މިއަހަރު އޮންނަ ރިޔާސީ އިންތިޙާބުގެ ތާރީޚު އިޢުލާންކުރުން އަންނަ ބުރާސްފަތި ދުވަހަށް ލަސްކޮށްފައިވާކަމަށް އިލެޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚު ކަނޑައަޅައިފި ކަމަށާއި އަދި އިންތިޚާބާ ގުޅޭ ފަރާތްތަކާއެކު ބުރާސްފަތި ދުވަހު ޚާއްޞަ ހަފްލާއެއް ބާއްވާނެ ކަމަށާއި ތާރީޚު އިއުލާނުކުރާނީ އެ ޙަފްލާގައި ކަމަށެވެ.
ސިޔާސީ ފަރާތްތަކާއި އަދި އިންތިޚާބާ ބެހޭ ސްޓޭކްހޯލްޑަރުންނާއި މީޑިއާވެސް މި ހަފްލާގައި ބައިވެރިކުރާނެ ކަމަށް އީސީން ބުނެއެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ދަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންތިހާބާ ގުޅޭ ގައުމީ ލަފާދޭ ކޮމިޓީ މިހާރު ވަނީ އެކުލަވާލާފަ އެވެ. އެ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ވެސް ބޭއްވި އެވެ.
އިންތިހާބަށް ލަފާދޭ ކޮމިޓީ އީސީން އެކުލަވާލާފައިވާއިރު އިންތިހާބަށް ތައްޔާރުވުމުގެ އެހެނިހެން މަސައްކަތްތައް ވެސް ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެގޮތުން ވޯޓު ފޮށި ބަހައްޓާނެ ތަންތަން ކަނޑައަޅައި ވޯޓް ލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް ވެސް އެކޮމިޝަނުން މިހާރު ވަނީ ފަށާފަ އެވެ.
އަދި މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މި މަހުގެ ތެރޭގައި އާންމުކުރާނެކަމަށް އީސީން ބުނެއެވެ