ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ސްޕެއިންއިން އެގައުމުގެ ކޯޗު ޖޫލެން ލޮޕެޓެގީ މަގާމުން ވަކިކޮށްފިއެވެ.
ލޮޕެޓެގީ ސްޕެއިންގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވަނީ ވޯލްޑް ކަޕްގެ ފަހުން ރިއަލްމެޑްރިޑްގެ ކޯޗު ކަމުގެ މަގާމާއި އޭނާ ހަވާލުވާނެ ކަން ރިއަލްމެޑްރިޑުން ރަސްމީކޮށް އިއުލާން ކުރިތާ އެއް ދުވަސް ތެރޭގައެވެ.
ސްޕެއިންގެ ފުޓުބޯޅައިގެ މައި އިދާރާއިން ބުނެފައި ވަނީ ލޮޕެޓެގީ މަގާމުން ވަކި ކުރަން ނިންމީ ސްޕެއިންގެ ފުޓުބޯޅަ އިދާރާއަށް ނޭނގި ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ހަވާލުވިކަން އެކުލަބުން އެންގުމާއި ގުޅިގެން ކަމަށެވެ.
ސްޕެއިން ގައުމީ ޓީމްގެ ކޯޗުގެ މަގާމުން ލޮޕެޓީގު ވަކިކޮށްފައި މިވަނީ ދާދިފަހުން ސްޕެއިން އިން އޭނާ އާއި އެކު ހަދާފައިވާ ކޮންޓުރެކްޓް 2020 ވަނަ އަހަރާއި ހަމައަށް އާކޮށްފައިވަނިކޮށެވެ.
ސްޕެއިން ފުޓް ބޯޅަ އިދާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސް ރުބިއެލެސް ވިދާޅުވީ ސްޕެއިންގެ ކޯޗުކަން ދޫކޮށްލުމަށްފަހު ރެއާލްގެ ކޯޗުކަމާއި ލޮޕެޓެގީ ހަވާލުވާން ނިންމިކަން އެނގުނީ ރެއާލް އިން އެކަން އިއުލާންކުރުމުން ކަމަށާއި އެއީ ބަލައި ގަނަވޭނެ ކަމެއް ނޫން ކަމަށާއި ކޮންމެ ކަމެއް ގައިވެސް ޕްރޮވިޝަނަލް ވާން ޖެހޭނެކަމަށެވެ.
ރުބިއެލެސް ބުނީ މިކަންތަށް މިހެން ދިމާވުމުން ޓީމަށް ލޮޕެޓީގު ކިތަންމެ މުހިންމު ވިނަމަވެސް ލޮޕެޓެގީ މަގާމުން ވަކިކުރަން މަޖުބޫރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ލޮޕެޓެގީ ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވީ ކުރިން އެމަގާމު ގައި ހުރި ކާމިޔާބު ކޯޗު ޑެލް ބޮސްކޭ 2016 ވަނަ އަހަރުގެ ޖުލައި މަހު އެ މަގާމުން ދުރުކުރުމުންނެވެ.
ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅުނު 20 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. އެގޮތުން އޭނާގެ ކޯޗުކަމުގައި ސްޕެއިން ކުޅުނު 20 މެޗުގެ ތެރެއިން 14 މެޗުން އެޓީމު މޮޅުވެފައިވާ އިރު އަނެއް ހަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.