ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެމަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދަށް ކުރި ޓެރަރިޒަމްގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ
މި ތިން ބޭފުޅުންގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.މިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ބޭފުޅުންނަށް ފޮނުއްވި ލިޔުމުގައި ވަނީ އެ ބޭފުޅުންނަށް ކޮށްފައިވާއިވާ ޓެރަރިޒަމްގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، ފުލުހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ
މި ތިން ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން ވަނީ އަނބުރާ ގެެންގޮސްފަ އެވެ.