އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާން ރިޔާސަތު ބެލެހެއްޓެވި މިމައްސަލަ ހައިކޯޓުން މިއަދު ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލައާއި ގުޅިގެން މިއަދު 10:15 ގައި ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ބެންޗުން ހުކުމް އިއްވާފައިވަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ
އުއްތަމަ ފަނޑިޔާރަށް އެ މައްސަލާގައި ކުރަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއެވެ. އެ މައްސަލާގައި ދައުވާ ކުރަނީ ސްޕްރީމް ކޯޓުން ޖެމްސްގެ ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެއެވެ.
ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. ހައިކޯޓުން ކުރި ހުކުމުގައިވަނީ ފެބްރުއަރީ މަހުގެ 4 އަދި 5 ވަނަ ދުވަހު ޖެމްސްގެ ޚިދުމަތް ކަނޑާލުމަށް ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު އެންގެވިކަން ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.
އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހަތަރު ހެކިވެރިންގެ ހެކިބަސް ދަށު ކޯޓުން ވަނީ ނަގައިފައިވާ އިރު ދިފާއުގައި ހުށަހެޅި އެއް ހެކިވެރިއެއްގެ ހެކިބަސް ވެސް ވަނީ ނަގާފައެވެ. ޝަރީއަތުގައި ބައެއް ހެކިން ބުނެފައި ވަނީ ޖެމްސް ސިސްޓަމް ހިދުމަތް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށެވެ.
އެމައްސަލައިގެ އިތުރުން ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ.