ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވައިލުމަކީ ކުށެއް ކަމަށް އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ގަވަރުމެންޓް އީލެޓާ މެނޭޖްމަންޓް ސިސްޓަމް(ޖެމްސް) ހުއްޓުމަކަށް ގެނައި ކަން ސާބިތުވެ ޖަލަށް ލުމުށް ހުކުމް ކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހާޒިރުވެވަޑައިގަތް މިއަދުގެ އިސްތިއުނާފް އަޑުއެހުމުގައި ދިފާއީ ނުކުތާތައް ހުށަހަޅުއްވާފައި ވަނީ އޭނާގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު އެވެ. ނުކުތާތައް ހުށަހަޅުއްވަމުން ނޫރު ވިދާޅުވީ ސުޕްރީމް ކޯޓު ތެރޭގައި ޖެމްސް ސިސްޓަމް ހުއްޓުމަކަށް ގެނައުމަކީ ގާނޫނީ ކުށެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހުކުމެއް ނުކުރެވޭނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުވާލަން އެންގި މައްސަލާގައި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވެ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން، ހައި ކޯޓުގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެ މަނިކުފާނުގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ޖެމްސް ސިސްޓަމާ ގުޅޭ ގޮތުން ދައުލަތުން ދަށު ކޯޓަށް ހުށަހެޅި، ރައީސް އޮފީހުގެ ލިޔުމުން އެނގެނީ ޖެމްސް އަކީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔުންތައް ބަދަލުކުރަން ބޭނުންކުރާ ނިޒާމެއް ކަން ކަމަށެވެ.
ސުޕްރީމް ކޯޓަކީ ސަރުކާރުގެ އިދާރާއެއް ނޫން ކަމަށާއި އެއީ ގާނޫނީ ގޮތުން މިނިވަން ބާރެއް ކަން ފާހަގަ ކުރައްވައި، ނޫރު ވިދާޅުވީ ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވައިލުމަކީ ކުށެއް ކަމަށް އެއްވެސް ގާނޫނެއްގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ޖެމްސް ހުއްޓުވައިލިޔަސް، ސުޕްރީމް ކޯޓުގެ ކައުންޓަރު މެދުވެރިކޮށް އެ ކޯޓަށް ހުށަހަޅަން ބޭނުންވާ ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށާއި އެކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ނޫރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުކޮށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ޣައިރު ޤާނޫނީ ބަންދެއްގައި ބަހައްޓައިގެން، ޣައިރު ޤާނޫނީ ތަހްޤީގެއް ހިންގައި، އިސްލާމީ ޝަރީއަތާ ހިލާފަށް ހެކި ހުށަހަޅައި، ޤާނޫނާ ހިލާފަށް ހެކިބަސް ނަގައިގެން ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ އުއްތަމަ ފަނޑިޔާރުގެ ފަރާތުން އިސްތިއުނާފުކޮށް އެމަނިކުފާނުގެ ވަކީލުން ވަނީ 13 ނުކުތާއެއް ފާހަގަކޮށްފައެވެ. މިއަދުގެ އަޑު އެހުމުގައި އޮތީ މި ނުކުތާތަށް ޝަރީއަތަށް ހުށަހެޅުމެވެ.
މި މައްސަލައިގައި ދެން އޮންނަ އަޑު އެހުމެއްގައި އޮންނާނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ކަންކަމަށް ދައުލަތުން ޖަވާބުދާރީވުމެވެ. މިއަދުގެ އަޑު އެހުން ނިންމަވާލެއްވީ މި މައްސަލައިގައި ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ޝަރީއަތުން ވިދާޅުވުމަށް ފަހުގައެވެ.