English Edition
Dhivehi Edition

ދިރިއުޅުމުގެ އާދަކާދަތައް ހުންނަގޮތުން އަޅުގަނޑުމެންނަށް ކާންބޯން ބޭނުން ކުރާ ތަކެތިން ލިބޭފައިދާ އާއި ގެއްލުން ނޭނގި ދިޔުމަކީ ވަރަށްވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ގިނަފަހަރަށް ބަނޑުހައި ވާއިރަށް ފެންނަހާ އެއްޗެއް ކެވެނީ އެވެ. ކައްކަން ބޭނުން ކުރާ ބާވަތް ތަކުންވެސް ފައިދާ ލިބެނީ ކިހާމިންވަރަކަށް ތޯ ބަލާނެ ވަގުތެއް ނުވެއެވެ. މީ ގެ ނަތީޖާ އަކަށްވަނީ އާންމުކޮށް ހަށިގަނށަށް ގެއްލުން ދެނިވި ތަކެތި ގަނެގެން ބޭނުން ކުރުމުން ފުރާނައަށް ނުރައްކާ ވާފަދަ ބަލިތަކާ ކުރިމަތިލާން ޖެހުމެވެ.

ތިރީގައި މިވަނީ އަޅުގަނޑުމެން ނަށް ނޭނގި ނަމަވެސް ބޭނުންކުރެވޭ ވަރަށްގެއްލުން ހުރި ބައެއް ކާބޯތަކެއްޗެވެ.

މާޖެރީން:

މާޖެރީންއަކީ ހަށިގަނޑަށް ފައިދާހުރި އެޗެއްކަމަށް ހީވިޔަށް އެއްގޮތަކަށްވެސް ބޭނުން ކުރަން ހެޔޮވާވަރު އެއްޗެއްނޫނެވެ. ބަޓަރގެ ބާވަތްތަކަށް ނިސްބަތް ވާ އެއްޗަކަށް ވާތީވެ ވަރަށް ގިނަމީހުން އާންމުކޮށް ކޮންމެ ދުވަހަކުގެ ކެއުމަށް މާޖިރީން ބޭނުން ކުރެއެވެ. ނަމަވެސް މީގެއިން ލިބިދޭ ގެއްލުނެ އެނގޭ ހެއްޔެވެ؟ މާޖެރީން އަކީ ވަރަށް ގަދައަށް ތެޔޮ އެކުލެވޭ އެއްޗަކަށް ވުމުން އޭގެއިން ހިތުގެ ބަލިތަކަށް މަގުފަހި ވުމާއި، ލޭނާރުތަކުގެ މައްސަލަ، އަދި ކޮލެސްޓްރޯލް މަތި ވުމަށް މަގުފަހި ވެއެވެ. ކޮންމެ ދުވަހަކު ހެނދުނު ޓޯސްޓްގައި މާޖިރީން އުނގުޅުމަށް ވުރެން އޮލިވް އޮއިލް ނޫނީ އެވަކާޑޯ އޮއިލް ބޭނުން ކޮށްލުމުން މާޖިރީން އިން ލިބޭ ގެއްލުންތަކުން ދުރުވާނެއެވެ.

ވެޖެޓަބަލް އޮއިލް:

ކައްކަން ބޭނުންކުރާ ވެޖިޓަބްލް އޮއިލް އަކީ ބޭނުން ކުރާއިރު އަޅުގަނޑުމެން ކުޑަކޮށްވެސް އޭގެއިން ލިބޭ ގެއްލުމާއި މެދު ވިސްނާނުލާ އެއްޗެއް ކަމަށް ބުންޏަސް ދޮގަކަށްނުވާނެއެވެ. ބައެއް ވެޖެޓަބަލް އޮއިލްގައި ނުރައްކާތެރި ޓްރާންސް ފެޓް އެކުލެވެއެވެ. މީގެ ސަބަބުން ހިތުގެ ހޮޅިތަކަށް މައްސަލަޖެހެއެވެ. އަދި ފަލަބަލި، ކެންސަރ، އަދި އަލްޒެމާސް (ހަނދާންނެތުން، ވިސްނުން ދަށްވުން، އުޅުމަށް ބަދަލު އަންނަބަލި) ފަދަ ބަލިތާކާއި ކުރިމަތިވެއެވެ. ތެޔޮ ބޭނުން ކުރާއިރު މިފަދަ ކަންކަމުން ދުރުވުމަށް ތެޔޮފުޅި ގަތުމުގެ ކުރިން ލޭބަލް ބަލާލުން ވަރަށް މުހިންމެވެ. މިގޮތުން އެ ތެލަކީ ސާފުކޮށްފައި ހުރި ތެލެއްތޯ ބަލައި ކެންސަރު ބައްޔަށް މަގުފަހި ވާ އެއްވެސް މާއްދާއެއް އެކުލެވޭތޯ ޗެކްކުރުން ވަރަށް މުހިންމެވެ. ހަށިގަނަޑަށް ގެއްލުންދޭ ތެޔޮބޭނުން ކުރުމުގެ ބަދަލުގައި އޮލިވް އޮއިލް، ކާށިތެޔޮ އަދު އެވަކާޑޯ އޮއިލް ޚިޔާރު ކުރައްވަން އާދަކުރުން ވަރަށް މުުހިންމެވެ.

ސޮޑާ:

ކާބޮނޭޓެޑް ބުއިންތައް އަދި ސޮޑާއަކީ ނޭނގުނަސް ތި އެންމެ ބޭފުޅުންގެ ދުޝްމަނެކޭވެސް ބުނެވިދާނެއެވެ. ސަބަބަކީ ސޮޑާ އެކުލެވޭ އެއްޗެހިން ވަރަށް ގިނަ ގެއްލުން ހަށިގަނޑަށް ލިބޭތީއެވެ. މިގޮތުން ހަންގަނޑު ގެ މައްސަލަތައް، ލޭގެ ހަކުރު ، ހޯމޯން މައްސަލަ އަދި މޫޑަށް އަންނަ ބަދަލުތައް ހިމެނެއެވެ. ސޮޑާ ވިއްކުމަށް އޭގެ ލޭބަލްގައި ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްކަމަށް އަދި ވިޓަމިންސް ލިއްބައި ދޭއެއްޗެއް ކަމަށް ޖަހާފައި އޮތަސް އެކަންތައް ހަނދާން ނައްތާލާފައި ސޮޑާ އަދި ކާބޮނޭޓެޑް ޑްރިންކްސް އާދުރު ވެ ތިބުން ރައްކާތެރި ކަމަށް ދިރާސާތަކުން ދައްކައެވެ. ސޮޑާގައި މައިގަނޑު އެކުލެވޭ އެއްޗަކީ ހަކުރު، ކުލަ ، އަދި ޑްރިންކް ހަލާކު ނުވާނޭހެން ބޭނުން ކޮށްފައި ހުންނަ މާއްދާތަކެވެ. ކާބޮނޭޓެޑް ސްޕާކްލިން ޑްރިންކް އެއް ފައިދާ ހުރި ގޮތުގައި ބޭނުން ކޮށްލަން އަމިއްލައަށް ފައިދާހުރި ޖޫހެއް ތައްޔާރު ކޮށްލާފައި ސްޕާކްލް ކުރުމަށް ސްޕާކްލިން ވޯޓަރ ބޭނުން ކޮށްލެވިދާނެއެވެ.

ދަޅުގައި ބަންދު ކޮށްފައި ހުންނަ ޓޮމާޓޮޕޭސްޓް:

ދަޅުގައި ބަންދު ކޮށްފައި ހުންނަ ޓޮމާޓޯ ޕޭސްޓަކީ އެއްގޮތަކަށްވެސް ބޭނުންކުރުން ރަނގަޅު އެއްޗެއް ނޫނެވެ. އޭގައި ފޮރުވިފައިވާ ހަކުރުން ފަލަވުމުގެ ފުރުސަތު، ހަކުރުބަލި، ހިތުގެބަލި އަދި ދަތްފަނި ކެއުން ފަދަ މައްސަލަތައް ކުރިމަތި ވެއެވެ. މި ކަންކަމުން ދުރު ވެތިބުމަށް ތާޒާ ޓޮމާޓޯ ގަނެގެން ފުނޑާލައިގެން ތާޒާ ޕޭސްޓް ބޭނުންކޮށްލުން ރަނގަޅެވެ.

ޕޮޓޭޓޯ ޗިޕްސް:

ތެލުގައި ތެލުލާފައި ހުންނަ ކާއެއްޗިހީގައި އެކްރިލަމައިޑް ކިޔާ ނުރައްކާތެރި މާއްދާއެއް ހިމެނެއެވެ. މިގޮތުން އަޅުގަނޑުމެން ގަނެގެން މިބޭނުން ކުރާ ތެލުލާފައި ހުންނަ އަލުވީގައި މިމާއްދާ ހިމެނެއެވެ. އެކްރިލަމައިޑް އިން ގޮހޮރުގެ ކެންސަރ، އުރަމަތީގެ ކެންސަރ އަދި ފުރަގަސްފަރާތު ކެންސަރ، އަށް މަގުފަހި ވެއެވެ. މި ނުރައްކާތެރި ކަންކަމުން ދުރު ހެލިވުމަށް އަލުވި ގަނެގެން ފޮތި ކޮށްފައި އޮލިވް އޮއިލް ކޮޅެއް އަޅާފައި، ލޮނު އަދި އަސޭމިރުސް ކޮޅެއް ލުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި އަވަނުން ފިހެގެން ބޭނުން ކޮށްލުމުން ފައިދާހުރި ގޮތެއްގައި ޕޮޓޭޓޯ ޗިޕސް ބޭނުން ކުރެވިދާނެއެވެ.

ފުޅީގައި ބަންދު ކޮށްފައި ހުންނަ ސެލެޑް ޑްރެސިންގ:

ފުޅީގައި ބަންދުކޮށްފައި ހުންނަ ސެލެޑް ޑްރެސިންގް އަކީ އޭގައި ގިނަ އަދަދަކަށް ހަކުރު، އާޓިފިޝަލް ކުލަ އަދި ފްރުކްޓޯސް ވަރަށް ގިނައިން އެކުލެވޭ ކޯން ސިރަޕް ހިމެނޭ އެއްޗެކެވެ. ސެލެޑް އެއްގައި މިފަދަ ޑްރެސިންގް އެއް ބޭނުން ކުރާ ހިސާބުން ސެލެޑްގެ ފައިދާ ގެއްލި، ތެލުލާފައި ހުރި ޗިޕްސް ނުވަތަ އެފަދަ އެހެން ގެއްލުން ހުރި ކާއެއްޗަކާއި އެއްވަރުވެއެވެ. ސިއްހަތަށް ގެއްލުން ނުވާނެހެން، މިފަދަ ބަންދުކުރި ޑްރެސިންގް ގެ ބަދަލުގައި ލުނބޯހުތް، އޮލިވް އޮއިލް، ނުވަތަ އެޕަލް ސައިޑާ ވިނެގާރ ސެލެޑްގައި ބޭނުން ކުރައްވާށެވެ.

ޓެގު