English Edition
Dhivehi Edition

އާއަހަރެއް ފެށުމާއި އެކު އަހަރެމެންގެ އެންމެ ބޮޑު ހުވަފެނަކަށް ވެފައި އޮންނަނީ އެއަހަރަކީ ހަރަދު ކުޑަ އަހަރަކަށް ހެދުމެވެ. ބޭކާރު އެއްޗެހި ނުގަނެ ފަހަށް ރައްކާކުރުމެވެ. ނަމަވެސް ގިނަފަހަރަށް މިކަން ވެފައި އޮންނަނީ ބިލާހަކަށެވެ. ނުވަތަ ބަލާލެވޭ ހުވަފެނަކަށެވެ.

މިހެން މިކަން މިވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންނަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހެނީ ކީއްވެހެއްޔެވެ؟ ކިތަންމެ މަދުން ލިބުނަސް ނުވަތަ ކިތަންމެ ގިނައިން ލިބުނަސް މަސް ނިމޭއިރު އަތުގައި ފަހަށް ރައްކާކުރެވިފައި އޮންނަނީ މަދު އެތިކޮޅެކެވެ. ނުވަތަ އެއްޗެއް ނޯވެއެވެ.

މިކަމަކީވެސް އެކި މީހުން އެކި ގޮތްތޮތަށް ވިސްނާ ފިކުރުކުރާ ކަމެކެވެ. އެގޮތުން ފަހަށްރައްކާ ކުރުމުގެ އާދަ މީހުންގެ ކިބައިގައި އަށަގެންނުވުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް ފަރުދީ ގޮތުން އެމީހަކު އެކަމުގައި ނޫޅެނީސް އެކަމަށް ހައްލެއް ނެތެވެ.

ވިޔަފާރިއެއް ނުވަތަ ތަނަކުން އެއްޗެއް ގަތުމުގެ ކުރިން ވިސްނާލަން ޖެހޭ ބައެއް ކަންތައްތައް ހުރެއެވެ. އެގޮތުން އެއްޗެއް ގަތުމުގެ ކުރިން އެއެއްޗަކުން ކުރެވޭނެ ބޭނުމަކާއި، އެއެއްޗެއް ގަތުމުގެ މަޤްސަދާއިމެދު ވިސްނާލަން ޖެހެއެވެ. ކޮންމެ ފަހަރަކު ބާޒާރުގައި އޮންނަ އެންމެ ފަހުގެ ޓެކްނޮލަޖީ ނުވަތަ އެންމެ ފަހުން ބާޒާރަށް ނުކުންނަ އެއްޗެއް ގަތުމުގެ ވިސްނުން ހުރުމަކީ ގޯސް ހިޔާލެކެވެ. އެއްޗެހި އުފައްދާ މީހުން އަބަދުވެސް ވިސްނާނީ އެބަޔަކަށް ލިބޭނެ ފައިދާ އަކާއި މެދުގައެވެ. ތަކެތި ގަންނަ މީހާއަށް އެކަމުން މާބޮޑު ފައިދާއެއް ނުލިބޭނެއެވެ. އެހެންކަމުން އެއްޗެއް ގަތުމުގެ ކުރިން އެއެއްޗެއް ގަތުމުގެ ހަޤީގީ ބޭނުން ނުވަތަ މަޤްސަދާއި މެދު ވިސްނާލުން ބުއްދިވެރިއެވެ.

ބާޒާރުން އެއްޗެއް ގަންނައިރު އެއެއްޗެއް ބޭނުންކުރެވޭނެ މުއްދަތަކާއި މެދުވެސް ވިސްނާލަން ޖެހެއެވެ. އެގޮތުން 1 ރުފިޔާ އަށް ކުޅޭ އެއްޗެއް ގަންނަތާ ގިނަ އިރުތަކެއް ނުވަނީސް އެއެއްޗެއް ހަލާކުވާނަމަ ހަޤީގަތުގައި އެބޭކާރުކޮށްލެވެނީ ފައިސާ އެވެ. އެގޮތަށް އެއްްޗެއް ހަލާކުވުމުން އެއިޙްސާސް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވުނު ނަމަވެސް އެގޮތަށް ދުވާލެއްގެ މައްޗަށް ކިތައް ފައިސާފޮތި ބޭކާރުކޮށްލެވިދާނެ ހެއްޔެވެ؟ އެހެންކަމުން އެއްޗެއް ގަންނައިރު އަވަހަށް ހަލާކުވާ އެއްޗެއްގެ ބަދަލުގައި ގިނަ ދުވަހުން ހަލާކުވާ އެއްޗެއް ގަނެވިއްޖެނަމަ އެއިން ފައިދާ ކުރާނެއެވެ.

ފެންނަކޮންމެ އެއްޗަކީ ގަންނަން ޖެހޭ އެއްޗަކަށް ވެއްޖެނަމަ މަހުގެ ފަހުކޮޅަށް ދާއިރު ފައިސާ ނެތި އަތްމަތި ދަތިވުމަކީ ވަރަށް އާންމުމުކަމެކެވެ. ބާޒާރުން ފެންނަ ކޮންމެ އެއްޗަކީ ކޮންމެ މީހަކަށް އެހާމެ ބޭނުންތެރި އެއްޗަކަށް ނުވާނެއެވެ. އަދި ކޮންމެ މީހަކު ގަންނަން ޖެހޭ އެއްޗެއް ވެސް ނޫނެވެ. އޮންލައިން ޝޮޕިން ތަކުގައި ހުންނަ ތަކެތި ގަތުމަކީ އަހަރެމެންގެ ތެރެއިން ޒުވާނުން ވަރަށް ޝައުޤުވެރިވާ ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް ގަނެވޭނީ ވަގުތާއި ހާލަތަށް އެންމެ ބޭނުން އެއްޗަށް ނުވާތަން ވެސް އާދެއެވެ. އެހެންކަމުން އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ވިސްނާލައި، އެއެއްޗަކީ ކޮންމެހެން ގަންނަން ޖެހޭ އެއްޗެއްތޯ ސުވާލުކޮށްލަން ޖެހެއެވެ.

މީގެ އިތުރުންވެސް ބާޒާރުން އެއްޗެއް ގަތުމަށް ބޭނުންވާ ސަބަބާއި މެދު ވެސް ވިސްނާލަން ޖެހެއެވެ. އެގޮތުން އެއްޗެއް ގަންނަނީ ރައްޓެއްސެއް އެފަދަ އެއްޗެއް ގަނެފައިވާތީ ކަމަށްވާނަމަ އަދި އެ ވިސްނުން ރަނގަޅެއް ނޫނެވެ. މީހަކަށްް ދެއްކުމުގެ ނިޔަތުގައި އެއްޗެއް ގަތުމަކީ ވިސްނުންތޫނު މީހުން އަމަލުކުރާ ގޮތެއް ނޫނެވެ. އެއްޗެއް ގަތުމުގެ ކުރިން ކޮންމެހެން އެއެއްޗެއް އެވަގުތެއްގައި ގަތުމަކީ މުހިއްމުކަމެއްތޯ ހިތާ ހިތާ ސުވާލުކޮށްލުން ވެސް މުހިއްމެވެ.

އާމްދަނީ އަކީ ކޮންމެ މީހަކަށްވެސް ވަކި ވަރަކަށް ލިބޭ އެއްޗެކެވެ. އެހެންކަމުން އެލިބޭ އެއްޗެއް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ވިސްނުން ކޮންމެ މީހަކު ވެސް ގެންގުޅެން ޖެހެއެވެ. ފަހަށް ރައްކާކުރުމުގެ އާދައަކީ އަޅުގަނޑުމެންގެ ވިސްނުމުގައި ހަމައެކަނި ބަހައްޓާ އެއްޗަކަށް ނަހަދާ އެއަށް އަމަލުކުރަން ފަށަން ޖެހެއެވެ. އުޖާލާ މުސްތަޤްބަލެއް ލިބޭނީ އޭރުންނެވެ.