English Edition
Dhivehi Edition

ރޯދަ މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވެގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި ޒުވާނެއްގެ ބިލް ބޮޑުވެ ނުދެއްކިގެންއޭނާގެ އާއިލާ އިން ކަންބޮޑުވެއްޖެއެވެ.

މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2 ގައި ހިނގި ސައިކަލް އެކްސިޑެންޓުގައި ޒަޚަމްވި ލ. ކަޅައިދޫ ޕެންޒީމާގޭ މުހައްމަދު ނިޒާމްގެ އާާއިލާއިން ވަނީ ބިލްނުދެއްކިގެން އާއްމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް، މަގު ބަންދުކުރަން ހުރަސްކޮށްފައި އޮތް ދަގަނޑު ހޮޅިއެއްގައި ޖެހިގެން ނިޒާމްގެ މޫނު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި ނިޒާމްގެ މޫނުގެ ޒަހަމްތަކަށް ޕްލާސްޓިކް ސާޖަރީއެއް ވަނީ ޓްރީޓޮޕުން ހަދައިފައެވެ. މީގެ އިތުރުން ނިޒާމުގެ ބޮލަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ދިނުމަށް ބޮލުގެ ދެ ސާޖަރީއެއްވެސް ވަނީ ހަދައިފައެވެ. މި ސާޖަރީއަކީ ސިކުނޑި ކައިރިއަށް ލޭ އެޅިފައިވާތީ ހެދި ސާޖަރީތަކެއް ކަމަށްވެސް ނިޒާމުުގެ އާއިލާއިން ބުނެފައިވެއެވެ.

ނިޒާމަށް ޓްރީ ޓޮޕްގެ އައިސީޔޫގައި ހަފްތާއެއްހާ ދުވަހު އެޑްމިޓްކޮށް މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލަން ބެލިއިރު ހޮސްޕިޓަލުގެ ބިލަށް 350،000 ރުފިޔާ އަރާފައި ވެއެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި އާސަންދަ އިން ކަވަރ ކުރީ 18،000 ރުފިޔާ އެވެ. ނިޒާމަށް އެންސްޕާއިން އެއްވެސް އެހީއެއް ލިބިފައި ނުވާއިރު އިންޝުއަރެންސް ކަވަރު ކޮށްފައި އޮތުމުންނާއި ރަހުމަތްތެރިންގެ އެހީގައި އެ އާއިލާ އިން ވަނީ ބިލްގެ ތިން ބައިކުޅަ ދެ ބަޔަށްވާ ފައިސާ ހަމަކޮށްފަ އެވެ. ނިޒާމްގެ ބިލަށް ޓްރީ ޓޮޕް ހޮސްޕިޓަލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިންކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން ބުނާގޮތުގައި މިހާރު ބޭނުންވަނީ 111،000 ރުފިޔާއެވެ. އެކަަމަކުވެސް ހޮސްޕިޓަލުގައި އޮންނަ ކޮންމެ ދުވަހަކަށް 1،800 ރުފިޔާ އަރަމުންދާކަމަށްވެސް އާއިލާއިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޒާމް ހޮސްޕިޓަލުން ޑިސްޗާޖުކުރި ނަމަވެސް ބިލަށް ފައިސާ ނުދެއްކޭތީ އަދި ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައެއް ނުވެއެވެ.