English Edition
Dhivehi Edition

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ. ފުލުހުން އަމީތު ހައްޔަރުކޮށްފައިވަނީ ސަރުކާރާ ސިޔާސީ ގޮތުން އިދިކޮޅު މެންބަރުންނާއެކު ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވަދެފައިވާ މައްސަލައިގައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކުރީ މަޖިލީސް މެންބަރު ކަމުން އޭނާ ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވަނިކޮށް އާންމު މީހެއްގެ ގޮތުގައިހުރެ ރައްޔިތުންގެ މަޖިލީސްކުރާ ގެއަށް ވަދެފައިވާތީއެވެ. ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މެންބަރުން ސްޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެކޯޓަށް މިހާރުވަނީ ބަލައިގެންފައެވެ. އެހެންނަމަވެސް މިހާތަނަށް އަދި އެއްވެސް އަޑުއެހުމެއް ބާއްވައިފައި ނުވެއެވެ. މަޖިލީހަށްވަދެފައިވާ މައްސަލައިގައި ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު، (ވައްޑޭ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ އޭނާގެ ބަންދަށްވެސް 15 ދުވަސް ޖަހައިދެއްވައިފައެވެ. މީގެ އިތުރަށް ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައެވެ. އޭނާގެ މައްޗަށްވެސްކުރާ ތުހުމަތަކީ އާންމު މީހެއްގެ ގޮތުގައިހުރެ ރައްޔިތުންގެ މަޖިލީސްކުރާ އިދާރާއަށް މިމަހުގެ 24 ވަނަ ދުވަހު ވަނުމެވެ. ސައުދަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ މަޖިލީހަށް އަންގަވައިފައެވެ. އެގޮތަށް އަންގާފައިވަނިކޮށް ސައުދަށް މަޖިލީހަށް ނުވަދެވޭނެ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.