ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނު ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލުމަށްފަހު ސްޕެއިނުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން ސްޕެއިން މޮޅުވީ 6-0 އިންނެވެ.
މިއީ ވާދަވެރި މެޗެއްގައި ޖަރުމަނުން މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ. މީގެކުރީން، 1931 ވަނަ އަހަރުގައި އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވެސް ބަލިވީ ހަމަ މި ނަތީޖާއިންނެވެ.
ރޭގެ މެޗުތަކަށްފަހު ލީގު އޭގެ ގްރޫޕް ހަތަރެއްގެ އެއްވަނަ މަގާމު ސްޕެއިނުން ކަށަވަރުކުރީ ކުޅުނު ހަ މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. ރޭގެ މެޗަށް ނިކުތްއިރު އެއްވަރުކޮށްލައިގެން ސެމީން ޖާގަ ހޯދުމުގެ ފުރުޞަތު އޮތް ޖަރުމަން އޮތީ ނުވަ ޕޮއިންޓާއެކު ދެވަނައިގައެވެ. މި ގްރޫޕްގެ ތިންވަނައިގައި ހަ ޕޮއިންޓާއެކު އޮތް ޔޫކްރޭނާއި ހަތަރުވަނައިގައި ތިން ޕޮއިންޓާއެކު އޮތް ސްވިޒަލެންޑް ރޭ ކުޅެން އޮތް މެޗު ވަނީ ސްވިޒަލެންޑުގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން ކެންސަލްކޮށްފައެވެ.
ރޭގެ މެޗުން އެ ޓީމު މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ވިންގާ ފެރާން ޓޮރޭޒް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ 2001 ވަނަ އަހަރު މައިކަލް އޮވެން ޖަރުމަނު ކޮޅަށް ހެޓްރިކެއް ހެދި ފަހުން އެ ޓީމު ކޮޅަށް އެއް ކުޅުންތެރިއަކު ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ސްޕެއިނުގެ ސެވިއްޔާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން ކެޕްޓަން ސާޖިއޯ ރާމޯސް އާއި ސާޖިއޯ ކެނާލޭސް ވަނީ ބަދަލުކޮށްފައެވެ. މި ދެ ކުޅުންތެރިންގެ ބަދަލުގައި ކުޅެން އެރީ އެރިކް ގާސިއާ އާއި ފަބިއަން ރުއީޒް އެވެ. އެ ޓީމުން ލީޑްނެގީ 17 ވަނަ މިނެޓުގައި ފަބިއަން ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް އަލްވާރޯ މޮރާޓާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި ސްޕެއިނުގެ ދެވަނަ ލަނޑު، ފެރާން ޖަހައިދިންއިރު އޭގެ ފަސް މިނެޓުފަހުން ރޮޑްރީ ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ހޯސޭ ގާޔާ ދިން ބޯޅައަކުން ފެރާން ވަނީ ސްޕެއިނަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފައެވެ. އޭގެފަހުން، މެޗުގެ 71 ވަނަ މިނެޓުގައި ފެރާން އޭނާގެ ހެޓްރިކް ފުރިހަމަކުރީ ފަބިއަން ދިން ބޯޅައަކުންނެވެ. ސްޕެއިންގެ ފަހު ގޯލު މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކޭލް އޮޔާޒަބަލް އެވެ.
މި މުބާރާތުގެ ފައިނަލް ބުރުގެ ޖާގަ އެންމެ ފުރަތަމަ ކަށަވަރުކުރި ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ވަނީ ރޭ އަމިއްލަ ދަނޑުގައި 4-2 އިން ސްވިޑެން ބަލިކޮށްފައެވެ. މި މެޗުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނެޓުގައި ސްވިޑެންގެ ވިކްޓޯ ކްލައެސަންގެ ގޯލުން ލީޑްނަގާފައިވަނިކޮށް ފްރާންސްގެ އޮލިވިއޭ ޖިރޫ އާއި ބެންޖަމިން ޕަވާޑްގެ ލަނޑުތަކާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 2-1 އިން ކުރީގައިއޮވެގެންނެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 14 ވަރަކަށް މިނެޓުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ތަނަވަސްކުރި ފުރުޞަތަކުން ޖިރޫ ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. މި ގޯލާއެކު ޖިރޫ ވަނީ ގައުމީ ޓީމަށް 44 ގޯލް ހަމަކޮށް، ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ތިއެރީ އޮންރީގެ ރެކޯޑާ ހަތް ގޯލަށް ކައިރިކޮށްފައެވެ. މި މެޗުގައި ސްވިޑެން އިން ޖެހި ދެވަނަ ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކުއެއިސަން ކާމިޔާބުކޮށްދިންއިރު މެޗުގެ އިތުރުވަގުތުގައި ފްރާންސްގެ ފަހު ލަނޑުޖަހައިދިނީ ކިންގްސްލީ ކޯމަން އެވެ.
ނޭޝަންސް ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރި ޕޯޗުގަލް ވަނީ ރޭ ރަށުން ބޭރުގައި 3-2 އިން ކްރޮއޭޝިއާ ބަލިކޮށްފައެވެ. މި މެޗުގެ 29 ވަނަ މިނެޓުގައި ޗެލްސީގެ މިޑްފީލްޑަރު މަޓެއޯ ކޮވެސިޗް ކާމިޔާބުކުރި ގޯލާއެކު ކްރޮއޭޝިއާ އިން 1-0 އިން ކުރީގައިއޮވެގެން ފުރަތަމަ ހާފު ނިންމާލިއިރު، އެ ޓީމަށް މައްސަލަތައް ކުރިމަތިވީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި އެ ޓީމުގެ މާކޯ ރޮގް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 52 ވަނަ މިނެޓުގައި ޕޯޗުގަލްގެ ރުބެން ޑިއާޒް އާއި 60 ވަނަ މިނެޓުގައި ޔާއޯ ފެލިކްސްގެ ގޯލުން އެ ޓީމު ލީޑްނެގިއެވެ.
އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން އެއްވަރުކުރީ ކޮވެސިޗް ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުން ޕޯޗުގަލް މޮޅުވި ލަނޑު، މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއާޒް އެވެ. ރޭގެ މެޗުތަކަށްފަހު މި ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ފްރާންސަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޕޯޗުގަލް އެވެ. ތިންވަނައިގައި އޮތް ކްރޮއޭޝިއާ އާއި ހަތަރުވަނައިގައި އޮތް ސްވިޑެން އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އޮތް ސްވިޑެން ވަނީ ރެލިގޭޓްވެފައެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށްފަހު، ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ފްރާންސްގެ އިތުރުން ސްޕެއިނެވެ. ދެން އޮތް ދެ ޖާގަ އަށް ވާދަކުރަނީ އިޓަލީ އާއި ބެލްޖިއަމްގެ އިތުރުން ނެދަލެންޑްސް އަދި ޑެންމާކް އެވެ.