English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ އީދިގަލިކިޅި ސަރަހައްދުގައި ތައްޔާރުކުރަމުންދާ ނޭޗަރ ޕާކުގެ ވިޒިޓަރ ސެންޓަރުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.

އައްޑޫ ނޭޗަރ ޕާކަކީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕާކު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގައެވެ.

ވިޒިޓަރ ސެންޓަރުގައި ރެސްޓޯރެންޓެއް ހިންގުމަށް މީގެ ކުރިން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށް އެންވަޔަރު މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ވާގޮތުގައި މިބީލަމުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން އަލުން މިޕްރޮޖެކްޓްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާކަށް ނުޖެހޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން www.environment.gov.mv މި އެޑްރެހަށް ޖޫން 3 ވަނަ ދުވަހުގެ 12:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްދެވޭނެކަމަށް ވެސް އިއުލާނުގައި ވެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 މޭ 31ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.