English Edition
Dhivehi Edition

ޖުމުހޫރީ ޕާޓީގެ އައު ދިދަ އާއި ލޯގޯ ތަޢާރަފް ކުރާނީ އަންނަ ހުކުރުދުވަހު ޕާޓީގެ ކޮންގްރެސްގައި ކަމަށް އެޕާޓީން ބުނެފިއެވެ.

ކޮންގްރެސްއަށް ވަމުންދަ ތައްޔާރީތަކާއި ގުޅޭ ގޮތުން މިއަދު ހެނދުނު މާފަންނު ކުނޫޒުގައި ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕާޓީގެ އައު ދިދަ އާއި ލޯގޯ ތައާރަފް ކުރާނީ، ޕާޓީގެ ކޮންގްރެސް ތެރެއިން ހުކުރު ދުވަހު ކަމަށެވެ.

މިގޮތުން ކޮންގްރެސް ފެށުމަށް ބާއްވާ ޖަލްސާއަށް ފަހު ފުރަތަމަ ބާއްވާ ސެޝަންގައި އައު ދިދަ އާއި ލޯގޯ އިފްތިތާޙް ކުރެވޭނެ ކަމުގައި ސަމީރު ވިދާޅުވިއެވެ.

“ޕާޓީން އައު ދިދަ އަކާއި ލޯގޯއެއް ބޭނުން ކުރުމަށް ނިންމީ އިލެކްޝަންސް ކޮމިޝަނުން އެނގި އެންގުމާއި ގުޅިގެން ޖުމުހޫރީ ޕާޓީން ކޯޓަށް ހުށައެޅި މައްސަލަތައް ނުނިމި ދިގުލައިގެން ދިޔުމާއި ރިޔާސީ އިންތީޚާބު ބޯމަތިވަމުން އަންނަ އިރު ކުރިޔަށް ދެވޭނެ ގޮތަކީ އެއީ ކަމުގައި ވާތީ”ސަމީރު ވިދާޅުވިއެވެ.

ހޯމްމިނިސްޓްރީން އެކުލަވާލި ދިވެހި ދިދަ އާއި ބެހޭ ޤަވާއިދަށް ރިއާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުން ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މަނާކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.