English Edition
Dhivehi Edition

މިނިވަންކަޕް 2017 ގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗް އޭޓީ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ. ރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗު އޭޓީއިން ކާމިޔަބުކުރީ ރިސޯޓް ބޯއިސް އާއި ބައްދަލުކޮށް 7 ލަނޑު 1 ލަނޑުންއެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އޭޓިގެ ސިޔާމުއެވެ. ސިޔާމުގެ ލަނޑާއެކު މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ރިސޯޓް ބޯއިސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގެ އެގާރަވަނަ މިނިޓްގައި މެދު ރޮނގާ ހަމައިން ރިސޯޓް ބޯއިސްގެ ރައިހާނު ފޮނުވާލި ބޯޅަ ގޯލަށް އާމާޒުކޮށް އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި އޭޓީއިން ވަނީ މޮޅު ކުޅުމެއް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ސައްބީސްވަނަ މިނިޓްގައި އޭޓީގެ ޝާއްޕެ ޖެހިގޯލާއެކު އެ ޓީމުން ވަނީ މެޗުގެ ލީޑު ހިފެހެއްޓުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ ވަރަށް ކައިރިކައިރީގައި އޭޓީ އިން ވަނީ ހަތަރު ލަނޑުޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ގޮތުން މެޗުގެ ތިރީސް ވަނަ މިނިޓްގައި ޝާއްޕެ ޖެހި ގޯލާއެކު، އޭގެ އެއް މިނިޓްފަހުން ހުސެއިން ޝަރީފު(އޮންލީ) ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ތުރީސްތިންވަނަ މިނިޓްގައި ޝިރައްޓޭޖެހި ލަނޑާއެކު އޭޓީ އިން ވަނީ ހަމަޖެހިލާފައެވެ. ރިސޯޓް ބޯއިސް އިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި މަސައްކަތްކުރި ނަމަވެސް އޭޓީއިން ވަނީ އެ ޓީމު ހިފަހައްޓާ އިތުރު ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުދީފައެވެ. މެޗު ނިމެން ތިން މިނިޓަށްވެފައިވަނިކޮށް އޭޓީއިން ވަނީ އިތުރު ދެ ލަނޑުޖަހާފައެވެ. މި ދެ ލަނޑު އޭޓީއަށް ކާމިޔާބުކޮށްދިނީ މެޗުގެ ތިރީސް އަށްވަނަ މިނިޓާއި، ތިރީސް ނުވަ ވަނަ މިނިޓްގައި ސިޔާމުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭޓީގެ ސިޔާމު އެވެ. ރޭ ފައިނަލްގެ ފުރަތަމަ ޖާގަ އޭޓީއިން ކާމިޔާބުކޮށްފައިވާ އިރު އެ ޓީމު ފައިނަލަށް ދަތުރު ކުރީ ކުޅުނު އެއް މެޗު ފިޔަވައި ހުރިހާ މެޗަކުން މޮޅު ވެގެންނެވެ.