English Edition
Dhivehi Edition

އައްޑޫސިޓީގެ ގަމުގައި ހުންނަ ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީ ކުރެވޭއިރު އައްޑޫގެ 200 އަށް ވުރެ ގިނަ ޒުވާޏުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފިއެވެ..

ދޫގަސް އެމްޕީއެލްއާ ހަވާލުކުރުމަށް އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އެންފުނިން ދޫގަސް ނަގައި ސިޓީ ހޮޓެއް ތަރައްގީ ކުރަނީ އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް އެހީތެރި ވުމަށް ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އައްޑޫގެ ޒުވާނުންނަށް 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ 200 އެނދުގެ ގެސްޓުހައުސް އެއްގެ ގޮތުގައި ތަރައްގީ ކުރާ ދޫގަސް ގައި ފުރަތަމަ ހުޅުވާނީ 42 ކޮޓަރި ކަމަށާ އޭގެ ފަހުން އިތުރު 78 ކޮޓަރިއާއެކު ޖުމްލަ 120 ކޮޓަރި ހުޅުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ދޫގަސް ރަނގަޅަށް ހިނގަން ފެއްޓި އެތަނުން ރަނގަޅު އާމްދަނީއެއް ލިބުމަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި ދެމަހެއްހާ ދުވަސް ތެރޭގައި އެތަނުގައި 200 އެނދުގެސްޓް ހައުސް އެއް ހިންގާނެ ކަމަށެވެ. އަދި އެތަނުގެ ޑިޒައިން ވެސް މިހާރު ކުރަހައި ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދޫގަސް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްހޫރުގެ ފުރަތަމަ ބަޔަކަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވަނީ 40 މިލިއަން ރުފިޔާގެ ލޯނެއް ދީފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދޫގަސް ސިޓީ ހޮޓަލުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.

މި މަސައްކަތަކީ އައްޑު އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި ނަމަވެސް މި މަސައްކަތް ލަސްވެގެން ދިޔައީ ކުރިން މިތަން ހިންގި، އެމްވީކޭ އިން ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައެއްގެ ސަބަބުން ކަމަށް ޒަމީރު ވިދާޅުވި އެވެ.

ދޫގަސް ހަދާފައި ވަނީ އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރުގައެވެ. އެހެންކަމުން މިއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެސްޓް ހައުސް އެވެ. ނަމަވެސް އިނގިރޭސީން އައްޑޫ އިން ފޭބުމާ ގުޅިގެން މިތަން މައިގަނޑު ގޮތެއްގައި ބޭނުންކުރީ ސަރުކާރުގެ ބޭނުންތަކަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމްވީކޭ އަށް ދޫގަސް ދީފައިވަނީ އައްޑު އަތޮޅުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ޝަރުތުކޮށެވެ. ފަހުން، އެތަން ނުބެލެހެއްޓި ވީރާނެ މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ދޫގަސް އަލުން ތަރައްގީކޮށް އަލުން ހިންގަން ފަށާނެކަން އިއުލާނު ކުރީ 2016 ވަނަ އަހަރު އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު އެވެ.