English Edition
Dhivehi Edition

މި އަހަރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 596 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހެޅިފައިވަނީ 556 މައްސަލައެއް ކަމަށް ފުލުހުން ވިދާޅުފައިވެއެވެ.

މިމުއްދަތުގައި ފުލުހުންނަށް ހުށަހެޅިފައިވާ ވަކިވަކި މައްސަލަތަކަށް ބަލާއިރު ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ މަދުވެފައެވެ. އެގޮތުން ފާއިތުވި އަހަރު 15 މައްސަލައެއްގައި 18 މީހަކު ހައްޔަރުކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 7 މައްސަލައެއްގައި 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 127 މައްސަލަ މިއަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި 109 މައްސަލަ ހުށަހެޅިފައިވެއެވެ. ވައްކަމުގެ މައްސަލަތަކަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުށަހެޅިފައިވަނީ ކުދި ވައްކަމުގެ މައްސަލަތައްކަން ފާހަގަކުރެވޭކަމަށް ފުލހުހުންގެ ތަފާސް ހިސާބުތަކުން ދައްކާފައި ވެއެވެ.

ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ޙަރަކާތްތެރިވިނަމަވެސް ވައްކަމުގެ މައްސަލަތަކަކީ ވަރަށް ރޭވިގެން ކުރަމުންދާ ކަމަކަށްވުމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިފަދަ ކޮންމެ މަސައްކަތެއްގައިވެސް ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާކަންވެސް މިފުރުޞަތުގައި ފާހަގަ ކޮށް އަދި މިފަދަ މައްސަލަތަކަކީ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ ހުއްޓުވިދާނެ މައްސަލަތަކެކަމަށް ދެކޭކަމަށްވެސް ފުލުހުން ފާހަގަކޮށްފައި ވެއެވެ.