2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުން އެ މުބާރާތް ބޭއްވީ ގައުމުކަމަށްވާ ރަޝިޔާ އަތުން ބަލިވީ ހިސާބުން ސްޕެއިނުގެ ގައުމީ ޓީމަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވިއެވެ. އެގޮތުން، އެ މުބާރާތުގައި ސްޕެއިނަށް އިރުޝާދު ދިން ވަގުތީ ކޯޗު ފެނާންޑޯ ހިއޭރޯ މަގާމުން އިސްތިއުފާދިނުމާއެކު ކުރީން ބާސެލޯނާ އަށް ކޯޗުކޮށްދިން ކުރީގެ ކުޅުންތެރިޔާ ލުއިސް އެންރީކޭ ވަނީ އެ މަގާމަށް އައްޔަންކޮށްފައެވެ.
މިއާއެކު، ގިނަ ބަޔަކު އުއްމީދުކުރަމުންއައި ފަދަ ބަދަލުތަކެއް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޕެއިނުގެ ގައުމީ ޓީމުން ވަނީ ފެނިގެންގޮސްފައެވެ. މިހާރުގެ ސްޕެއިނުން ޓީމުން ފެނިގެންދާނެ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަވެގެންގޮސްފައިވަނީ ކުރީގެ އަހަރުތަކާ ހިލާފަށް އެ ގައުމުގެ ބޮޑު ދެ ކްލަބަށް ނިސްބަތްވާ ކުޅުންތެރިންގެ އަދަދު ގައުމީ ޓީމުގައި މަދުވުމެވެ. މިއީ ރަނގަޅު ނޫން ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ސްޕެއިނުން 2008 އިން ފެށިގެން 2012 ގެ ނިޔަލަށް ކުޅެވުނު ބޮޑު ތިން މުބާރާތް ކަަމަށްވާ، 2008 އާއި 2012 ގެ ޔޫރޯގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއްވީ ރެއާލް އަދި ބާސެލޯނާގެ ކުޅުންތެރިންނެވެ.
އެހެންނަމަވެސް، މި ދެ ކުލަބަށް ނިސްބަތްވާ ގިނަ ކުޅުންތެރިންނާއެކު އޭގެ ފަހުން ކުޅެވިދިޔަ ބޮޑެތި މުބާރާތްތަކުން ހިތްދަތިގޮތަކަށް އަލްވަދާއު ކިޔަންޖެހިފައިވާއިރު، އެންމެފަހުން ކުޅެވުނު ވޯލްޑްކަޕްގައި ރެއާލް އަދި ބާސެލޯނާ އަށް ނިސްބަތްވާ 10 ވަރަކަށް ކުޅުންތެރިންނާއެކު ނިކުމެ އެ މުބާރާތުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން މިހާރު މިވަނީ ބަދަލަކަށް ބޭނުންވެފައެވެ. އަދި އެ ފަހަރުގެ މުބާރާތަށްފަހު ބައެއް ސީނިއާ ކުޅުންތެރިން ރިޓަޔާކުރުމާއެކު ބަދަލުގައި އެ މަގާމު އަދާކުރާނެ ކުޅުންތެރިންނަށް މިވަނީ ބޭނުންވެފައެވެ.
އެގޮތުން، ސްޕެއިނުގެ ޓީމަށް ގެނައި ބަދަލުތަކުގެ ތެރޭގައި މި ފެނިގެންދަނީ ގައުމީ ޓީމުގެ ސްކޮޑުގައި އެ ގައުމުގެ ބޮޑު ދެ ކްލަބަށް ނިސްބަތްވާ ކުޅުންތެރިންގެ އަދަދު މަދުވެގެންދިއުމެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އެ ދެ ކްލަބުގައި މިވަގުތު ތިބި ސްޕެއިނަށް ނިސްބަތްވާ ކުޅުންތެރިންނަކީ އެކި އުމުރުފުރާގެ ގައުމީ ޓީމުތަކުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށްވުމާއި، ސީނިއާ ޓީމަށް އެރޭ ފެންވަރުުގެ ކުޅުންތެރިން އެހެން ކްލަބުތަކުގައި ތިބުމެވެ. ހާއްސަކޮށް ސްޕެނިޝް ލީގުން ބޭރުގައި ކުޅޭ އެ ގައުމުގެ ކުޅުންތެރިން ކުރިއަށްވުރެ ގިނަވުމެވެ.
މިހާރުގެ ސްޕެއިނުގެ ގައުމީ ޓީމަށް އައިސްފައިވާ ބަދަލަކީ މުސްތަގުބަލަށް ބަލާއިރު ރަނގަޅު ބަދަލެއްގެ ގޮތުގައި ގިނަ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އެހެނީ ކުރިން ވެސް ބެލެވިފައިއޮތްގޮތުން އެ ގައުމުއްގެ ކުޅުންތެރިން އަމިއްލަ ލީގުގެ އިތުރުން ޔޫރަޕްގެ އެހެނިހެން ބޮޑެތި ލީގުތަކުގައި ކުޅޭނަމަ އެއީ ކުޅުންތެރިންނަށް ހުރިހާ ގޮތަކުން ވެސް ލިބޭނެ ކުރިއެރުމެކެވެ. ހަމައެގޮތަށް ސްޕެއިނުގެ ބޮޑު ދެ ކްލަބުގައި ހިމެނޭ އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިންގެ އަދަދު ވެސް ގިނަ ކުރަންޖެހޭނެއެވެ. އެއީ މިހާރުގެ ހާލަތަށް ބަލާއިރު ރެއާލްގެ އިތުރުން ބާސެލޯނާގައި ވެސް ޔޫރަޕް އަދި އެހެނިހެން ބައްރަށް ނިސްބަތްވާ ގައުމުތަކުގެ ކުޅުންތެރިން ތިބުމުން އެ ކުޅުންތެރިންގެ އަދަދު މިހާރަށްވުރެ އިތުރުވެގެންދިއުމަކީ ޒުވާން ކުޅުންތެރިންނަށް ކުުރިމަތިވެދާނެ ގޮންޖެހުމެކެވެ.
ސްޕެއިނުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް މިވޭތުވެދިޔަ އަހަރުތަކުގައި އައި ބަދަލުތަކަށް ނަޒަރު ހިންގާލާއިރު، އެންމެ ފަހުން އެކުލަވާލި ސްކޮޑަށް ބަލާލުމުން ފެނިގެންދާނެއެވެ. އެގޮތުން، މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގުގައި މި މަހު ކުޅެވިދިޔަ މެޗުތަކަށް ނެގި ސްޕެއިނުގެ ސްކޮޑުގައި ތިބީ ރެއާލާއި ބާސެލޯނާ އަށް ނިސްބަތްވާ ހަތަރު ކުޅުންތެރިންނެވެ. މިއަދަދު މިހާ ބޮޑަށް މަދުވެގެންދިއުމުގެ ސަބަބުތަކުގެ ތެރޭގައި އަނިޔާ އާއި ފިޓްނަސް މައްސަލައިގެ އިތުރުން އެ ދެ ކްލަބުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ސީނިއާ ކުޅުންތެރިން ނިސްބަތުން ކުރިއަށްވުރެ މަދުވުމެވެ. މިހާރުގެ ސްކޮޑަށް އަލިއަޅުވާލާއިރު އެވްރެޖް އުމުރު ވެސް އުޅެނީ 26 އަހަރުން ދަށުގައެވެ. ސްޕެއިނުން އެންމެ ފަހުގެ ވޯލްޑްކަޕަށް ނިކުތް ސްކޮޑުގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 28 އަހަރެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، މިހާރުގެ ސްޕެއިނުގެ ގައުމީ ޓީމަށް އައިސްފައިވާ ބަދަލުތައް އެނގިގެން ގޮސްފިއެވެ. ސްކޮޑުގެ އެވްރެޖް އުމުރު ހަގުވުމަކީ މުސްތަގުބަލަށް ވިސްނާއިރު ރަނގަޅު ބަދަލެކެވެ. މީގެ ހެކިތައް ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާ ދެކޮޅަށް އެންމެ ފަހުން ކުޅެވިދިޔަ މެޗުގެ ނަތީޖާއަށް ބަލާލިޔަސް ފެނިގެންދާނެއެވެ. ސްޕެއިނުން ވަނީ 6-0ގެ ތަފާތަކުން ޖަރުމަން ބަލިކޮށްފައެވެ. މިއީ ވާދަވެރި މެޗެއްގައި ޖަރުމަނުން މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗެވެ. މީގެކުރީން، 1931 ވަނަ އަހަރުގައި ކުޅެވުނު އެކުވެރިކަމުގެ މެޗެއްގައި އޮސްޓްރިއާ އަތުން އެ ޓީމު ބަލިވީ ވެސް ހަމަ މި ނަތީޖާއިންނެވެ. ހަމައެއާއެކު، އެންމެ ފަހުގެ މި ސްކޮޑާއެކު ސްޕެއިނުން ވަނީ އެ ޓީމު ހިމެނުނު ގްރޫޕުގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، ދެ މެޗުން އެއްވަރުކޮށް އެއްވަނަ މަގާމު ހޯދުމަށްފަހު އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
އެހެންކަމުން، ސްޕެއިނުގެ ގައުމީ ޓީމުގައި ބޮޑު ދެ ކުލަބަށް ނިސްބަތްވާ ކުޅުންތެރިން މަދުވެ، ލީގުގެ އެހެން ކްލަބުތަކަށް ނިސްބަތްވާ ކުޅުންތެރިން އިތުރުވުމަކީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ލިބިގެންދިޔަ ކުރިއެރުމެކޭ ވެސް ބުނެވިދާނެއެވެ. މިއާއެކު ސްޕެނިޝް ލީގުގެ ފޯރި މިހާރަށްވުރެ ބޮޑުވެގެންދާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނަސް މިއީ ބޮޑު ދެ ކްލަބަށް އޮތް ގޮންޖެހުމެކެވެ. ޒަމާނުއްސުރެ އެ ދެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް ސްޕެއިނުގެ ގައުމީ ޓީމުގައި ނަގާކިޔަން ތިބުމަށްފަހު ކުއްލިއަކަށް އެ މަންޒަރު ބަދަލުވެގެންދިއުމަކީ ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ.
އެންމެ ފަހުގެ މެޗުތަކަށް ނަޒަރު ހިންގާލުމުން ދެން ކުރިއަށް އޮތް ބޮޑު ދެ މުބާރާތަށް މިހާރުގެ ޓީމު ނިކުންނައިރު ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭ ތަޖުރިބާގެ އެހީގައި މިހާރަށްވުރެ ބޮޑު ކާމިޔާބީ ހޯދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މިހާރުގެ ސްކޮޑުގައި ކޮންމެވެސް ވަރަކަށް އުމުރުން ދޮށީ ކުޅުންތެރިން ތިބުމަކީ އުމުރުން ހަގު ކުޅުންތެރިންނަށް ވެސް އެ ފަދަ ބޮޑެތި މުބާރާތްތަކާ ކުރިމަތިލާއިރު ލިބޭނެ ފައިދާ އެކެވެ. މީގެއިތުރުން، މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންނާއެކު ސްޕެއިނުގެ ޓީމު އިތުރަށް ވަރުގަދަވެ ކުރިއެކޭ އެއްފަދައިން ފުޓްބޯޅަ ދަނޑުތަކުގައި ވިދުން ގަދަވާނެ ދުވަހަކީ އެ ކުޅިވަރު ބަލާ ކޮންމެ މީހަކު ދެކެން ބޭނުންވާނެ ދުވަހެކެވެ.
Una noche histórica que hará crecer a este equipo. ¡A la Final Four! ????
An historic night that will help us grow as a team. To the Final Four! ???#VamosEspaña #NationsLeague pic.twitter.com/ZXexnXukeC
— Sergio Ramos (@SergioRamos) November 17, 2020