އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއާ ދެމެދު ކާގޯގެ ޚިދުމަތްދޭން މިއަދު ފަށައިފި ކަމަށް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން ވިދާޅުވެއްޖެއެވެ. އެސްޓީއެލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝަފީއު ވިދާޅުވީ މިއަދު ފުވައްމުލަކުން އައި ކާގޯފެރީންވެސް 90 މީހުން އައިސްފައިވާ ކަމަށެވެ. އެއީ 100 މީހުންގެ ޖާގައިގެ ފެރީއެކެވެ. މިފެރީ އައްޑޫސިޓީ ފޭދޫ ބަނދަރުން ފުރީ 2:00 ގައެވެ. ޝަފީއު ވިދާޅުވީ މިދަތުރުތައް އަދި އޮންނާނީ ކޮންމެ ހަފްތާއަކު އަންގާރަ ދުވަހު ކަމަށެވެ. އެހެންނަމަވެސް ޑިމާންޑު އިތުރުވާ ވަރަކަށް ދަތުރުތައްވެސް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. “ކާގޯ ފެރީގެ ދަތުރުތައް އަޅުގަނޑުމެން ފަށައިގަންނައިރު މިބާއްވަނީ ކޮންމެ ހަފްތާއަކު އަންގާރަދުވަހު އެކަނި. އެކަމަކު ޑިމާންޑް އިތުރުވާ ވަރަކަށް ދަތުރުވެސް އިތުރުވާނެ،” ޝަފީއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ފެރީގައި ތަރުކާރީއާއި މޭވާއި އަދިވެސް އެހެނިހެން ބާވަތްބާވަތުގެ މުދާ އުފުލޭނެ ކަމަށެވެ. އަދި ފުވައްމުލަކުން އުފައްދާ ދަނޑުވެރިކަމުގެ ބާއްވަތްތައް އައްޑުއަށް ފޮނުވަން ބޭނުވެ ނުފޮނުވި ތިބި މީހުންގެ އިންތިޒާރަށް މިކަމުގެ ސަބަބުން ނިމުމެއް މިހާރުވަނީ އައިސްފައެވެ. މިއީ ބޭރުން ގަންއިންޓަރނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ބޭރުން މުދާގެނެސްގެން ފުވައްމުލަކު ސިޓީގައި ވިއްކުމަށް ލިބުނު ރަނގަޅު ފުރުސަތަކަށްވާނެއެވެ. އެގޮތަށް މުދާ ވިއްކުމުން މާލޭ މަގުން މުދާ ގެނެސްގެން ވިއްކުމަށްވުރެ ހެޔޮ އަގެއްގައި ވިއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ބައެއް ވިޔަފާރިވެރިންވެސް ވަނީ ބުނެފައެވެ.