރެން ކުރާ ހުރިހާ ކަމަކާއި އަހަރެންވާ ހުރިހާ ތަނެއް ފޭސްބުކުން އެނގޭނެއެވެ. އެހެނަސް އަހަންނަކީ ބިޓިން މީހެކޭ ނުބުނެވޭނެއެވެ. ގިނަ ފިރިހެން ކުދިން ހީކުރާ ގޮތުގައި އަހަރެންގެ ވަރަށް ގިނަ ބިޓުން ތިބޭނެއެވެ. އެހެންކަމުން އެ ސުވާލު އަހަންނާ ކުރަން ކުދިން ޖެހިލުންވެސް ވަނީއެވެ.

ޒަވާން އަހަންނާ ވާހަކަ ދައްކަން ފެށީ އިންސްޓާގައެވެ. ޒަވާނަކީ ފޮޓޯނަގަން މާ ޝައުގު ހުންނަ މީހެއް ކަމުން އޭނާ ނަގާ ރީތި ފޮޓޯތަކަށް އަހަރެން ކޮމެންޓްކުރަމެވެ. ލައިކްވެސް ދެމެވެ. އެންމެ ފަހުން ޒަވާނުގެ ހިތުގައި ވެސް އަހަރެން އަޅައިގަތީއެވެ. އޭނާގެ ފުރަތަމަ ދައުވަތަކީ ފޮޓޯ ޝޫޓިން އެއް ޖެއްސުމެވެ. އަހަރެންވެސް އެއްބަސްވީމެވެ. ލޮލާއި ބޮލުންނެވެ. އެހާ މަޝްހޫރު އަދި ފޮޓޯނެގުމުގެ ކުޅަދާނަ މީހަކު އަހަރެންގެ ފޮޓޯ ހިލޭ ނަގައިދޭން ބޭނުންވެ ދައުވަތު ދިނީތީއެވެ.

ހުޅުމާލޭގެ ރީތި ހިތްގައިމު ތަންތަނުގައި އަހަރެން ބަހައްޓައިގެން ޒަވާން ފޮޓޯ ނެގިއެވެ. އެފޮޓޯތައް ވަރަށް ވެސް ރީއްޗެވެ. ސޯޝަލް މީޑިއާގައި ފޮޓޯތަކަށް ތަރުހީބު ލިބުނީ ހީވެސް ނުކުރާހާ ބޮޑަކަށެވެ. އެއީ އަހަންނާއި ޒަވާންގެ ގުޅުން އުފެދިގެން އައިގޮތެވެ. ފޮޓޯގްރާފަރަކާއި މޮޑެލް އަކާ ދެމެދު އުފެދުނު ގާތް ރަޙްމަތްތެރިކަން އެއަށް ވުރެ ގާތްގުޅުމަކަށް ބަދަލުވެ އެގުޅުމުގައި ލޯތްބޭ މިކިޔާ ކުލަ ޖެހިގެން ދިޔައީ ޚުދް އަހަންނަށް ވެސް ނޭނގިއެވެ. ޒަވާން އަހަރެންގެ ލޯތްބަށް އެދުނީ އަހަރެންގެ އޭލެވެލް އިމްތިޙާން ނިމުނު ދުވަހުގައެވެ. އަހަންނަށް ދެއްކޭނެ އިތުރު ބަހަނާއެއް ނެތެވެ. ބަހަނާއެއް ދައްކަން ބޭނުމެއްވެސް ނުވީއެވެ. ގްލޯރިއާ ޖީންސްގެ ހިތްގައިމު މާހައުލުގައި މީރު ލުއިބުއިމަކަށް އިންސާފުކުރަމުން ދިޔަ ވަގުތު އަހަރެންގެ އަތުގައި މަޑުމަޑުން ހިފާލަމުން ޒަވާން ދިން އެ ދައުވަތު އަހަރެން ގަބޫލުކުރީ ހިތާ ރުހުމުންނެވެ. އެހާ ހިސާބުން އަހަރެމެންގެ ގުޅުން އެންމެންނަށް އިއުލާންކުރީމެވެ. ފޭސްބުކް ސްޓޭޓަސް ގައި އަހަރެމެންގެ ލޯބި އިއުލާންކުރީމެވެ. ހިތް އެދޭ މީހުންނާއި ނޭދޭ މީހުންވެސް އަހަރެމެންނަށް މަރުހަބާކިޔައި ހެޔޮ ދުއާކުރިއެވެ.

ދެ އާއިލާއިންވެސް އަހަރެމެންގެ ކައިވެންޏަށް އެއްބަސްވި ވުމަކީ އެ ކައިވެނި އުފާވެރި މާހައުލެއްގައި ކުރެވިގެންދިޔަ ސަބަބެވެ. ރަޙްމަތްތެރިންނާއި އާއިލާމީހުންގެ ހެޔޮ ދުއާއާއެކު އަހަރެމެން އުފާވެރި ޙަޔާތެއްގެ ބިންގާ އެޅީ އަހަރެންގެ އޭލެވެލް އިމްތިޙާނުގެ ނަތީޖާވެސް އަތަށް ނާރަނީހެވެ. އޭރު ޒަވާން އުޅެނީ އަމިއްލަ ކުންފުންޏެއްގައި ފޮޓޯގްރާފަރެއްގެ ވަޒީފާގައެވެ. ކައިވެންޏަށް ފަހު އަހަރެމެން ބޭނުންވީ ވަކިން ދިރިއުޅުމަށެވެ. އަމިއްލަ އެޕާޓްމަންޓެއްގައި އެހެންމީހުންގެ ވައި ނޭޅޭނޭހެން މިނިވަން މާހައުލެއްގައި އުޅުމަށެވެ. އެހެންކަމުން ކައިވެންޏަށް ފަހު މަޝްހޫރު ކުންފުންޏަކުން އަހަރެންވެސް ވަޒީފާ ހޯދީމެވެ. ނަސީބު ރަނގަޅު ކަމުން ރަޙްމަތްތެރިއެއްގެ އެހީއާއެކު އަހަންނަށް ލިބިގެން ދިޔަ އެ ވަޒީފާއިން ފުދޭ ވަރެއްގެ ރަނގަޅު މުސާރައެއްވެސް އަހަންނަށް ލިބުނެވެ. ވަގުތުގެ ގޮތުން ހަނީމޫނަށް ރާއްޖެއިން ބޭރަށް ނުދެވުނު ނަމަވެސް އަހަރެމެން ރޭވީ ދެމީހުންވެސް މަސައްކަތް ކޮށް ފައިސާއެއްކޮށްގެން ރާއްޖެއިން ބޭރަށް ދިއުމަށެވެ. ލޯބިވެރިންގެ ބިނާކަމަށް ވާ ތާޖުމަހަލަށް ޒިޔާރަތް ކުރުމަށް އަހަރެމެން ކަނޑައަޅައި އެކަމަށް މަސައްކަތް ފެށީމެވެ.

ނަމަވެސް މި އަޒުމުގައި އަހަރެމެންނަށް މަސައްކަތް ކުރެވުނީ ދާދި މަދު ދުވަސްތަކަކަށެވެ. ދިމާވި މައްސަލައެއްގައި ޒަވާން ވަޒީފާ ދޫކުރީއެވެ. ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް އަހަރެންގެ ބޮލުގައި އެޅުނީއެވެ. މާލޭގައި އެޕާޓްމަންޓެއްގައި ދިރިއުޅެމުން ކުރަން ޖެހޭ ޒަރޫރީ ހުރިހާ ބޭނުމެއް އަހަރެންގެ މުސާރައިން ހަމަޖައްސަން ޖެހުނީއެވެ. ނުވިތާކަށް ދޭތެރެ ދޭތެރެއިން ރެސްޓޯރަންޓް ތަކަށް ގޮސް ކެއުމާއި ޕާޓީތަކަށް ދިއުމުގެ ޚަރަދުވެސް އަހަރެންގެ ބޮލުގައި އެޅުނީއެވެ. މިފަދަ ދިރިއުޅުމަކަށް އަހަރެން ހުރީ ތައްޔާރުވެގެނެއް ނޫނެވެ. ނަމަވެސް ޙަގީގަތާ ކުރިމަތިލާން އަހަންނަށް ޖެހުނީ ކައިވެނީގެ މާމުއި ދުވަސްވަރުވެސް ނުނިމެނީހެވެ. އަރާމެއް ނެތި ޑަބަލް ޑިއުޓީކޮށް އަހަރެން އާމްދަނީ އިތުރުކުރީމެވެ. ރާވާފައި އޮތް ހަނީމޫން ދަތުރަށް ދާން އަހަރެން ބޭނުންވެއެވެ. ރަޙްމަތްތެރިންގެ ގާތުގައި އެވަރަށް ފޮނިކަނޑާފައި ނުވި ނަމަ އަހަރެން މިދަތުރު ކެންސަލްވެސް ކުރީމުހެވެ. ނަމަވެސް މިހާރު އެހެންވެސް ހެދޭކަށް ނެތެވެ. ރެއާ ދުވާލު މަސައްކަތް ކޮށް ފައިސާއެއްކުރަން އަހަންނަށް މަޖުބޫރުވީއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ ޒަވާން ވިސްނާހެނެއް ހީއެއް ނުވެއެވެ. ސުމާރެއް ނެތް ބުމަރެއް ހެން އޭނާގެ އަގުބޮޑު ނިކޯން ކެމެރާ ކޮނޑުގައި އަޅުވައިގެން މުޅި މާލޭގައި އޭނަ އެނބުރެމުން ދިޔައެވެ. އެ މަސައްކަތުން އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށް ޒަވާން ދިޔައީ ބުނަމުންނެވެ.

ބުރަ މަސައްކަތަށް ފަހު އަހަރެމެންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް އިންޑިއާގެ އާގަރާއަށް ދިއުމަށް ދަތުރުރާވާލީމެވެ. ހުރިހާ ކަމެއް ކުރަން ޖެހުނީ އަހަންނަށެވެ. އެހެންނަމަވެސް ހެވެ. ގިނަ ދުވަހުގެ ގުރުބާނީ ތަކަކަށް ފަހު އުފާވެރި ދަތުރެއް ކުރެވޭ ވަރަށް އަހަރެން ހުރީ ފައިސާ އެއްކޮށްފައެވެ. އެއީ ޒަވާނަށް ވެސް އެނގުމެއް ނެތި އަހަރެން ކުރި ބުރަ މަސައްކަތެކެވެ. ދަތުރު ދެވޭތީ ޒަވާން ވެސް ހުރީ އިންތިހާ އަށް އުފާވެފައެވެ. އަހަންނަށް ވުރެވެސް ބޮޑަށް ޒަވާން ތައްޔާރުވި ކަހަލައެވެ. އޭނާގެ ކެމެރާ ތައްޔާރުކޮށް ލެޕްޓޮޕަށް އާ ސޮފްޓްވެއާއެއް އަޅާލީ އެތަނުގައި ނަގާ ތާރީޚީ ފޮޓޯތައް ހިމެނޭ ޚާއްޞަ އަލްބަމެއް ހެދުމަށެވެ. ޒަވާންގެ މި އުފާވެރިކަން ފެނި އަހަރެން ފަޚުރުވެރިވީމެވެ. އަހަރެންގެ މިންނެތް މަސައްކަތުގެ މޭވާ އަހަންނަށް ލިބޭތީއެވެ.

ޑިސެމްބަރު މަހެއްގެ ފުރަތަމަ ދުވަހު އިންޑިއަން އެއާލައިންސް ގައި އަހަރެމެން ދިއްލީއަށް ފުރީމެވެ. ދަތުރުގެ ހުރިހާ ކަމެއް ދިޔައީ ޕްލޭނާއެއްގޮތަކަށެވެ. ދިހަ ދުވަހުގެ މިދަތުރުގައި އާގަރާއަށް އަހަރެމެން ދިއުމަށް ރޭވީ ދަތުރުގެ 2 ވަނަ ދުވަހުގައެވެ. އެއީ ފަހަކަށް އައިސް އަހަރެންގެ ބަނޑުގައި ރިއްސާތީއާއެކު ޑޮކްޓަރަކަށް ވެސް ދައްކާ ޗެކަޕެއް ހަދާލުމުގެ ބޭނުމުގައެވެ. އެންމެ ފުރަތަމަ ކޮޅު ޑޮކްޓަރަށް ދައްކާލެވިއްޖެއްޔާ ދަތުރު ނިމެންވާއިރަށް ހަދަން ޖެހޭ ޓެސްޓްތަކެއް ވެސް ހަދައި ނިމިދާނެ ކަމަށް ވިސްނާފައި އެގޮތަށް ރާވާލީއެވެ. އެހެންކަމުން ދިއްލީއަށް ދިޔަ ފުރަތަމަ ދުވަހު އެތަނުގެ ނަން މަޝްހޫރު ހޮސްޕިޓަލަކަށް އަހަރެމެން ގޮސް އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކީމެވެ. ހީވެސް ނުކުރާހާ ފަސޭހަކޮށް ހުރިހާ ކަމެއް ނިމިގެން ދިޔައެވެ. ޖެހިގެން އައި ދުވަހު ރިޕޯޓްތައް ބަލާއަންނަން ބުނުމުން އެދުވަހުގެ ބާކީ ބައިވެސް ތަންތަން ބެލުމަށް ދިއުމުގައި އަހަރެމެން އަވަދިނެތި އުޅުނީމެވެ. ތާރީޚީ ރީތި ތަންތަނުގައި ތިބެގެން އަހަރެމެން ނަގަމުން ދިޔަ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ހެދީމެވެ. ރެޑްފޯޓާއި އިންޑިއާ ގޭޓުގެ ކުރިމަތީގައި ތިބެގެން ފޮޓޯ ނަގައި ހެދުމަށްފަހު މެކްޑޮނަލްޑަކަށް ގޮސް މީރުކޮށް ކެއީމެވެ. ދަތުރު ވަރަށް ވެސް މަޖަލެވެ. ހުރިހާ ކަމެއް ވެސް ދިޔައީ ޕްލޭނާ އެއްގޮތަށެވެ. އެންމެ މަޖާ ކަމަކަށް ވީ ފަސޭހަކަމާއެކު އަހަންނަށް ހިންދީ ބަހުން އެތަނުގެ މީހުންނާ ވާހަކަ ދެއްކޭތީއެވެ. އަހަރެންގެ ސިފައާއި އަދި ފަރިތަކަމާއެކު އެމީހުންނާ ވާހަކަ ދައްކަމުން ދާތަން ފެނި ގިނަބަޔަކު ހީކުރަމުން ދިޔައީ އަހަންނަކީ ޚުދް އިންޑިއާ މީހެއް ކަމެވެ. އެކަމުގެ ފައިދާ ވެސް ބައެއްފަހަރު އަހަރެން ނަގަމެވެ. ބޭރު ގައުމުތަކުގެ މީހުންނަށް ދޭ ވަރަށް ވުރެ އަގު ހެޔޮކޮށް ތަންތަނަށް ވަނުމުގެ ޓިކެޓްވެސް އަހަރެން ނަގަމެވެ. އަހަންނަކީ އެތަނުގެ ރައްވެއްސެއް ކަމަށް ބުނަމުންނެވެ. މިއިން ކޮންމެ ފަހަރަކު އަހަންނާއި ޒަވާން އެވާހަކަ ދައްކައި މަޖާކޮށް ހީނ ސަކަރާތް ޖަހަމެވެ. އަހަރެންގެ ކުޅަދާނަ ކަމާއި ޖެހިލުން ކުޑަކަމަށް ޒަވާން ތައުރީފް ކުރުމުން އަހަރެން ނުހަނު އުފާވެއެވެ. އެއަށް ވުރެވެސް އުފާވަނީ އަހަރެންފަދަ ރީތި މޮޑެލް އެއް އަންބެއްގެ ގޮތުގައި ލިބުނީތީ ފަޚުރުވެރިވާކަމަށް ބުނެ ޒަވާން އަހަންނަށް ކުރާ ތައުރީފުންނެވެ. ހުރިހާ ގޮތަކުން ބަލާއިރުވެސް އަހަންނަކީ ޒަވާނަށް ލިބުނު ފަސްމީރު ކުރިރުކެއް ކަމަށް އަހަރެން ދެކެމެވެ.

ޖެހިގެން އޮތް ދުވަހުގެ ޕްލޭންގައި އޮތީ ހެނދުނު ހެނދުނާ ހޮސްޕިޓަލަށް ގޮސް ރިޕޯޓުތައް ނަގައި ޑޮކްޓަރާ ބައްދަލުކުރުމަށް ފަހު އާގަރާއަށް ދިއުމަށެވެ. ފުރިހަމަ ފުލް މޫންގައި ތާޖުމަހަލްގެ ރީތިކަން ބެލުމަށް އެވަގުތަށް އިންތިޒާރުކޮށް ރޭގަނޑު އާގަރާގައި ހޭދަކުރުމަށެވެ. އެގޮތުން ޓެކްސީއެއް ނަގައި ޑްރައިވަރަށް ޕްލޭން ކިޔައިދިނީމެވެ. ޑްރައިވަރު އަހަރެމެން ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ހޮސްޕިޓަލަށެވެ. ރިޕޯޓްތައް ނިމިފައި ވުމުން ފަސޭހަ ކަމާއެކު ޑޮކްޓަރާ ހަމައަށް އެތަކެތި ހިފައިގެން ދެވުނެވެ. ޑޮކްޓަރު ރިޕޯޓްތައް ބަލާލުމަށްފަހު ލޮލުގައި އޮތް އައިނު ނަގާލަމުން އަހަންނާ ދިމާއަށް ބަލާލިގޮތުން ހިތުގައި ބިރުވެރިކަމުގެ ރަނގަބީލެއް ޖެހިގެން ދިޔަ ކަހަލައެވެ.

“އުމުރު އަދި އެންމެ 20 ދޯ” ޑޮކްޓަރު ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

“އާނ. މިއަހަރު 21 ވާނެ” މަޑުމަޑުން އަހަރެން ބުނީމެވެ. އަހަރެންގެ ހުރިހާ މައުލޫމާތެއް މާކުރިން ދީފައި އޮތް އިރު އެސުވާލު އަލުން ކުރަން ޖެހުނު ސަބަބު އަހަންނަކަށް ނުވިސްނުނެވެ.

“އަދި އެހެން ޓެސްޓެއް ހަދަން ބޭނުން” ޑޮކްޓަރު ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް ބަލަމުން ބުންޏެވެ.

އުމުރުން ދުވަސް ވެ ބޮލުގައި ގިނަ އަދަދަކަށް ހުދު އިސްތަށި ގިނަ އަންހެން ޑޮކްޓަރުގެ މޫނުމަތީގައި ހުރި ކަންބޮޑުވުން އަހަންނަށް ފާހަގަކުރެވުނެވެ. ގާތުގައި އިން ފިރިމީހާ ޒަވާން ގެ އަތުގައި އަހަންނަށް ހިފާލެވުނެވެ.

“އެއްވެސް މައްސަލައެއް އުޅެނީތަ؟” ކިތަންމެ ވަރުގަދަ ވެގެން އުޅުނު ނަމަވެސް މިކަހަލަ ކަންތައް ތަކުގައި އަހަންނަކީ ހިތްބަލި މީހަކީމެވެ. ޑޮކްޓަރުގެ އަމަލާއި ބަސްމަގު ހުރި ގޮތުން އަހަންނަށް ރޮވޭ ގޮތް ވިއެވެ.

“އިތުރު ޓެސްޓަކަށް ފަހު ޖަވާބެއް ދެވޭނީ. ގޯސްކޮށް ނުދާނެ ކަމަށް އުއްމީދުކުރަނީ” ޑޮކްޓަރުގެ އެ ޖުމުލައިން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް އަހަރެންގެ ހަވަނަ ހިއްސު އަހަންނަށް އަންގައި ދިނެވެ.

ޑޮކްޓަރު ބޭނުންވީ އަހަރެން އެނދުގައި ބާއްވައިގެން އިތުރަށް ބަލާށެވެ. އަދި ހަށިގަނޑުގެ އެކިތަންތަނަށް ފިތައި އެއްވެސް ތަނަކަށް ތަދުވޭތޯ ބުނެ ލައްކަ ސުވާލުކޮށް ހެދިއެވެ. އެ ހުރިހާ ސުވާލަކަށް ބިރުން އޮވެ ނަމަވެސް އަހަރެން ޖަވާބު ދިނީ ތެދު ބަހުންނެވެ. އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށް އަހަރެން ބުނީމެވެ.

“މެމޯގްރާމެއް ހަދަން ޖެހޭނީ” ޓެސްޓް ހަދަން ޖެހޭ ކަރުދާސް ކޮޅު އަހަރެންގެ އަތަށް ދިއްކޮއްލަމުން ޑޮކްޓަރު އެހެން ބުނުމުން އަހަރެންގެ ހިތް ބިރުވެރިގޮތަކަށް ތެޅިލިއެވެ. އަހަރެން މެމޯގްރާމް ހައްދަން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.

އެހާ ހިސާބުން ކުރަން އޮތް އާގަރާ ދަތުރުގެ މަތިން އަހަރެން ފޫހިވިއެވެ. ހިތްނުތަނަވަސް ކަމުގައި އޮވެމެ އެފަދަ އުފަލެއް ކުރަން އަހަރެން ބޭނުން ނުވީއެވެ. ނަމަވެސް ޒަވާނުގެ ޚިޔާލު މުޅިން ތަފާތެވެ. އޭނާ ބޭނުންވީ ހަދަން ޖެހޭ ޓެސްޓެއް ހެދުމަށް ފަހު އަވަހަށް އެތަނަށް ދިއުމަށެވެ. ސާދަ ވިލޭރޭގެ ހަނދު ގައި ތާޖުމަހަލް ބަލާލެވޭނީ މިރޭ އެތަނުގައި ތިބެގެން ކަމަށް ބުނެ އެތަނަށް ދާން ޒަވާން ބޮޑާ ހޭކިއެވެ. އެވަގުތު އަހަރެން ވަރަށް ދެރަވިއެވެ. އަހަރެންގެ އިޙްސާސް ތަކަށް ޒަވާން ގަދަރު ނުކުރެއޭ ފުރަތަމަ ފަހަރަށް އަހަރެންގެ ހިތަށް އެރިއެވެ.

އެދުވަހު އަހަރެން ޓެސްޓް ހެދީމެވެ. ޒަވާން ކޮންމެ އެއްޗެކޭ ބުނިކަމުގައި ވިޔަސް ރިޕޯޓުން ވާ ގޮތެއް ބަލާނުލައި އާގަރާއަށް ދިއުމަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެހެންކަމުން އެކަންތަކުން ނިމިގެން ދާނީ ކަމަށް ބުނެ ޒަވާން އެއްބަސްކުރުވީމެވެ. ޑޮކްޓަރުގެ ކޮޓަރިން ނިކުތް ވަގުތުން ފެށިގެން އަހަރެންގެ ހިތް ނުތަނަވަސްވެ ކަންބޮޑުވެފައި ވީނަމަވެސް އެކަމަކާ ޒަވާން ނުވިސްނާހެން އަހަންނަށް ހީވިއެވެ. އޭނާ ހުރީ އާގަރާއަށް ނުދެވިގެން ހިތްހަމަ ނުޖެހިފައެވެ.

އެ ހޮސްޕިޓަލުގެ އެހެން އިމާރާތަކަށް ގޮސް އަހަރެމެން ޓެސްޓް ހެދީމެވެ. މާގިނަ އިރުތަކެއް ނުވެ ރިޕޯޓްތައް ލިބުނެވެ. އެތަކެތި ހިފައިގެން އަލުން ޑޮކްޓަރާ ބައްދަލުކުރަން ދިޔައިރު އަހަރެންގެ ހިތް ތެޅެމުންދިޔައީ އަމަށަކު ވަރަކަށް ނޫނެވެ. ނުބައި ވަސްވާސްތަކުން އަހަރެންގެ ސިކުނޑި ހާސްކުރަމުން ދިޔައެވެ. ޒަވާންގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރި އިރު ޒަވާން އޭނާގެ ފޯނާ ކުޅެމުންދާތަން ފެނި އަހަރެން ފޫހިވިއެވެ. އަހަންނަށް ހިތްވަރު ދިނުމަށް ވެސް އެންމެ ލަފުޒެއްވެސް ޒަވާންގެ ދުލުން ބޭރުނުވީތީ ހިތްހަމަނުޖެހުނެވެ.

އަހަރެންގެ ނަމްބަރު ޖެހުމާއެކު ޑޮކްޓަރުގެ ކޮޓަރިއަށް އަހަރެން ވަނީމެވެ. ފުން ނަޒަރަކުން އަހަރެންގެ މޫނަށް ބަލާލަމުން ޑޮކްޓަރު އެރިޕޯޓްތައް ބަލަން ފެށިއެވެ. އެވަގުތު ޑޮކްޓަރުގެ މޫނަށް އަރަމުން ދިޔަ ރޫތަކުން ކޮންމެވެސް ނުބައެއް އުޅޭކަން އަހަންނަށް ދަނެގަނެވުނެވެ.

“އަދި އެހެން ޑޮކްޓަރަކަށް ދައްކަން އެބަ ޖެހޭ” މަޑުމަޑުން އަހަރެންގެ އަތުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ޑޮކްޓަރު ބުންޏެވެ.

“ކިހިނެއްވީ؟ ކޮބާ މައްސަލައަކީ؟ އަޑު އެހޭވަރަށް އަހަރެން ހިތްވަރުގަދަ. ޕްލީސް ޑޮކްޓަރ. ވެގެން އުޅޭ ގޮތެއް ކިޔައިދީ” އަހަރެން ޑޮކްޓަރުގެ އަތުގައި ހިފަމުން ބުނީމެވެ.

” ރީމާ ހިތްވަރުގަދަ ކުރަން ވާނެ. ޒަވާން ވެސް . ބައެއް ފަހަރު ހީވެސް ނުކުރާކަހަލަ ކަންތައްތަކާ ދިރިއުޅުމުގައި ދިމާވޭ. އެކަންތައްތަކާ ކެރިގެން ހިތްވަރާއެކު ކުރިމަތިލާން ޖެހެނީ” ޑޮކްޓަރުގެ ވާހަކަ ތަކުން އަހަރެން ހާސްވުން އިންތިހާއަށް ދިޔައެވެ. މިފަހަރު ޒަވާން ވެސް ފަރުވާތެރިކަމާއެކު ކަނުލާ އެވާހަކަ އަޑުއަހަން އިންތަން ފެނުނެވެ.

“ރީމާގެ އުމުރާ ބަލާއިރު މިއީ ގަބޫލުކުރަންވެސް ދަތި ކަމެއް. އެކަމަކު ބައްޔަކީ ވަކި އުމުރަކަށް ވަކި ކުލައަކަށް އަދި ވަކި ނަސްލަކަށް ބަލާއެއްޗެއް ނޫން. ރީމާގެ އެދުމަށް މިވާހަކަ މި ބުނެދެނީ. ބަލި މީހާއަށް ކަންތައްތަކެއް ފޮރުވާކަށް އަހަރެން ބޭނުމެއް ނޫން. ރީމާ އަކީ ހިތްވަރު ގަދަ ކުއްޖެއްކަން އެބައެނގޭ. އަދިވެސް ހިތްވަރު ކުރާތި” ޑޮކްޓަރު ދަމަމުން ދިޔަ އެ ހާސަރުތައް އަހަންނަށް ކަމު ނުދިޔައެވެ.

“ޑޮކްޓަރ…. ޕްލީސް!…ކިހިނެއް ވީ؟ އަހަންނަށް ހިތްވަރު ކުރެވޭނެ” އަވަސް އަވަހަށް އަހަރެން ބުނީމެވެ.

“ރިޕޯޓް ތަކުން ދައްކާގޮތުގައި ރީމާގެ ވައަތް ފަރާތުގެ ބްރެސްޓްގައި ކެންސަރުގެ ސެލްތައް ވަނީ އުފެދިފައި. އެއީ ކިހާވަރަކަށް ކަމާއި ކޮން ސްޓޭޖެއް ކަން އަދި ދަނެގަންނަން ޖެހޭ” ޑޮކްޓަރުގެ އަޑު އަހަންނަށް އިވުނީ ހުސް ބިމެއްގައި ހުރެގެން މީހަކު ހަޅޭ ލެވުމުން އެކޯވެގެން އަންނަ ބިރުވެރި އަޑެއްގެ ގޮތުގައެވެ.

“ބްރެސްޓް ކެންސަރ؟؟؟” އަހަންނާއި ޒަވާން އާއި ދެމީހުންނަށް އެސުވާލު ކުރެވުނީ އެއްފަހަރާއެވެ.

“އާނ..އެކަމަކު ފަރުވާކޮށްގެން ރަނގަޅު ކުރެވިދާނެ ބައްޔެއް މިއީ. ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ” ޑޮކްޓަރު އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ލޯތްބާއެކު ބުންޏެވެ.

އެހާ ހިސާބުން އަހަރެމެންގެ އުފާވެރި ދަތުރު ނިމިގެން ދިޔައީއެވެ. ތަގުދީރުގެ މައްޗަށް އިންސާނުންނަށް ކުރެވޭނެ ތަދުބީރެއް ނޯންނާނެތާއެވެ. އަހަރެމެންގެ އުފާވެރިކަން ހިތާމައިގެ ކަޅު ސާލަކަށް ބަދަލުވެ ހިތްދަތިކަމުގެ ކަނޑަކަށް އަރަގުވީ ކައިވެންޏަށް އަހަރުފުރުން ފާހަގަކުރުމަށް ރާވާފައި އޮތް އެ މުހިއްމު ދުވަހުގައެވެ. އެންމެ ގާތުގައި އަހަންނަށް ހިތްވަރުދޭން ހުރީ އަހަރެންގެ ފިރިމީހާ ޒަވާނެވެ. ނަމަވެސް އަހަރެންގެ ބައްޔަށް ވުރެ އޭނާ ކަންބޮޑުވީ ދަތުރު ފްލޮޕްވެ ތާޖުމަހަލްގެ ރީތިކަން ބަލާލުމުގެ ފުރުސަތު ގެއްލުނީމައެވެ. ޑޮކްޓަރުގެ ވާހަކަތަކުން ލިބިފައި ހުރި ހިތްދަތިކަމަށްވުރެ ފިރިމީހާގެ މި އަޅާލުން ކުޑަކަމުން ހިތަށް ކުރި އަސަރު މާ ބޮޑެވެ. ތުން ފިއްތައިގެން އިތުރު އެއްޗެކޭ ނުބުނެ ހުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ.

އެހާ ހިސާބުން އަހަރެންގެ ފަރުވާ ފެށިގެން ދިޔައެވެ. ހަނީމޫން ފާހަގަކުރުމަށް އައި މި ދަތުރު އެއްޑޮކްޓަރުން އަނެއް ޑޮކްޓަރުގެ ކޮޓަރިއަށް ޒިޔާރަތް ކުރާ ބަލިމީހެއްގެ ގޮތުގައި ވުމަށް އަހަންނަށް މަޖުބޫރުވީއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އަހަރެން އުއްމީދުކޮށްގެން ހުރީ މިއީ ޑޮކްޓަރަށް އެރި އޮޅުމަކުން ނުބައި ރިޕޯޓެއް ދެވިގެން އުޅެނީ ކަމަށެވެ. ނަމަވެސް އަހަރެންގެ ހަށިގަނޑުން ބާރު ހުސްވެ ދެފައި މައްޗަށް ތިރިވެ އަޑުން އަޑުނަގައި ރޯން ފެށީ އެތައް ޑޮކްޓަރުންނެއް އަހަރެންގެ ހަށގަނޑު ބެލުމަށްފަހު އިއްވި ރިޕޯޓާއެކުގައެވެ. ޒުވާން އުމުރުގައި ރީތިކަމަށް ދައުވާކުރަމުން އައި ޒަވާންގެ މޮޑެލް ގެ ހަށިގަނޑުން ނިސްވާނީ ގުނަވަނެއް ބުރިކޮށްލަން ޖެހުނީއެވެ. ޑޮކްޓަރުންނަށް އެނޫން އިތުރު ގޮތެއް ނެތީއެވެ. އެ ހިތި ޚަބަރާއެކު ޒަވާންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރެ އަޑުން އަޑުނަގާ އަހަރެން ރުއީމެވެ. އަހަރެން މިކަމުން ސަލާމަތް ކޮށްދިނުމަށް އެދި ކަލާންގެ ހަޒްރަތަށް އާދޭސް ކޮށް ދުއާކުރީމެވެ. ހަށިގަނޑުން ގުނަވަނެއް ކަނޑާނުލައި ދެވެން އޮތް ފަރުވާއެއް ދީގެން އަހަރެން ސަލާމަތް ކޮށްދިނުމަށް އެދި ޑޮކްޓަރުންގެ ކައިރީގައި ރޮއެ އާދޭސް ކުރީމެވެ.

އަހަރެންގެ އެދުމަށް ފުރަތަމަ ކުރި އޮޕަރޭޝަނުގައި ޑޮކްޓަރުން އެގޮތަށް މަސައްކަތް ކުރިއެވެ. ކެންސަރުގެ ސެލްތައް ނަގައި އަހަރެން ގެ ހަށިގަނޑުގެ އެ ގުނަވަން ސަލާމަތް ކުރެވޭތޯ ބެއްޔެވެ. ނަމަވެސް އެ އޮޕަރޭޝަނަށް ފަހު ވެސް ކެންސަރުގެ ބިރުވެރި ސެލްތައް އަހަރެންގެ ހަށިގަނޑުގެ ތެރެއަށް ފެތުރި ހަމަލާދެމުން ދިޔަ ދިއުން ވެގެން ދިޔައީ ރޮއިރޮއި އޮއްވާ އަހަރެންގެ އެދުމާ ދެކޮޅަށް ފިރިމީހާގެ ހުއްދައާއެކު އަހަރެންގެ ހަށިގަނޑުން އެއްގުނަވަން ބުރިކޮށްލަން ޖެހުނު ސަބަބަށެވެ. އަހަރެން އޮޕަރޭޝަން ތިއޭޓަރަށް ވަންނަން ދިޔައިރު ޒަވާންގެ އަތުގައި ހިފަހައްޓައިގެން ވަރަށް ރުއީމެވެ. އަހަރެން ދޫކޮށް ނުދިއުމަށް ބުނެ އާދޭސް ކުރީމެވެ. މިއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫންކަމަށާއި ތަގްދީރުގެ މި ހިތްދަތި އަދަބަށް ކެތްތެރިވުމަށް ބުނީމެވެ. ކަރުނަވީ ލޮލަކުން އަހަންނާ ދިމާއަށް ބަލަން ޒަވާން ހުރިތަން އަހަރެންގެ ފުސްވަމުން ދިޔަ ލޮލަށް ފެންނަމުން ދިޔައެވެ.

ނަމަވެސް ކަންތައްތައް ވެގެން ދިޔައީ ނުބައިން ނުބައަށެވެ. އޮޕަރޭޝަނަށް ފަހު އެތައް ގަޑިއެއްގެ އިރުވީއިރުވެސް ޒަވާން ގެ ޚަބަރެއް ނުވިއެވެ. އެތައް ފަހަރަކު ޒަވާނަށް ގޮވައި ދިނުމަށް ނަރުސް ކުދިންނަށް އާދޭސް ކޮށްފައި އަހަރެން ބުނީމެވެ. ނަމަވެސް އެކުދިން އިއްވި ޚަބަރުން ހަށިގަނޑުގައި ހިނގަހިނގައި ބާކީ ހުރި ވިންދުވެސް ހުއްޓުނު ކަހަލައެވެ.

“ރީމާ ތިއޭޓަރަށް ވެއްދި ފަހު ޒަވާން ނުފެނޭ. ދީފައި އޮތް ނަމްބަރުން ނުގުޅޭ. ބިލްތަކަށް ފައިސާ ވެސް ނުދައްކާ ހުރީ އެހެންވެ ޒަވާނަށް ގުޅޭތޯ މިބަލަނީ” ނަރުސް ކުއްޖަކު ކިޔައިދިނެވެ.

ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނާއެކު އިވިގެންދިޔަ އެ ޚަބަރުން އަހަރެންގެ ހަށިގަނޑު ކުދިކުދި ވި ކަހަލައެވެ. ޒަވާނަށް އަނެއްކާ ވީ ކީއްބާވައެވެ. ހަމަ ގައިމުވެސް މިފަދަ ހާލަތެއްގައި އަހަރެން އޮއްވައި ޒަވާން އަހަރެން ދޫކޮށް ނުދާނެ ކަމަށް އަހަރެންގެ ހިތް ބުނެދިނެވެ. ޒަވާން އަހަރެން ދެކެލޯބިވާކަން އަހަންނަށް އެނގެއެވެ. ވީ އިރު ތިމާގެ ލޯބިވާ އަނބިމީހާއަށް އެފަދަ ނިކަމެތި ކަމެއް އެއްވެސް ފިރިއަކު ނުދޭނެކަމަށް އަހަރެން ޔަގީން ކުރީމެވެ. ނަމަވެސް މި ޔަގީން ކަން ގެއްލި އަހަރެން މާޔޫސްވެ ހަދާނެ ގޮތް ބޮޑުވެ އެކަނިވެރިވީ އޮޕަރޭޝަނަށް ހަފްތާއެއް ވީ އިރުވެސް ޒަވާންގެ ޚަބަރެއް ނުވުމުންނެވެ. ހޮސްޕިޓަލްގެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިގެން އިރުއިރުކޮޅާ މީސް މީހުން އަހަރެންގެ ކައިރިއަށް އާދެއެވެ. އެކަމުގައި އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ. އަތުގައި ހުރި ހުރިހާ ފައިސާ އަކާއި ހުރިހާ ސާމާނެއް ހުރީ ޒަވާންގެ އަތުގައެވެ. އެންމެ ކުޑަމިންވަރުން އަހަންނަކީ ކާކުކަން އަންގައިދޭ ލިޔުމެއްވެސް އަތަކު ނެތެވެ. އެހުރިހާ އެއްޗަކާއެކު ޒަވާން އަހަންނަށް ފުރަގަސްދީ ފިލާފާނެ ކަމަކަށް އަހަރެންގެ ހިތެއް ގަބޫލެއް ނުކުރެއެވެ. ނަމަވެސް އެ ހިތި ހަގީގަތާ ކުރިމަތިލާން އަހަންނަށް ޖެހުނެވެ. އެހާ ހިސާބުން ތަގްދީރު އަހަރެން ގެންދާ ހިސާބަކަށް ދެވެން އަހަރެން އަމިއްލަ ނަފްސުވެސް ދޫކޮށްލީއެވެ.

ޚިޔާލުތަކުގައި އޮއްވައި އަހަންނަށް ނިދުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ހޭލެވުމާއެކު މަޑު މަޑުން ދެލޯހުޅުވައި ވަށައިގެންވާ މާހައުލު ބަލައިލީމެވެ. ޔަގީނާ ގާތަށް އަހަންނަށް އެނގުނީ މިއީ ނިދުނު އިރު އަހަރެން އޮތް ތަން ނޫންކަމެވެ. ސާފު ހުދުކުލައިގެ ފާރުތަކުން ވަށާލެވިގެންވާ މި ކޮޓަރި ނުހަނު ރީއްޗެވެ. އަގުބޮޑެތި ސޯފާތަކާއި މީރުވަސް ދުވާ މާތަކުން ކޮޓަރި ޒީނަތްތެރިވެފައި ހުރިތަން ފެނުމުން ދެލޯ އުނގުޅަމުން ހައިރާންވެ ހުރެ އަހަރެން ވަށައިގެން ހޯދާލީމެވެ. އަހަރެން މިއޮތީ އަނެއްކާ ކޮންތަނެއްގައި ކަމާމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ.

“އުފާވެރި ހެނދުނެއް. މެޑަމް” ރީތި އިނގިރޭސި ބަހުން ނަރުސް ކުއްޖަކު އަހަންނާ މުޚާތަބުކޮށް ކައިރިއަށް އައުމުން އިހުނަށް ވުރެ ބޮޑަށް ހައިރާން ވިއެވެ.

“އަހަރެން މިއޮތީ ކޮންތާކު؟ މިތަނަށް ގެނައީ ކާކު؟” ހައިރާން ކަމާއެކު އަހަންނަށް ސުވާލުކުރެވުނެވެ.

“މަރުހަބާ! ކޮންމެވެސް ހިތްހެޔޮ މީހަކު ރީމާއަށް އެހީވީ. ހުރިހާ ބިލްތަކެއް ވެސް ދައްކައިފި. ރީމާ ރަނގަޅުވަންދެން ދެން އޮންނާނީ މިތަނުގައި. މިއީ ވީއައިޕީ ރޫމެއް” ނަރުސް ކުއްޖާ ހިނިތުންވެލަމުން ކިޔައިދިނެވެ.

“އެއީ ކާކު؟ ކޮންތަނެއްގެ މީހެއް؟ ކީއްވެ އަހަންނަށް އެހީވީ؟” ހުރިހާ ސުވާލެއް އެއްފަހަރާހެން ކުރީމެވެ.

“އެވާހަކަ ބުނުން މަނާ” ރީމާގެ ހަށިގަނޑު ބަލަމުން އެކުއްޖާ ބުނެދިނެވެ.

ކަންތައްތައް ވަމުންދިޔަ ގޮތުން އިތުރު ހާސްކަމަކާ ކުރިމަތިލާން އަހަންނަށް ޖެހުނެވެ. މިފަދަ އެހީތެރިކަމެއް ދީގެން މިފަދަ ކަމެއް ކުރުމުގެ މަގްޞަދަކީ ކޮބައިބާވައެވެ. ޚުދް އަހަންނަކީ އަހަރެންގެ އަމިއްލަ ނަފްސުވެސް އޮޅޭ ވަރަށް ނިކަމެތި ވެފައިވާ އަންހެނަކަށް ވާއިރު މިފަދަ އިޙްސާންތެރިކަމެއް އަހަރެންނަށް ދިން އިންސާނަކީ ކޮންތަނަކުން އައި ކާކުބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭނެ މީހަކު ނެތެވެ!

ބަރާބަރު އެއްމަސް ދުވަހަށް ފަހު ހޮސްޕިޓަލުން އަހަރެން ދޫކުރިއެވެ. ހޮސްޕިޓަލުން ނިކުމެގެން އަހަރެން ވަކި ދާނީ ކޮންތަނަކަށް ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ޚާއްޞަ އެހީތެރިއެއްގެ ގޮތުގައި އަންހެނަކު އައިސް އަހަންނަށް ތައާރަފްވެ ދާން ޖެހޭ ތަނަކީ ލީލާ ޕެލެސް ކަމަށް ބުނުމުން އަހަރެންގެ ތަލިން ކުޅު ހިކުނެވެ. އެއީ ދިއްލީގައި ހުރި އެންމެ މަޝްހޫރު އެންމެ އަގުބޮޑު ހޮޓަލަށް ވާއިރު އެތަނުގައި އަހަރެން ހުންނަން ޖެހޭ ސަބަބެއް ނޭނގުނެވެ. ސުވާލަކަށް ފަހު ސުވާލެއް އަހަރެން ކުރި ނަމަވެސް އެއީ ޖަވާބު ނުލިބޭ ސުވާލުތަކަކަށް ވެގެން ދިޔައެވެ.

ލީލާ ޕެލެސްގައި އަހަންނަށް ޚާއްޞަ ކޮށްފައިވާ ރީތި ކޮޓަރީގައި އަހަރެން އިނީމެވެ. ދެން ކުރިމަތިލާން ޖެހޭނީ ކޮންކަމަކާ ކަމެއް ނޭނގޭ ހާލުގައެވެ. އަހަރެންގެ ދިރިއުޅުން މިވަނީ އޮޅުން ބޮޅުން ބޮޑު ހުވަފެނަކަށް ވެފައެވެ.

އަހަރެން ބަލަހައްޓަން ހަވާލުވެފައި ހުރި އަންހެން މީހާ ބުނި ގޮތުގައި މިރޭ އަހަރެން ޚާއްޞަ މީހަކާ ބައްދަލުކުރަން ދާން ޖެހެއެވެ. އެއީ އަހަންނަށް މިހުރިހާ ހެޔޮ ކަމެއް ކޮށްދިން އެހީތެރިޔާ ކަމަށް އޭނާ ބުންޏެވެ. ފާރުގައި ހުރި އަގުބޮޑު ގަޑިއަށް ބަލަހައްޓައިގެން ގަޑީގައި ހިނގަމުން ދިޔަ ކަށިތަކަށް ބަލަން ކެތްތެރިކަމެއް ނެތިއަހަރެން އިނީ އެވަގުތެއްގެ އިންތިޒާރުގައެވެ. ދިރިއުޅުން އަހަރެން މިގެނެސްދިނީ ކޮންފަދަ މަންޒިލަކަށް ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ފިރިމީހާގެ އިތުރުން އާއިލާގެ އެއްވެސް މީހެއްގެ ޚަބަރެއް އަހަންނަކަށް ނުވެއެވެ. ޚަބަރެއް ބަލާލެވޭނެ ވަސީލަތެއްވެސް އަހަރެންގެ އަތަކު ނެތެވެ. އަހަންނަށް ވީއެއް ނުވީއެއް ނޭނގިގެން އެންމެން ކަންބޮޑުވާނެ ވަރު އަހަންނަށް އެނގެއެވެ. ހަމަ ގައިމުވެސް އަހަރެންގެ މައިންބަފައިން ކަންބޮޑުވާނެއެވެ. އެވަގުތު ޒަވާންގެ ނަން ހިތަށް އެރުމުން އަހަރެންގެ ރުޅި އިންތިހާއަށް ދިޔައެވެ. އެވަގުތު ކޮޓަރީގެ އެއްފަރާތުގައި ހުރި މޭޒެއްގެ މަތީގައި ހުރި ލެޕްޓޮޕެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

ވަގުތުން އަހަރެން އެ ލެޕްޓޮޕް ހުޅުވާލީމެވެ. އިތުރު ޕާސްވޯޑެއް ޖަހަން ނެތުމުން ފަސޭހަ ކަމާއެކު އެކަން ވިއެވެ. ލެޕްޓޮޕުން އަހަރެންގެ ފޭސްބުކް ހުޅުވާލުމަށްފަހު ލީލާ ޕެލެސްގައި ހުރިކަމަށް ޗެކިން ވެލީމެވެ. އެވަގުތު އިންބޮކްސް ގައި ޒަވާން ފޮނުވާފައި ހުރި މެސެޖެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭގައި އޮތީ އޭނާއަށް މާފު ކުރާ ކަމަށާއި ރީމާ ދޫކޮށް ދާން ޖެހުނީ އަތުގައި ފައިސާ ނެތިގެން އިތުރު ގޮތެއް ނެތުމުން ކަމަށެވެ. އަދި މިހާރު ރީމާގެ ހާލު ހުރި ގޮތުން ދެން އިނދެގެން އުޅެން ބޭނުން ނޫން ކަމަށާއި މި މެސެޖް ކިޔާ ހިސާބުން ފެށިގެން ރީމާއަކީ އަންބެއް ނޫން ކަމަށެވެ” މެސެޖް ކިޔައި ނިމުމާއެކު އައި ރުޅީގައި ލެޕްޓޯޕް ލައްޕާލީމެވެ. ދުނިޔޭގައި ނުލަފާ އިންސާނުން ވެސް ތިބޭކަން އަހަންނަށް އެހާ ހިސާބުން ޔަގީންވިއެވެ.

އެވަގުތު ކޮޓަރީގެ ބެލް ޖަހާލިއަޑަށް އަހަރެން ސިހިގެން ދިޔައެވެ. އެ ސުން ސިކުންތާ ހަމަވީއެވެ. އަހަރެންގެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ހިނދުކޮޅެއްގެ ތެރޭގައި ލިބިގެންދާނެއެވެ. އެހާހިސާބުން އަހަރެންގެ ހިތުން ޒަވާނުގެ ނަން ފޮހެލީމެވެ. އޭނާގެ މެސެޖުން އަހަންނަށް މާ ބޮޑު އަސަރެއް ވެސް ނުކުރީއެވެ.

“ހިނގާ މަތީބުރީގެ މީޓިން ރޫމަށް ދާން. އެތަނުގައި ރީމާއާއި ބައްދަލުކުރަން ބޭނުންވާ ބަޔަކު އެބަތިބި” އަންހެންމީހާ ބުންޏެވެ.

ޗާބީ ދީފައި ހުރި ބުދެއް ފަދައިން އަހަރެން ހިނގައިގަތީމެވެ. އޭރު ރޯމަހެއް ތެޅޭހެން އަހަރެންގެ ހިތް ތެޅެމުން ދިޔައެވެ. އަންހެން މީހާގެ އެހީތެރިކަމާއެކު މަޑުމަޑުން ހިނގަމުން ދިޔައިރު އެތަނުގެ އެތެރޭގެ ހައިބަތާއި ރީތިކަން އަހަންނަށް ފާހަގަކުރެވެމުން ދިޔައެވެ.

ކުރިމަތީގައި ހުރި ދޮރެއް ހުޅުވާލުމަށް ފަހު އެތެރެއަށް ވަންނަށް އެމީހާ އިޝާރާތް ކުރިއެވެ. އެތެރެއަށް ވަން އިރު ތިން ހަތަރު ފިރހެނުން ވާހަކަ ދައްކަން ތިއްބެވެ. އެމީހުންގެ ތެރޭގައި ފޯނެއް ގައި ވާހަކަ ދައްކަން އަނެއް ފަރާތަށް އެނބުރިގެން ހުރި މީހާ ފިޔަވައި އެހެން މީހުން އަހަންނަށް ބަލާލިއެވެ. އެތަނުގައި އަހަރެން ދަންނަ މީހަކު ނެތެވެ. އެވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ ދަންނަ އަޑެކެވެ. ފޯނުން ވާހަކަ ދައްކާ މީހާގެ އަޑު ކޮންމެވެސް ތަނަކުން އިވިފައިވާ ކަމާއި އެއީ ދަންނަ ފަރިތަ އަޑެއްކަން އަހަންނަށް ޔަގީންވިއެވެ. ސިކުނޑިއަށް ބާރުލުމުން ވެސް އެއަޑުގެ ވެރިޔާގެ ނަން ހަނދާނެއް ނުވިއެވެ. ފަސޭހަ ހިންދީ ބަހުން އެމީހާ ދައްކަމުން ދިޔަ ހުރިހާ އެއްޗެއް އަހަންނަށް މޭރުން ވިއެވެ.

“ހަލޯ. ހާލު ކިހިނެއް” ފޯނުގައި ހުރި މީހާ އެނބުރި އަހަންނާ ދިމާއަށް ބަލާލަމުން ހިނިތުންވުމާއެކު ސުވާލުކޮށްލިއެވެ. އެ ހިނދުކޮޅު… އަހަރެންގެ ހަށިގަނޑުން ވާގި ދޫވެ ބިންމައްޗަށް ތިރިވާން ފެށިހެން އަހަންނަށް ހީވިއެވެ. ހިންދީ ފިލްމެއްގެ ރީތި މަންޒަރެއް އަހަރެންގެ ކުރިމަތީގައި ނިއުޅުވިހެން ހީވެ އެމަންޒަރުގެ ހީރޮއިން އަކީ އަހަރެން ކަމުގައި އަހަންނަށް ހީވިއެވެ. އަހަރެންގެ ކުރިމަތީގައި ރީތި ހިނިތުންވުމަކާއެކު ހުރީ އަހަރެން އެންމެ ލޯބިކުރާ އަހަރެންގެ އެންމެ ކަމުދާ މަޝްހޫރު ފިލްމު ސްޓާރ ސަލްމާން ޚާނެވެ! ގަބޫލުކުރަން ދަތިވި ނަމަވެސް ކުރިމަތިން ފެންނަމުން ދިޔަ ހަގީގީ ފިލްމު ބަލަން އަހަންނަށް ހުރެވުނީ މަށީގެ ބުދެއް ފަދައިންނެވެ. އަހަންނަށް އެހީތެރިވީ މާތް އިންސާނަކީ ހަމަ ސަލްމާން ޚާން ހެއްޔެވެ؟

އަހަރެންގެ އަތުގައި ހިފަމުން ގާތްގޮތަކަށް އަހަރެންގެ ހާލު އަހުވާލު އޮޅުން ފިލުވަމުން ސަލްމާން ވާހަކަ ދައްކަމުން ދިޔައިރު އަހަންނަކީ ފަރިތަކަމާއެކު ހިންދީ ބަހުން ވާހަކަ ދައްކާ މީހެއް ކަމެއްވެސް އަހަރެން ހަނދާނެއް ނުވިއެވެ.

އަޅައަޅައިގަންނަމުން ކޮށި އިނގިރޭސި ބަހުން ސަލްމާނުގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައިރު ޙަޔާތުގައި އަދި މިހާ އުފާވި ހިނދުކޮޅެއް ނާންނަކަން އަހަންނަށް ގަބޫލުކުރެވުނެވެ.

ސަލްމާންގެ ވާހަކަތަކުން އެނގުނު ގޮތުގައި އެހޮސްޕިޓަލަކީ ގިނައިން ސަލްމާނުގެ ޑޮނޭޝަން ދޭ ތަނެއްކަން އެނގުނެވެ. އެގޮތުން ކުރި ޒިޔާރަތުގައި އަހަރެންގެ ވާހަކަތައް އަޑުއިވި އެހީވާން ބޭނުންވީކަމަށް ބުންޏެވެ. އަދި އެނބުރި ރާއްޖެ ދިއުމުގެ ކުރިން ޕްލާސްޓިކް ސާޖަރީކޮށް އަހަރެންގެ ފުރިހަމަ ރީތިކަމުގައި އެނބުރި ދެވޭނެ ގޮތް ހަދައި ދޭނެ ކަމަށް ވެސް ބުންޏެވެ. އަހަންނަށް މިއަށްވުރެ ވަކި ބޮޑު އުފަލަކީ ވަކި ކޮބައިހެއްޔެވެ؟ އެއްވެސް އިންސާނަކަށް ދެރަގޮތެއް ކަލާންގެ މެދުވެރި ނުކުރައްވަވާނެއެވެ. އިރާދަ ކުރެއްވިއްޔާ އަހަރެން ރާއްޖެ ގޮސް ޒަވާންގެ ކިބައިން ބަދަލު ހިފާނަމެވެ. އޭނާގެ ސަބަބުން އަހަރެންގެ ދެލޮލުން ބޭކާރުގޮތުގައި އޮހޮރުނު ކޮންމެ ކަރުނަތިއްކަކަށް ވަކި ވަކިން އަގު ހޯދާނަމެވެ. މުޅި ރާއްޖެއަށް ޒަވާން ފަޟީހަތްކޮށް އޭނަގެ ހަގީގަތް ފަޅާ އަރުވާނަމެވެ. އަހަރެން ސަލްމާނަށް ޝުކުރުވެރިވީމެވެ. ޙާލުގައި ޖެހުނު ދުވަހު އަހަންނަށް އެހީތެރިވެދިން ނުދަންނަ އެހީތެރިޔާގެ މަތިން ދުވަހަކުވެސް ދެން އަހަރެން ހަނދާނެއް ނުނެތޭނެއެވެ!