ސްޕެއިނުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އިސްކޯ، އަންނަ އަހަރުގެ ޖަނަވަރީ މަހުގައި އެ ޓީމު ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާގެ އޭޖެންޓް ދޮގުކޮށްފިއެވެ.
ފަހަކަށް އައިސް ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމުގައި އިސްކޯ އަށް އުނދަގޫތަކާ ކުރިމަތިލާންޖެހިފައިވާއިރު، މި ފަހަރުގެ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު އެއްވެސް މެޗެއްގައި ކުޅެފައެއްނުވެއެވެ. އެކަމަކު، ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު ހަ މެޗުގައި ކުޅެފައިވެއެވެ.
އުމުރުން 28 އަހަރުގެ އިސްކޯގެ ސޮއި ހޯދުމަށް އެވަޓަން އިން އަންނަ ޖަނަވަރީ މަހުގައި ހުޅެވޭ ޓްރާންސްފާ ބާޒާރުގައި މަސައްކަތްކުރާނެކަމުގެ ވާހަކަތައް މީޑިއާގައި ފެތުރިފައިވާއިރު، ފަހަރުގައި ޔުވެންޓަސް އަށް އޭނާ ބަދަލުވެދާނެކަމުގައި އަޑުތައް އަރާފައިވެއެވެ.
މިހުރިހާ ވާހަކަތަކަށް ރައްދު ދެމުން އިސްކޯގެ އޭޖެންޓް ބުނީ އެއްވެސް ކްލަބަކަށް ބަދަލުވުމުގެ މަޝްވަރާތައް ނުކުރެވޭކަމަށާއި، ރެއާލް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
އަދި އިސްކޯ، ރެއާލްގައި ހުރީ އުފަލުން ކަމަށާއި އޭނާގެ އެންމެ ބޮޑު އަމާޒަކަށް މިހާރު ވެފައިވަނީ ކޯޗު ޒައިނުއްދީން ޒިދާންގެ ޓީމުން ޖާގަ ހޯދޭނެކަން ސާބިތުކޮށްދޭން އެކަމަށް ބުރަ މަސައްކަތްކުރުން ކަމަށެވެ.
އެހެންނަމަވެސް، ފަހުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުން ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ވެސް އެ ކްލަބުގައި މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލުމުގެ ވިސްނުމެއް ގެންގުޅޭކަމަށާއި، އަދި ވިއްކާލަން އުޅޭ ކުޅުންތެރިންގެ ތެރޭގައި ލޫކަ ޔޮވިޗްގެ އިތުރުން މަރިއާނޯ ޑިއާޒް އަދި އިސްކޯ ހިމެނޭކަމަށް ވެއެވެ.
މަލަގާ އިން 2013 ވަނަ އަހަރު އިސްކޯ، ރެއާލަށް ބަދަލުވީ 30 މިލިއަން ޔޫރޯގެ ފީ އަކަށެވެ. އޭނާ ވަނީ ރެއާލަށް މިހާތަނަށް ކުޅެދިން 313 މެޗުގައި 51 ލަނޑުޖަހައި، އިތުރު 54 ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. އަދި އެ ޓީމާއެކު ޓީމާ އެކު 16 ތަށި އުފުލާލައިފައެވެ. އޭގެތެރޭގައި ދެ ސްޕެނިޝް ލީގާއި، ހަތަރު ޗެމްޕިއަންސް ލީގުގެ އިތުރުން ހަތަރު ކްލަބް ވޯލްޑްކަޕް ހިމެނެއެވެ. މީގެއިތުރުން، 2013 ވަނަ އަހަރުގެ ޔުއެފާ 21 އަހަރުން ދަށުގެ މުބާރާތް ސްޕެއިނާއެކު ކާމިޔާބުކޮށްފައިވާއިރު، ސީނިއާ ގައުމީ ޓީމަށް ކުޅެދިން 38 މެޗުގައި 12 ލަނޑުޖަހާފައިވެއެވެ.